ފްރާންސްގެ ގައުމީ ޓީމަށް ކަރީމް ބެންޒެމާ އާ އެކު ކުޅުނު މަތިއު ވަލްބުއޭނާ ބުލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ބެންޒެމާގެ ޝަރީއަތް ފަށަން ތައްޔާރު ވެއްޖެ އެވެ.
ބެންޒެމާ އަށް ދައުވާ ކުރަނީ، ވަލްބުއޭނާ ހިމެނޭ އޮރިޔާން ކާޑުގެ ވީޑިއޯއެއް ލީކް ކޮށްލާނެ ކަމަށް ބުލެކްމެއިލާސް ބުނުމުން، ބްލެކްމެއިލް ކުރި މީހުންނަށް ފައިސާ ދެއްކުމަށް ބެންޒެމާ ވަލްބުއޭނާ އަށް ޕްރެޝަރު ކުރި ކަމަށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތެވެ. ބްލެކްމެއިލް ކުރި ފަރާތްތަކާއެކު ބައިވެރިވި ކަމުގެ ތުހުމަތު ރެއާލް މެޑްރިޑްގެ ފޯވަޑްގެ މައްޗަށް ކުރެވެ އެވެ.
ނޮވެމްބަރު 2015 އިން ފެށިގެން ބެންޒެމާ ވަނީ ފްރާންސްގެ ގައުމީ ޓީމުން ސަސްޕެންޑް ކޮށްފަ އެވެ. ގައުމީ ޓީމުން އޭނާ ސަސްޕެންޑް ކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ. މައްސަލަ ތަހްގީގު ކުރި އޮފިޝަލުން ގަބޫލު ކުރަނީ ބެންޒެމާގެ ކުޑައިރުގެ ރައްޓެއްސެއްގެ ގާތު ބްލެކްމެއިލާ އަކަށް ވެގެން ވަލްބުއޭނާ އަށް އިންޒާރު ދިނުމަށް ބެންޒެމާ ބުނެފައިވާ ކަމަށެވެ. އަދި އެކަމުގައި ފުލހުންނާ މުއާމަލަތް ކުރުމުގެ ބަދަލުގައި ސީދާ ބްލެކްމެއިލް ކުރި ފަރާތްތަކާ ޑީލް ކުރުމަށް ވަލްބުއޭނާ އަށް ބެންޒެމާ ބާރު އެޅި ކަމަށްވެސް އޮފިޝަލުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެ މައްސަލައިގައި އިތުރު ހަތަރު މީހަކަށްވެސް ދައުވާ ކުރެ އެވެ. ބެންޒެމާ އަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގު ކުރެ އެވެ. ސަރީއަތް ފެށާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.