އިލެކްޝަންސް ކޮމިޝަން

އިންތިހާބަކާ ނުލައި މަގާމުގައި ތިބި ޝަކުވާ ބަލަން ފަށައިފި

އަދާލަތު ޕާޓީގެ ރަައީސްގެ މަގާމުގައި ހުންނެވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރު ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޕާޓީގެ މަގާމުގައި ދެމި ތިއްބެވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި މައްސަލަ ބަލަން ފަށައިފި އެވެ.

އަދާލަތުގެ ރައީސް ކަމުގެ މަގާމާއި ނާއިބު ރައީސް ކަމުގެ މަގާމުގެ މުއްދަތުގެ ޖުލައި 16، 2016 އަށް ވަނީ ހަމަވެފަ އެވެ. އެއީ ޖުލައި 17، 2011 ގައި ފެށުނު އެޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. އޭގެ ފަހުން އެޕާޓީން އިންތިހާބެއް ބާއްވާފަ އެއް ނުވެއެވެ. އަދި އިންތިހާބަކަށް ހުޅުވާލާފައެއް ވެސް ނުވެއެވެ.

މިދިޔަ ހަތަރު އަހަރާއި ފަސް މަސް ދުވަހު ޕާޓީގެ ރައީސް ކަމުގައި އިމްރާން އަބްދުﷲ އަދި ނައިބު ރައީސް ކަމުގައި އަލީ ޒާހިރު ހުންނެވީ އިންތިހާބެއް ނެތި، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހުތަކަކާއެކުގަ އެވެ. އެ އިސްލާހުތައް ވެސް ގެނެސްފައި ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ދައުރު ހަމަވި ފަހުން އޯގަސްޓް 16، 2016 ގައެވެ.

އަދާލަތުގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާގައި ބުނެފައި ވަނީ ޖުލައި 17، 2011 ގައި ފެށުނު އަދާލަތު ޕާޓީގެ ދެވަނަ ދައުރުގެ ގާނޫނީ މުއްދަތު -- އިންތިހާބީ ފަސް އަހަރުގެ މުއްދަތު -- ޖުލައި 16، 2016 އަށް ހަމަވެފައިވާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީސް ފިޔަވައި އެހެން ހުރިހާ މަޖިލިސްތަކާއި ކޮމެޓީތަކާއި މަގާމުތަކުގެ ގާނޫނީ ހައިސިއްޔަތު ދައުރު ނިމުނު ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އަދާލަތު ޕާޓީގެ ތިންވަނަ ދައުރެއް ގާނޫނީ ގޮތުން ނުފެށިވާ ކަމަށާ އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ވެސް ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.

އަދާލަތު ދުސްތޫރުގެ 44.1 ވަނަ މާއްދާގައިވާ ގޮތުން ޕާޓީގެ އެކިއެކި މަޖިލިސްތަކަށާއި މަގާމުތަކަށް މީހުން އައްޔަން ކުރަނީ ނުވަތަ ހޮވާނީ ޕާޓީގެ އިންތިހާބީ އެއް ދައުރަށެވެ. ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ. ދައުރުގެ މެދުތެރެއިން ޕާޓީގެ މަގާމަކަށް މީހަކު ހޮވުނަސް ނުވަތަ އައްޔަން ކުރި ނަމަވެސް އެމީހެއްގެ މަގާމު ދެމި އޮންނާނީ އޭރު ހިނގަމުންދާ ދައުރު ނިމެންދެނެވެ.

އެހެން ކަމުން މިދިޔަ ހަތަރު އަހަރާއި ފަސް މަސް ދުވަހު އަދާލަތު ޕާޓީ ހިންގާފައި ވަނީ ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަކާއި ނުލައި، އެ މަގާމުތަކުގައި ކުރީން ތިއްބެވި ބޭފުޅުންގެ ހުދުމުހުތާރު ގޮތެއްގައި ގާނޫނާއި އަދި އަދާލަތު ޕާޓީގެ ދުސްތޫރާއި ހިލާފަށް ކަމަށް އީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

"... އަދާލަތު ޕާޓީގެ ދެވަނަ ދައުރު ނިމުނު ފަހުން 30 ވަނައަށް ވީ ދުވަހު [އޮގަސްޓް 16، 2016] ގައި ދައުރު ހަމަވެފައިވުމުގެ ސަބަބުން ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ 'ނުވަތަ ދުސްތޫރު އުވިފައިވާ' އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކުން ދުސްތޫރުގެ 18.1 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް 'ޕާޓީގެ ގައުމީ މަޖިލީސް ފަސް ކުރުމަށް ނިންމައިފި ހިނދެއްގައި މަގާމުތަކުގައި ތިބި މީހުންގެ ދައުރު ގައުމީ މަޖިލިސް ބޭއްވުމާއި ހަމައަށް ދެމިގެންދާނެ' ކަމަށް ނިންމާފައި ވެއެވެ،" މެންބަރުންގެ ޝަކުވާގެ ސިޓީގައި ވެއެވެ.

