ހަބަރު

ދެކުނުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ ގެއްލުން ވެއްޖެ

ދެކުނަށްކުރާ ވިއްސާރާގައި ޏ. ފުވަމުލަކުގައި ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެ ގެއްލުން ލިބިއްޖެ އެވެ.

ފުވަމުލަކު ފުނާޑޫ ދާއިރާ ކައުންސިލްގެ ރައީސް އަލީ ވިސާމް ހުސެއިން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުވަމުލަކު އެކި ހިސާބުތަކަށް އިއްޔެ ހަވީރު 5:30 އެހާކަންހާއިރުން ފެށިގެން ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން ފެންބޮޑުވެ ގެތަކަށް ފެންވަދެ ބައެއް ކަހަލަ ގެއްލުން ލިބިފައިވާ ކަމަށެވެ.

"އިއްޔެއް 5:30 އިން ފެށިގެން ބޯކޮށް ހުއްޓާނުލާ ވާރޭވެހި މުޅި ފުވަމުލަކު ކަހަލަ ގޮތަކަށް މިވަނީ ފެންބޮޑުވެފަ. އޭގެ ސަބަބުން ގޭގެޔަށް ފެންވަދެ ގެއްލުން ލިބިފަ ހުރި،" ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭގެޔަށް ފެން ވަދުމުގެ ސަބަބުން އެމްއެންޑީއެފް އިން ފުވަމުލަކު އެކި ހިސާބުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިއަވުގުތަށް އޮތީ ވާރޭ ހުއްޓާލާފައި ކަމަށެވެ.

މިއަދު ފުވަމުލަކުގެ އިތުރުން ސ. ހިތަދޫ، ގއ. ވިލިނގިލި، ގދ. ގައްދޫގެ ގައިވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ދެކުނުގެ ބައެއްއެ ރައްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން އެރައްރަށުގައި ހަރަކާތްތެރިވެ ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.

މޯލްޑިވެސް މީޓިއޮރޮލިޖިކަލް ސެންޓަރުން މިއަދު ވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވާން އަންގައި ޔެލޯ އެލާޓު ނެރެފަ އެވެ.