ވާހަކަ

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް؛ 8)

"އައްދޯއި!" ލިއުޝާގެ އަތަށް ތަދުވި ވަރުން އޭނާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އެވަގުތު ލިއުޝާގެ އަތުގައި ހިފައި ބާރުކޮށްގެން ހުރީ މިފްޒާލެވެ.

"މިފްޒާލް." ލިއުޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިފްޒާލް ބަލަން ހުރީ ލިއުޝާގެ މޫނަށެވެ.

"މި އަތުން ދޫކޮށްބަލަ! ވަރަށް ތަދުވޭ." ލިއުޝާއަށް ލިބެމުން ދަނީ ބޮޑު ތަދެކެވެ.

"ތަދު ކުރާށޭ ބޭނުމީ." މިފްޒާލް ހަރުކޮށް ބުނެލިއެވެ. މިފްޒާލް ހިފައި ބާރުކޮށްފައިވާ ލިއުޝާގެ އަތް ރަތް ވާން ފެށިއެވެ. އިތުރަށް ބާރަށް ލިއުޝާގެ އަތަށް ފިއްތާލުމަށްފަހު، މިފްޒާލް ލިއުޝާގެ އަތުން ދޫކޮށްލިއެވެ. އެއާއި އެކު، ލިއުޝާ ވަރަށް އަވަސްކޮށް އޭނާގެ އަތުގައި ފިރުމައިލިއެވެ. އަޅަމުން ދިޔަ ރިހުމަށް ޝިފާއެއް ލިބޭތޯއެވެ.

***

ގޭގެ ތިރީގައި ޒީނާ ގެންދިޔައީ ވަރަށް އަވަސްކޮށް ފޯނުން މެސެޖު ކުރަމުންނެވެ. އިރުއިރުކޮޅާ މަގުގެ ދެފަރާތް ބަލަމުން ގެންދިޔަ ޒީނާ ހީވަނީ މީހަކަށް އިންތިޒާރު ކުރަމުން ދަނީހެންނެވެ. މެންދުރުގެ ހޫނާއި އެކު، ހަލުވި ކަން ވެރިވެފައިވާ ޒީނާގެ މުޅި ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ވަމުން ދިޔައެވެ. ހަމުގެ ހިމަ ލޯވަޅުތަކުން ފެންތިކިތައް ނުކުމެ، ޒީނާގެ މުޅި ހަށިގަނޑު ތެތްމަން ފެށިއެވެ.

ނިތްކުރިިން ދާތިިކިތައް ފޮހެލަމުން، ޒީނާ އަނެއްކާ ވެސް މަގުގެ ދެފަރާތް ބަލައިލިއެވެ. އެއާއި އެކު ސައިކަލްގައި ޒީނާއާ ދިމާލަށް އަންނަމުންދާ ހައިޝަމް ފެނުމާއި އެކު، ފުން ނޭވާއެއް ޒީނާއަށް ލެވުނެވެ.

"ހައިޝަމް. އައިމް ސޮރީ! މިފަދަ ގަޑިއެއްގަ ވަރަށް އަވަސްކޮށް އަންނަން ބުނެވުނީމަ." ޒީނާގެ ކުރިމަތީގައި ހައިޝަމް ސައިކަލް މަޑުކޮށްލުމާއި އެކު، ޒީނާ ބުނެލިއެވެ.

"އެ އޯކޭ ވާނެ. ކިހިނެއްވީ އަނެއްކާ؟ ކޮބާ ލިއު؟" ހައިޝަމް ސައިކަލުން ފައިބަމުން އަހައިލީ ހައިރާން ކަމާއި އެކުގައެވެ.

"އަހަރެން ބޭނުމެއް ނޫން ހައިޝަމަށް ދެރައެއް ދޭކަށް. އެހެންވެ މިތަނަށް ގެނައީ ވެސް." ޒީނާގެ ވާހަކައިގެ ރާގު ބަދަލުވެގެން ދިޔަ ގޮތުން ހައިޝަމަށް އިތުރަށް ލިބުނީ ހައިރާން ކަމެކެވެ. ހިތުގެ ވިންދަށް ލިބުނީ ހީނުކުރާ ވަރުގެ ހަލުވި ކަމެކެވެ.

"ތިބުނީ؟ ލިއު އަށް ކަމެއްވީތަ؟" ހައިޝަމް މަޑުމަޑުން އެހެން އަހައިލީ، އުނދަގު ގޮތަކަށް ހިން ދިރުވައިލަމުންނެވެ.

"އަހަރެންގެ ފަހަތުން އާދޭ!" ޒީނާ މަޑުމަޑުން ސިނޑިއާ ދިމާލަށް ހިނގައިގަތެވެ. ހައިޝަމް ވެސް ވާން މިއުޅޭ ގޮތް ނޭނގޭ ހާލުގައި ލަސްލަހުން ފިޔަވަޅު ނަގަމުން ޒީނާގެ ފަހަތުން ހިނގަން ފެށިއެވެ.

