ލައިފްސްޓައިލް

ހަގީގީ "ޖުދާއީ" - ބޭވަފާތެރިވި ފިރިމީހާ ވިއްކާލީ 1.5 ކްރޯޑަށް

އަނިލް ކަޕޫރާއި ޝްރީދޭވީ އަދި އުރުމިލާ މަޓޯންޑްކަރްގެ "ޖުދާއީ" ބަލާފައި ވާނަމަ މި ހާދިސާ ވަރަށް ރަނގަޅަށް ސިފަކޮށްލަން އެނގޭނެ އެވެ. "ޖުދާއީ" ގައި ޝްރީދޭވީ ވެސް އުރުމިލާއަށް އޭނާގެ ފިރިމީހާ (އަނިލް) ވިއްކާލަނީ އެވެ. އިންޑިޔާގެ މަދްޔަޕްރަދޭޝްގެ ބޯޕާލްގައި ވެސް މިހާރު ހިނގައިގެން އުޅެނީ މި ކަހަލަ ހާދިސާ އެކެވެ.

ބޯޕާލްގައި ދިރިއުޅޭ އަންހެނަކަށް އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ރައްޓެހި ވެގެން އޭނާއަށް ބޭވަފާތެރިވަމުން ދާކަން ފަޅާ އެރި އެވެ. އެހިސާބުން އޭނާ ފިރިމީހާ ވަރިކޮށް އޭނާ ރައްޓެހި ވެގެން އުޅޭ އަންހެންމީހާއަށް ދޭން ނިންމި އެވެ. ނަމަވެސް އެއީ ޝަރުތެއްގެ މަތިންނެވެ. ފިރިމީހާ ވަރިކުރާ މަތިން އޭނާއަށް 1.5 ކްރޯޑު ރުޕީސް ދޭން އަންހެންމީހާ އެއްބަސްވާ ނަމައެވެ.

އިންޑިއާ ޓުޑޭގައިވާ މި ހަބަރު ބުނާ ގޮތުގައި މިކަން މިޑިއާތަކަށް ފެންމަތިވީ މި ދެމަފިރިންގެ އަންހެން ދަރިފުޅު މި މައްސަލަ ބޯޕާލްގެ ކޯޓަށް ހުށަހެޅީމަ އެވެ. މި އަންހެންކުއްޖާ އަކީ އަދި ކުޑަ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ ކޯޓުގައި ބުނީ އެ ކުއްޖާގެ ބައްޕަ އޮފީހުގައި މަސައްކަތްކުރާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. އެހެންވެ ގޭގައި މަންމަ އާއި ބައްޕަގެ އަރާރުން ވަރަށް ގަދަވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އޭނާ އަށާއި އަންހެންކޮއްކޮއަށް ކިޔަވަން ވެސް އުނދަގޫވެފައިވާ ކަމަށެވެ.

އެހިސާބުން މައްސަލަޖެހިގެން އުޅޭ ދެމަފިރިންނަށް ކައުންސިލިން ހޯދަން ކޯޓުން އެންގި އެވެ. ކައުންސިލިން ނެގުމުގެ ތެރޭގައި ފިރިހެންމީހާ ހަގީގަތުގައި ވެސް އޮފީހުގައި އުޅޭ އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފަޅާ އެރި އެވެ. އަދި އޭނާ ލޯބިވެގެން އުޅެނީ އޭނާއަށް ވުރެ މާ ދޮށީ މުއްސަނދި އަންހެނަކާ ކަން ވެސް އެނގުނެވެ. އަދި ފިރިހެންމީހާ ބޭނުންވަނީ އަންހެނުން ދޫކޮށްލާފައި ގޮސް ލޯބިވެރިޔާ އާއެކު ދިރިއުޅެން ކަމަށް ފިރިހެންމީހާ އެއްބަސްވި އެވެ. ފިރިހެންމީހާ ބޭވަފާތެރިވާކަން އެނގުނަސް ވަރިވާކަށް ފުރަތަމަ އޭނާގެ އަންހެނުން ބޭނުމެއް ނުވި އެވެ.

އެތައް ބުރަކަށް ކައުންސިލިން ނެގުމަށްފަހު ދެ މީހުންނަށް އެއްބަސްވުމަކަށް އާދެވުނެވެ. އެއީ ފިރިހެންމީހާގެ ލޯބިވެރިޔާ އަގުބޮޑު ފްލެޓަކާއި 27 ލައްކަ ރުޕީސްގެ ކޭޝް ދޭން އެއްބަސްވާނަމަ އޭނާގެ އަންހެނުން ވަރިއަށް އެއްބަސްވާ ގޮތަށެވެ. ގަންނަ ގޭގެ އަގާއި ނަގުދު ފައިސާގެ އަދަދު އެއްކޮށްލުމުން 1.5 ކްރޯޑު ރުޕީސް އަށް އަރަ އެވެ.

އަންހެންމީހާ ބުނީ އޭނާގެ ދެ ދަރިންގެ ތައުލީމާއި މުސްތަގްބަލަށްޓަކައި މިހާވަރު ލިބުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ. ފިރިހެންމީހާގެ ލޯބިވެރިޔާ މިގޮތަށް އެއްބަސްވުމުން އަންހެންމީހާ ވެސް ވަރިއަށް ވަނީ އެއްބަސްވެފަ އެވެ.

ކައުންސެލާ ކައިރީ އަންހެންމީހާ ބުނީ ބޭވަފާތެރިވާ ފިރިއަކާ އެކު އުޅެން އޭނާ ވެސް ބޭނުން ނޫން ކަމަށެވެ. އޭނާގެ ދަރިން ރަނގަޅަށް ބެލޭނެ ގޮތެއް ހަމަޖެހުނީމަ ވަރިއަށް އެއްބަސްވީ އެހެންވެ ކަމަށެވެ.