މެންޗެސްޓާ ސިޓީ

ޔުނައިޓެޑް ބަލިކޮށް ސިޓީ ފައިނަލަށް

އިނގިރޭސި ވިލާތުގެ މެންޗެސްޓާއަށް ނިސްބަތްވާ ދެ ކުލަބުގެ ކުރިމަތިލުމުގައި މެންޗެސްޓާަ ޔުނައިޓެޑްގެ މައްޗަށް 2-0 ން މޮޅުވެ، މެންޗެސްޓާ ސިޓީ އިނގިރޭސި ލީގް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޖޯން ސްޓޯން އާއި ފެނާންޑީނިއޯގެ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުން މޮޅުވެ، ގާޑިއޯލާގެ ޓީމުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގް ކަޕްގެ ފައިނަލަށް ޖާގަ ހޯދައި ޖެހިޖެގެން ހަތަރު ވަނަ ފަހަރަށް ލީގް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ފަހިވީ އެވެ. އެ ރެކޯޑް މީގެ ކުރިން ހެދުނު ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. އޭޕްރީލް 25 ގައި ވެމްބްލީގައި ކުޅޭ ފައިނަލު މެޗުގައި ސިޓީ އާ ދެކޮޅަށް ނުކުންނާނީ ހޯޒޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް އެވެ.

ޔުނައިޓެޑުން އެންމެ ފަހުން ހޯދި ތައްޓަކީ، މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން 2017 ވަނަ އަހަރު ހޯދި ލީގް ކަޕެވެ. މިހާރުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާގެ ކޯޗް ކަމުގެ ދަށުން ޓައްޓެއް ހޯދުމަށް އުންމީދު ކޮށްގެން ތިބި ޔުނައިޓެޑް ވީ ބައްޔަކީ، މިދިޔަ ދެ އަހަރު ތެރޭ އެ ޓީމު ބަލިވި ހަތަރު ވަނަ ސެމީ ފައިނަލެވެ.

އުމުރުން 74 އަހަރުގައި އަންގާރަ ދުވަހު މަރުވި ސިޓީގެ ލެޖެންްޑް ކޮލިން ބެލްގެ ހަނދާން މެޗު ފެށުމުގެ ކުރިން އާ ކުރި އެވެ. ސިޓީން އިއުލާަން ކޮށްފައި ވަނީ އެ ކުލަބަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ކޮލިން ބެލް ހިމެނޭނެ ކަމަށެވެ. އޭނާގެ ހަނދާން މެޗު ފެށުމުގެ ކުރިން އާ ކުރިއރު އޯލްޑްޓްރަފާޑްގެ ސްޓޭޭންޑްގައި ބަލަން ހުރި، ސިޓީގައި އޭނާއާ އެކު ކުޅުނު މައިކް ސަމާބީގެ ލޮލުން، އޭނާގެ އެކުވެރިޔާގެ ހަނދާނުގައި ކަރުނަ ފާއްދާލި އެވެ.

ޕްރިމިއާ ލީގްގައި، ޔުނައިޓެޑާއި ސިޓީން ވެސް ވަނީ މިފަހުން ކުޅުނު މެޗުތަށް ކާމިޔާބު ކޮށް ލީގް ހޯދުމުގެ އުންމީދު އާ ކޮށްފަ އެވެ. ޑޮމެސްޓިކް ކަޕުގެ ސެމީ ފައިނަލަށް ނުކުތް ނަމަވެސް ދެ ޓީމުގެ ވެސް ކީ ކުޅުންތެރިންނަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. މެޗުގައި ގާޑިއޯލާ ބޭނުން ކުރަން ހުރި ފުރުސަތުތައް ލިމިޓެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ކުލަބުގެ ބައެއް ކުޅުންތެރިންނަށް ވަނީ އަސަރު ކޮށްފަ އެވެ.

އިއްޔެ އަނެއްކާވެސް ކުލަބުން ތިން މީހަކު ޕޮޒިޓިވް ވިކަން ވަނީ ހާމަ ކޮށްފަ އެވެ. ކައިލް ވޯލްކާ އަދި ގެބްރިއަލް ޖެސޫސް ވަނީ 10 ދުވަހުގެ އައިސޮލޭޝަނަށް ފަހު އެނބުރި ޓީމަށް އައިސްފަ އެވެ. ނަމަވެސް އެ ދެ ކުޅުންތެރިން މެޗު ފެށިގެން ނިމެންދެން ހޭދަ ކުރީ ބެންޗުގަ އެވެ.

މިދިޔަ މަހު ލީގްގައި މި ދެ ޓީމު ކުޅުނު މެޗު ލަނޑެއް ނުޖެހި ނިމުނަަސް ރޭގެ ފުރަަތަމަ ހާފުގައިވެސް ދެ ޓީމުން ގޯލް ހުޅުވި އެވެ. އެހެން ނަމަވެސް އޮފް ސައިޑް މަލީގައި ޖެހި އެ ލަނޑުތައް ބަލައެއް ނުގަތެވެ.