ލައިފްސްޓައިލް

ފިރިހެންމީހާ ފިލުމުން ކައިވެނި ޕާޓީއަށް އައި މެހެމާނަކާ ކައިވެނިކޮށްފި

އިންޑިޔާގެ ކަރްނާޓަކާގެ ޗިކަމްގަލޫރޫ ކިޔާ ރަށެއްގައި އޮތް ކައިވެނީގެ ރަސްމިއްޔާތެއް ކުރިޔަށް ދަނިކޮށް ކައިވެނި ކުރަން ހަމަޖެހިފައި އޮތް ފިރިހެންމީހާ ފިލައިފި އެވެ. އޭނާ ދިޔައީ އޭނާގެ ހަގީގީ ލޯބިވެރިޔާ އާ ބައްދަލު ކުރަން ކަމަށް ވެއެވެ. މިކަމާ ރުޅި އައިސްގެން ކައިވެނި ކުރަން ހަމަޖެހިފައި އޮތް އަންހެންމީހާ ވަނީ އެ ރަސްމިއްޔާތަށް ގޮސް ހުރި މެހެމާނަކާ ކައިވެނި ކޮށްފަ އެވެ.

ބެންގަލޯރު މިރާ ނޫހުގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ އަޝޯކް އާއި ނަވީން ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އެއް ތަނެއްގައި އެއް ވަގުތެއްގަ އެވެ. މިދިޔަ ހަފުތާގައި ބާއްވަން އޮތް މި ދެ ކައިވެނީގެ ރަސްމިއްޔާތު ވަރަށް އޮމާން ކަމާއެކު ކުރިޔަށް ދަނިކޮށް ނަވީން އެތަނުން ފިލައިގެން ގޮސް އޭނާ ވީނުވީ ތަނެއް ނޭނގި ގެއްލުނީ އެވެ.

އެންމެން އޭނާ ހޯދާ ހޯދާ ވެސް އެއްވެސް ތަނަކުން އޭނާއެއް ނުފެނުނެވެ. ފަހުން އެނގުނު ގޮތުގައި ނަވީން ކައިވެނި ކުރަން އުޅުނީ އޭނާގެ މައިންބަފައިން ހޯދި އަންހެން ކުއްޖަކާ އެވެ. އޭނާ އަސްލު ރައްޓެހި ވެގެން އުޅުނީ އެހެން އަންހެން ކުއްޖަކާ އެވެ.

އެންމެ ފަހު ވަގުތު ނަވީންގެ ހަގީގީ ލޯބިވެރިޔާ އޭނާއަށް ބިރުދައްކައި އޭނާ ކައިވެނި ކޮށްފިނަމަ، ޕާޓީއަށް ހާޒިރުވެ ތިބި މެހެމާނުން ކުރިމަތީގައި ޒަހަރު ބޮއިގެން މަރުވާނެ ކަމުގެ އިންޒާރު ދިނީ އެވެ. އެހެންވެ ލޯބިވެރިޔާ ރުއްސަން ވެގެން ނަވީން ކައިވެނީގެ ރަސްމިއްޔާތުން ފިލައިގެން ލޯބިވެރިޔާ އާ ބައްދަލު ކުރަން ދިޔައީ އެވެ.

ނަވީން ކައިވެނި ކުރަން ހަމަޖެހިފައިވާ އަންހެންކުއްޖާ އަށް ކިޔަނީ ސިންދޫ އެވެ. ނަވީން ކުއްލިއަކަށް ފިލުމުން ސިންދޫގެ އާއިލާއަށް ހަދާނެ ގޮތް ހުސްވި އެވެ. އަދި ސިންދޫ ވެސް އެއްވެސް ކޮންޓްރޯލެއް ނެތި އަޑުން އަޑުނަގާ ރޯން ފެށި އެވެ. އެހެންވެ ކައިވެނިކުރާ ތަނަށް އައިސް ތިބި މެހެމާނުންގެ ތެރެއިން ސިންދޫ އާ ކައިވެނި ކުރާނެ މީހަކު ވޭތޯ އާއިލާއިން ބަލަން ފެށީ އެވެ.

ނަސީބުން އެތަނުން ވަރަށް ރަނގަޅު މީހަކު ސިންދޫ އާ ކައިވެނި ކުރަން އެއްބަސްވި އެވެ. އެއީ ޗަންދުރައްޕާ ކިޔާ މީހެކެވެ. މިތަނުގައި ވީ ހުރިހާ ކަމެއް ބަލަން ހުރެފައި ޗަންދުރައްޕާ ވަނީ ސިންދޫ އާ ކައިވެނި ކުރަން އަމިއްލައަށް އެދިފަ އެވެ. އެހެންވެ އެއްވެސް ފަސް ކުރުމަކާ ނުލާ ސިންދޫ އާއި ޗަންދުރައްޕާގެ ކައިވެނި އެ ރަސްމިއްޔާތުގައި ކޮށްދީ ހުރިހާ ކަމެއް ވަނީ ނިންމާފަ އެވެ.