މި ސިޓީގައި އިތުރަށް ބުނެފައި ވަނީ އަދާލަތުގެ ދުސްތޫރަށް ގެެނެސްފައިވާ ޣައިރު ދުސްތޫރީ އިސްލާހެއްގެ މައްޗަށް ބިނާކޮށް ޕާޓީގެ ނިމިފައިވާ ދައުރެއްގެ މުއްދަތު އިތުރަށް ދަންމަން ނިންމައި މަޖިލީސްތަކާއި ކޮމެޓީތަކާއި މަގާމުތައް ދެމިގެންވާ ކަމަށް އެ މަޖިލީހުން އަމިއްލައަށް ކަނޑައަޅާ ޑިމޮކްރަޓިކް އުސޫލުތަކާއި ހިލާފަށް ހުދުމުހުތާރު ގޮތެއްގައި ބައްދަލުތަކެއް އެޕާޓީގެ ރަައީސް އިމްރާން އަބްދުﷲ އިސް ނެންގެވުމަށް ގެންނަމުން ދާތީ އީސީގެ ރައީސް އަހުމަދު ޝަރީފާއި ކޮމިޝަންގެ މެންބަރުންގެ ސަމާލު ކަމަށް ގެންނަ ކަމަށެވެ.

އެ ގޮތުން ކުރިއަށް އޮތް ދައުރުގައި އަދާލަތުގެ ރިޔާސަތަށް ގިނަ މީހުން ވާދަ ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެޕާޓީއަށް އަލަށް ގުޅޭ މެންބަރުންނަށް 10 އަހަރު ފަހުން ނޫނީ ޕާޓީގެ ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތް ހެދުމާއި ނާއިބު ރައީސުންނަކީ ރައީސް އިހުތިޔާރު ކުރާ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އަދާލަތުގެ ދުސްތޫރު ބުނާ ގޮތުން އިލްމުވެރިންގެ މަޖިލީހުގެ މެންބަރުންނަކީ އުމުރަށް އައްޔަން ކުރެވޭ ބައެކެވެ. އިލްމުވެރިންގެ މަޖިލީހުގެ މެންބަރަކު އަމިއްލައަށް އިސްތިއުފާ ދިނުން ނުވަތަ ޕާޓީގެ މެންބަރުކަން ގެއްލުން ނޫނީ ސުލޫކީ ކޮމެޓީން އެ މެންބަރަކާއި މެދުު އަޅާ ފިޔަވަޅަކުން ނުނީ އިލްމުވެރިންގެ މަޖިލީސް މެންބަރުންގެ މަގާމު ނުގެއްލޭނެ އެވެ. ދުސްތޫރުގައިވާ ގޮތުން އިލްމުވެރިންގެ މަޖިލީސް މެންބަރުންނަކީ މަޝްވަރާ މަޖިލީހުގެ މެންބަރުންނެވެ. އެހެން ކަމުން އަދާލަތުގައި ގާނޫނީ ހައިސިއްޔަތެއް އޮތް ހަމައެކަނި މަޖިލީހަކީ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުން ކަމަށް އެ ސިޓީގައިވެއެވެ.

އެ ސިޓީގައި ވަނީ މަޝްވަރާ މަޖިލިސް ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަކީ އުފެދުމުގައިވެސް ބާތިލް އެއްޗެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދިފައެވެ. އަދި އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން ގައުމީ މަޖިލިސް ބޭއްވުމަށް ޕާޓީތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން އަމުރުކޮށްދީ އަދާލަތުގެ މެންބަރުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ވަނީ އެދިފައެވެ.

އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް އަވަސްއަށް ވިދާޅުވީ އަދާލަތު ޕާޓީގެ އާންމު މެންބަރުން ހުށައެޅި ޝަކުވާތައް ބަލަމުންދާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އީސީގެ ގާނޫނީ ޓީމުން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

"މިވަގުތު ލީގަލް ޓީމުން އެ ދަނީ އެ ސިޓީއާ ގުޅޭ ކަންކަން ބަލަމުން. ލީގަލް ޓީމުގެ ލަފާ ލިބުމުން ކޮމިޝަންގެ ނިންމުން ނިންނާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކާއި ގުޅޭ ޝަކުވާއެއް އެ ކޮމިޝަނަށް ހުށައެޅުނު ނަމަވެސް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަދި އެ ޝަކުވާތަކަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.