***

"އަހަރެން ކޮންމެ ހާލެއްގައި ވެސް ލިއު ހާސިލު ކުރާނަން!" މިފްޒާލް އޭނާގެ ދެދަތްޕިލަ ޖައްސައި ވާން ކޮށްލަމުން ބުނެލިއެވެ.

"ދުވަހަކުވެސް.. ދުވަހަކުވެސް ނުލިބޭނެ." މިފްޒާލްގެ ވާހަކައަށް ރައްދު ދެމުން ލިއުޝާ އަވަސްކޮށް ބުނެލިއެވެ.

"ހެހެ. ތިކަން މިއަދު އެނގޭނެ." މިފްޒާލް ނުލަފާ ފާޑަކަށް ހީނލިއެވެ. މިފްޒާލްގެ ނުބައި ނުލަފާ މޫނު ބަލަން ބޭނުން ނުވާތީ ލިއުޝާ ވަގުތުން މިފްޒާލާ ފުރަގަސް ދިނެވެ.

***

"ކީއްކުރަން މިތަނަށް؟" ހައިޝަމް ކުރިމަތީގައި ހުރި ދޮރަށް ބަލައިލަމުން، ހައިޝަމް ހައިރާންވެ ހުރެ ބަލައިލީ ޒީނާގެ މޫނަށެވެ. ޒީނާ އިޝާރާތުން އެދުނީ ދޮރު ހުޅުވުމަށެވެ. ދެ ޚިޔާލެއްގައި ހުރެ ހައިޝަމް މަޑުމަޑުން ދޮރުގެ ތަޅުގައި ހިފައިލިއެވެ. ނަމަވެސް ދޮރު ވަނީ ތަޅުލާފައެވެ.

ދޮރުގެ ތަޅުގައި މީހަކު ހިފައިލި އަޑަށް ކޮޓަރީގައި ހުރި ލިއުޝާ އަވަސްވެ ގަތީ ދޮރު ހުޅުވަން ދިޔުމަށެވެ. ލިއުޝާގެ ފަހަތުގައި ކޮޓަރީގައި ހުރި މިފްޒާލް ވަރަށް އަވަސްކޮށް އޭނާ ލައިގެން ހުރި ޓީޝާޓު ގައިން ވަކިކޮށްލިއެވެ. އަދި ޖިންސުގެ ބެލްޓު ދޫކޮށްލަމުން ވިހިކޮށް ހިނިތުންވެލިއެވެ.

ލިއުޝާ ގޮސް ދޮރުގައި އަޅުވައިފާ ތަންޑު ނައްޓައިލަމުން، ދޮރު އެއްކޮށް ހުޅުވައިލިއެވެ. އެއާއި އެކި ލިއުޝާއަށް ހީވީ އޭނާ ބުރައިގެން ދިޔަހެންނެވެ. ދޮރު ކުރިމަތީގައި ހުރީ ޒީނާ އާއި ހައިޝަމް އެވެ. ލިއުޝާ ވަރަށް އަވަސްކޮށް ފަހަތް ބަލައިލިއެވެ.

"އޯ! ސޮރީ.." މިފްޒާލް ވަރަށް އަވަސްކޮށް ޓީޝާޓު ލަމުން، ބެލްޓު އަޅުވައި ބާރުކޮށްލިއެވެ. ލިއުޝާގެ އަނގަ ހުޅުވި، ވޭނީ އާހްގެ އަޑެއް ބޭރުވެގެން ދިޔައެވެ. ލިއުޝާގެ ދެލޯ ކަރުނައިން ފުރި ބާރު ވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. ހިތަށް ތަދުވެ، ލިއުޝާގެ ތުންފަތް ތުރުތުރު އަޅައިގަތެވެ. ލިއުޝާ ކަޅި އަމާޒް ކޮށްލީ އޭނާގެ ކުރިމަތީގައި ހުރި ހައިޝަމަށެވެ. ހައިޝަމްގެ ދެލޮލުން އޭނާއަށް ކޮށްފައިވާ ފުން އަސަރުތައް ކިތަންމެހާ ވެސް ބޮޑަށް ލިއުޝާއަށް އެނގުނެވެ. ހައިޝަމްގެ މޫނުމަތިން ފެންނަނީ ހިތްދަތި ކަމާއި އެކު ރުޅިވެރިކަމެވެ.

"ޗީޑި ލިއު! ތީތަ ލިއުގެ އަސްލަކީ. އަހަރެން ހީވެސް ނުކުުރަން." ޒީނާ ފޫހި ރާގެއްގައި ބުނެލިއެވެ. ޒީނާގެ ހިތަށް ކުރުވަމުން ދިޔަ މަޖުބޫރެއްގެ ސަބަބުންނެވެ. ހައިޝަމް އެއްވެސް އެއްޗެއް ނުބުނެ ބަލަން ހުރީ ލިއުޝާގެ ސީދާ މޫނަށެވެ. ލިއުޝާގެ ހިތަށް ކުރުވަމުން ދިޔައީ އޭނާއަށް ބުނެދޭން ނޭނގޭ ފަދަ އިޙްސާސެކެވެ. ލިއުޝާގެ އަނގަ ހުޅުވައި ވާހަކަދައްކަން އޭނާ ވަރަށް ބޭނުން ވެއެވެ. ނަމަވެސް ލިއުޝާގެ ދޫ ވަނީ ގޮށްޖެހިފައެވެ. ލިއުޝާގެ ދޫ އޭނާއަށް އެއްބާރުލުމެއް ނުދިނެވެ. ލިއުޝާ އިސްދަށަށް ޖަހައި، ރޮމުން ގެންދިޔައެވެ.

