ރޭގެ މެޗާ ހަމައަށް ޑޮމެސްޓިކް އެއްވެސް މެޗަކުން ބަލި ނުވެ، ސެރީ އާ ގެ އެއްވަނައިގައި އޮތް އޭސީ މިލާންގެ މައްޗަށް 3-1 ޔުވެންޓަސް މޮޅުވެ، މިލާންއިން ބަލި ނުވެ ދަމަހައްޓަމުން ދިޔަ ޓްރެކަށް ނިމުން ގެނެސްފި އެވެ.
ޑޮމެސްޓިކް ސީޒަންގެ މެޗަކުން މިލާން ބލިވީ 27 މެޗަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މާޗް މަހު ލޮކްޑައުން އަށް ލީގް މެދުކަނޑާލި ފަހުން ރޭގެ މެޗާ ހަމައަށް މިލާން އެއްވެސް މެަކުން ބަލި ނުވެ އެވެ. ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކޮށް ޖޫން މަހު އަލުން ލީގް ކުޅެން ފަށައި މިދިޔަ ސީޒަންގައި ކުޅުނު 12 މެޗުން ވެސް ބަލި ވެފަ އެއް ނުވެ އެވެ. އަދި ރޭ ގެ މެޗާ ހަމައަށް މި ސީޒަންގައި ލީގްގައި ކުޅުނު 15 މެޗުން ބައްޔެއް ނުވެ އެވެ.
ރޭ ގެ މެޗުގައި، ޔުވެންޓަސްގެ ފެޑެރީކޯ ކިއޭޒާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެއީ ޔުވެންޓަސްގެ މެޗެއްގައި ކިއޭޒާ އެއް ލައްނަޑަށް ވުރެ ގިނަ އިން ލަނޑު ކާމިޔާބު ކުރި ފުރަތަމަ މެޗެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 17 ވަނަ މިނެޓްގައި ޕައުލޯ ޑިބަލާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާންގެ ޑޭވިޑެ ކަލާބްރިއާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެހެން ނަމަވެސް ދެ ވަނަ ހާފަށް ނުކުމެ ކިއޭޒާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޑިބާލާ އެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ވެސްޓަން މެކިނީ އެވެ.
މިލާން އިން މި ފަހުން ކުޅުނު މެޗުތައް ކުޅުނީ، ޓީމުގެ ތަރި ޒްލަޓާން އިބްރަހިމޮވިޗް ނުލަ އެވެ. އަނިޔާގެ ސަބަބުން ލީގްގައި އަށް މެޗުން އޭނާ އަށް ފުރުސަތު ގެއްލުނީ އެވެ. އޭގެ އިތުރަށް އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަކީ މެޗު ފަށަން މަދު ގަޑިއިރު ތަކަކަށް ވެފައި ވަނިކޮށް ފޯވަޑް އެންޓޭ ރެބިޗް އަދި މިޑްފީލްޑާ ރޭޑް ކުރުނިޗް ކޮވިޑަށް ޕޮޒިޓިވް ވެގެން އެކަހެރި ކުރަން ޖެހުމެވެ.
އިބްރަހިމޮވިޗްގެ އިތުރުން އިސްމާއީލް ބެންނާސިރު އަދި އެލެކްސިސް ސޭލާމައިކާސް ވެސް ހުރީ އަނިޔާގަ އެވެ. ސެންޑްރޯ ޓޮނާލީ ހުރީ ސަސްޕެންޝަންގަ އެވެ.
ސްޓެފަނޯ ޕިއޮލީގެ ޓީމު މެޗުން ބަލިވިޔަސް ތާވަލުގެ އެއް ވަނައިގައި އޮވެ އެއް ޕޮއިންޓްގެ ލީޑް ވަނީ ދަމަހަައްޓާފަ އެވެ. އެއީ އަމިއްލަ ސިޓީގެ ވާދަވެރިޔާ އިންޓަ މިލާނަށް އެއް ވަނައަށް ދާން ލިބުނު ފުރުސަތު ރޭ ގެއްލުމުންނެވެ. ސަމްޕްޑޯރިއޯ އާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ ބަލިވީ 2-1 ންނެވެ.
ޔުވެންޓަސްގެ އެލެކްސް ސެންޑްރޯ އަދި ހުއާން ކްއަޑްރާޑޯ އަށް ވެސް ވައިރަސް ޖެހި އެ ދެ ކުޅުންތެރިން ވެސް ވަނީ އެކަހެރި ކޮށްފަ އެވެ. އެންޑްރެއާ ޕިރްލޯގެ ޓީމު ވަނީ ހަތަރު ވަނަ އަށް ޖެހިލާފަ އެވެ. އެ ޓީ މު ވަނީ މިލާން އާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ހަތް ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. މިލާން ވަނީ ޔުވެންޓަސް އަށް ވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.