އާސެނަލްގެ މިޑްފީލްޑާ މެސްޓް އޮޒިލްގެ ކުރިމަގާ ބެހޭގޮތުން ކުރިއަށް އޮތް 10 ދުވަސްތެރޭ ވަކި ގޮތެއް ހަމަޖެހިގެން ދާނެ ކަމަށް އޭނާގެ އެޖެންޓް އާކްޓް ސޮގްޓް ބުނެފި އެވެ
އިނގިރޭސި ވިލާތުން ބޭރު ކޮންމެ ކުލަބަކާ، މިމަހު އެކަކުން ފެށިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ވަނީ އޮޒިލްއަށް ލިބިފަ އެވެ. އެއީ އާސެނަލް އާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު ހަ މަހަށް އެޅުމުންނެވެ.
މި ސީިޒަންގައި އާސެނަލްގެ އެއްވެސް މުބާރާތެއްގައި އޮޒިލް ނުހިމެނުމަށް އެ ޓީމުގެ ކޯޗް މިކަލް އާޓެޓާ ވަނީ ނިންމާފަ އެވެ. އާސެނަލް އާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އޭނާ އަށް މުސާރައިގެ ގޮތުގައި ހަފުތާ އަކުން 350،000 ޕައުންޑް ލިބެ އެވެ. އެ ކޮންޓްރެކްޓް ހަމަ ވާނީ އަންނަ ޖޫން 30 ގަ އެވެ.
އެހެންނަމަވެސް މިހާރު ފެށިފައިވާ ފިނި މޫސުމުގެ ޓްރާންސްފާ ޕިރިއަޑްގައިވެސް އިނގިރޭސި ވިލާތުން ބޭރު ކޮންމެ ކުލަބަކަށް ވެސް އޮޒިލް ދޫކޮށްލަން އާސެނަލް އޮތީ ތައްޔާރަށެވެ.
އޭނާ ގެންދަން، އެމެރިކާ، ތުރުކީ އަދި އޭޝިއާގެ ކުލަބު ތަކުންވެސް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އިއްޔަ މީޑިއާގައި ދައުރު ވަމުން ދިޔަ ވާހަކަ އަކީ ތުރުކީގެ ފެނަބާޗޭ އަށް އޮޒިލް ބަދަލުވާން އަނގަ ބަހުން އެއްބަސް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އެޖެންޓް ބުނީ އަދި އެއްވެސް ކަމެއް ފައިނަލު ނުވާ ކަމަށެވެ.
ފެނަބާޗޭގެ އިތުރުން އެމެރިކާގެ ޑިސީ ޔުނައިޓެޑުން ވެސް ވަނީ އޮޒިލް ގެންދަން ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ވޮށިޓަންގެ ކުލަބާ ގުޅުވައި އޮޒިލް އާ ބެހޭގޮތުން އެންމެ ފުރަތަމް ޓްރާންސްފާގެ ޚަބަރު ފެތުރުނީ އޯގަސްޓް 2019 ގަ އެވެ.
އީއެސްޕީއެން އަށް ދިން އިންޓަވިއުގައި އެޖެންޓް ސޮގްޓް ބުނީ، އޮޒިލްގެ ޓްރާންސްފާ އާ ބެހޭގޮތުން ވާހަކަ ދައްކަން ގާނޫނީ ހުއްދަ ލިބުނީ މި މަހު އެކެއްގައި ކަމަށާއި އޮޒިލް އަށް ހުރި ފުރުސަތު ތަަކަށާއި ތަފުސީލުތަކަށް ބަލަމުންދާ ކަމަށެވެ.
"ކުލަބު ތަކަކާ ސީދާ އަހަންނަކަށް ވާހަކައެއް ނުދެއްކޭނެ ސަބަބަކީ އެކަން ޕްރޮފިޝަނަލް ކަމަކަށް ނުވާނެ، އަދި މެސްޓްގެ ކޮންޓްރެކްޓްގައި އާންމު އުސޫލުން ހަމަ ވެސް އެބައޮތް. އަަހަރެން އެކި މީހުންނާ ވާހަކަ ދައްކާނަން މެސްޓްއަށް ހުރި އެންމެ ރަނގަޅު ފުރުސަތު ތަކާ ބެހޭގޮތުން،" ސޮގްޓް ބުންޏެވެ.
"ފަހަރެއްގައި ހޫނު މޫސުން އަންނަ ދެން އޭނާ އާސެނަލްގައި މަޑުވެސް ކޮށްފާނެ. ފަހަރެއްގައި އޭނާ ހިނގައިވެސް ދާނެ. މެސްޓް އިސްކަން ދެނީ ޓީމުގައި މަޑު ކުރަން. އެހެން ނަމަވެސް ފުޓްބޯޅައިގައި ވާނެ ގޮތެއް ނޭންގޭނެ. ފުޓްބޯޅައިގައި ކަންކަން ދާނީ ވަރަށް އަވަހަށް ބަދަލު ވަމުން ޖަނަވަރީ އަދި ހޫނޫ މޫސުމަށް ހުރި ފުރުސަތުތައް ވެސް އަހަރެމެން މި ދަނީ ބަލުމުން."