ދެހާސް ސާޅީހުގެ ތަސައްވުރާ ގުޅޭގޮތުން ރާއްޖޭގެ ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފި އެވެ.
އެއީ ޕްރޮފެސަރު ހސަން އުގައިލްގެ، "އުގައިލް ފައުންޑޭޝަން" އާއި އެޗްޑީސީގެ ފަރާތުން ހަދިޔާ ކުރި ދެ ފޮތެވެ. އެ ދެފޮތަކީ 'ލައިފް އިން 2040' އާއި '2040 ވަޓް ވުޑް އިޓް ބީ ލައިކް؟' އެވެ. މި ދެ ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި ހަފުލާއެއްގައެވެ.
މި ދެ ފޮތަކީ އެ ފައުންޑޭޝަންގެ ކިޑްސް ސާކަލްއިން އެކުލަވައިލާ ތައްޔާރުކުރި ދެ ފޮތެވެ. މީގެ ތެރެއިން "ލައިފް އިން 2040" ފޮތަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެ ކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ.
އަދި "2040 ވަޓް ވުޑް އިޓް ބީ ލައިކް" ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭގޮތުން އެކުލަވައިލާފައިވާ ފޮތެކެވެ.