ގަތަރާއެކު އޮތް ހާރިޖީ ގުޅުން ރާއްޖޭން އަލުން ގާއިމް ކުރަން ނިންމުމާއެކު، ގަތަރު އެއާވޭސް އިން ތަފާތު މެސެޖެއް ދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އިން ރާއްޖެ މަތިން ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށް ބުނެފައި ވަނީ ރާއްޖޭގެ މި މަންޒަރު އަބަދަށް ފެންނާނެ ކަމަށެވެ.
ގަތަރު އެއާވޭސް އިން ހިއްސާ ކުރި ފޮޓޯގައި އެއާލައިންގެ ފިޔަގަނޑުގެ ދަށުން ފެނިގެންދަނީ ރާއްޖޭގެ ރަށް ތަކެކެވެ. މި ފޮޓޯއަށް އެތައް ބަޔަކު ލައިކްކޮށްފައިވާއިރު ޝެއާ ކޮށްފައި ވެސް ވެއެވެ.
ގަތަރާއެކު އޮތް ހާރިހީ ގުޅުން އަލުން އިއާދަ ކުރަން ނިންމިކަން ދިވެހި ސަރުކާރުން އިއުލާނުކުރީ އިއްޔެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން 5، 2017 ގައި ގަތަރާއެކު ހާރިޖީ ގުޅުން ކަނޑާލީ، ޓެރަރިޒަމްއަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ސައުދީން ސިފަ ކުރުމުން އެ ގައުމުގެ ފަހަތުންނެވެ.
ގަތަރާއެކު އަލުން ގުޅުން ގާއިމުކުރަން ސައުދީން ނިންމުމުން ފަހަތުން ރާއްޖޭން ވެސް އެގޮތަށް ނިންމިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އޭނާ ވިދާޅުވީ، ގަލްފު ސަމިޓަށް ފަހު، ގައުމުތަކުން އެއްބަސްވި އެއްބަސްވުންތަކަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި ގަތަރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި، އެ ގައުމާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމާފައިވާ ކަމަށެވެ.
ގަތަރާއި އީރާނާއެކު ހާރިޖީ ގުޅުން އަލުން ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އަދި މެނިފެސްޓޯގައި ވެސް ލިޔުއްވެވި ވައުދެކެވެ. އެކަމަކު ގަތަރާއެކު ގުޅުން ގާއިމު ކުރުމަށް ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ސައުދީގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސަމިޓަށް ފަހު ސައުދީން އެގޮތަށް ނިންމުމުންނެވެ. މި ނިންމުން އައި އިރު ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރުވެފައި ވެއެވެ.
ރާއްޖެ އާއި ގަތަރާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑަށް އެހީތެރިވީ އެއް ގައުމަކީ ގަތަރެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވުމާއެކު އެންމެ ފުރަތަމަ ޖެއްސީ ވެސް ގަތަރު އެއާވޭސް އެވެ. އަދި މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ގެނެސްދީފައި ވަނީ ވެސް ގަތަރު އެއާވޭސް އެވެ.