ރާއްޖޭގައި ވިޔަފާރި ކުރާ ނަން މަޝްހޫރު ބައެއް ނަންތައް ހިމެނޭ ގޮތަށް 37 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިފި އެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިދޭ ބާރު ބޭނުން ކޮށްގެން، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ގާނޫނުގެ ދަށުން އުވާލި ވިޔަފާރި ތަކުގެ ތެރޭގައި އެކި ވިޔަފާރިތައް ކުރުމުގައި މަޝްހޫރު ނަން ތަކެއް ވެސް ހިމެނެ އެވެ.
އުވާލު 37 ކުންފުނީގެ ތެރޭގައި ހިމެނޭ މަޝްހޫރު ބައެއް ނަންތަކުގެ ތެރޭގައި "ހަވާސާ ޗާޕް" އާއި "ސެލް" އަދި "ސްމައިލް ޑެންޓަލް ކެއާ" ވެސް ހިމެނެ އެވެ. މި ވިޔަފާރިތަކަކީ މިހާރު ވެސް ވިޔަފާރި ކުރަމުންދާ ތަންތަނެވެ.
މި ހުރިހާ ވިޔަފާރި ތަކަކީ ވެސް 2014 އިން 2019 ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ވިޔަފާރިއެއް އުވާލަން ނިންމަކީ ގިނަ ކަންތައްތަކެއް ބެލުމަށްފަހު އެވެ. ކުންފުންޏެއް އުވާލުމުގައި އަމަލުކަން ހާއްސަ ގަވާއިދުގައިވާ ގޮތުން އަހަރީ ފީ ނުދެއްކުން ހިމެނެ އެވެ. ކުންފުންޏެއް އުވާލުމުގެ ކުރިން އެ ވިޔަފާރި އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް އެ ބަޔަކަށް ގިނަ ފުރުސަތު ތަކެއް ދެ އެވެ. އުވާލަން ލިސްޓު އާއްމު ކުރަނީ މި މަރުހަލާތައް ފުރިހަަމަ ކުރުމަށްފަހު އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގިނަ ވިޔަފާރިތަކެއް ހުއްޓިފައި ވާތީ، ގިނަ ކުންފުނިތަކުން މިހާރު މަސައްކަތެއް ނުކުރެެ އެވެ. އެހެންކަމުން ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ކުންފުނިތަކުގެ އަހަރީ ފީދައްކަން އިތުރު މުއްދަތު އިކޮނޮމިކް މިނިސްޓްރީން ދިނެވެ.
ރާއްޖޭގެ ކުންފުނި ދަފުތަރުގައި ގާތްގަނޑަކަށް 14،000 ކުންފުނި ހުރެ އެވެ. އަދި މީގެ ތެރެއިން 7،000 ކުންފުންޏަކީ އުވާލަން ޖެހޭ ކުންފުނި ތަކެވެ. މިހާތަނަށް ގިނަ ކުންފުނިތަކެއް ވަނީ އުވާލާފަ އެވެ.