"ލިއު.." ހައިޝަމްގެ އަޑު ހީވީ ހިމުންވެގެން ދިޔަހެންނެވެ. ލިއުޝާ އިސް އުފުލައި ހައިޝަމަށް ބަލައިލިއެވެ.

"އަހަރެން ކިހިނެއް ހަދަންވީ؟ ލިއު ކީއްވެ އަހަރެންނަށް ތިހެން ތި ހެދީ؟" ހައިޝަމްގެ އަޑުގައި ވަނި ގިލަންވެރިކަމެވެ.

"ހަ.. ހައި.." ލިއުޝާގެ އަރުތެރެއިން އަޑެއް ބޭރެއް ނުވިއެވެ. ލިއުޝާގެ ބަޑި ފަޅައިގެން ގޮސް، އޭނާއަށް ޕާސް ކިޔާފައި ރޮއިގަނެވުނެވެ. ލިއުޝާ ރޯތަން ބަލަން ބޭނުން ނުވާތީ ހައިޝަމް އެތަން ދޫކޮށް ހިނގައިގަތެވެ. ޒީނާ ވެސް ހައިޝަމްގެ ފަހަތުން ގެއިން ނުކުމެގެން ދިޔައެވެ.

ލިއުޝާގެ ފައިން ވާގި ދޫވެ، އޭނާ ހުރިތަނަށް ހެއި ނެތުނެވެ. އެއާއި އެކު މިފްޒާލަށް ތެޅެގަނެވުނެވެ. ވަރަށް އަވަސްކޮށް ލިއުޝާގެ ދެއަތުގައި ހިފައި ތެދުކުރެވޭތޯ އޭނާ މަަސައްކަތް ކުރިއެވެ.

***

ހަވީރުގެ މަރިޔާދު ވަގުތެވެ. ހައިޝަމް އިނީ އޭނާގެ ގޭގެ ސޯފާއަށް ޖެހިގަނެގެންނެވެ. ހައިޝަމްގެ ގާތުގައި އިނީ ޒީނާއެވެ. ހައިޝަމަށް އެހީތެރިވެ ދިނުމުގެ ނަމުގައި ޒީނާ އެގެއަށް ދިޔައީއެވެ.

"އަހަރެން ވަރަށް ދެރަވެއްޖެ! އަހަރެން ވެސް ހީނުކުރަން ލިއު އެގޮތަކަށް އުޅޭނެއެކޭ. ބްރޭކަށް ދަނީއޭ ކިޔާފަ ލިއު ބޭރަށް ނުކުތީ. ދެން އަހަންނަށް ފެނުނީ ލިއު ގޮސް މިފްޒާލްގެ ސައިކަލް ފަހަތަށް އެރިތަން. އަހަރެން އެމީހުންނަށް ފާރަލީ. ނަތީޖާ މިއައީ އަހަރެން އުއްމީދު ވެސް ނުކުރާ ގޮތަށް.. ލިއު އެވަރު ކަމެއް އަހަރެންނަށް ސިއްރު ކުރާނޭ އަހަރެން ހީވެސް ނުކުރަން." ޒީނާ ވާހަކަދައްކަމުން ދިޔައީ ހައިޝަމަށް ބަލަމުންނެވެ.

"ހައިޝަމް ވާނެ ހިތްވަރު ކުރަން. އެކަހަލަ ބޭވަފާތެރިއެއްގެ ސަބަބުން ހައިޝަމް ބަލިކަށި ވެގެން ނުވާނެ. ހައިޝަމް އަކީ ވަރަށް ރަނގަޅު މީހެއް. ކޮންމެ މީހަކުވެސް ހައިޝަމަށް ލިބޭނެ. ސޯ! ޕްލީޒް.. ހިތްވަރު ކުރާތި. އަހަރެން މިދަނީ." ޒީނާ ކޮޅަށް ތެދުވަމުން ހިނގައިގަތީ ގޭގެ ދޮރާއި ދިމާލަށެވެ. ހައިޝަމް އެއްވެސް އެއްޗެއް ނުބުނެއެވެ.

"އަހަރެން ދޭތެރެ ދޭތެރެއިން މިގެއަށް އަޔަސް އޯކޭތަ؟" ދޮރުގެ ތަޅުގައި ހިފައިލަމުން ޒީނާ ފަހަތް ބަލައިލިއެވެ. ސޯފާގައި އޮތް ހައިޝަމް ބަލައިލީ ދޮރު ކައިރީގައި ހުރި ޒީނާއަށެވެ. ހައިޝަމް އާނއެކޭ ބުނާފަދަ ގޮތަކަށް ބޯ ޖަހައިލިއެވެ. އެއާއި އެކު ޒީނާ ލުއިކޮށް ހީނލަމުން އެގެއިން ނުކުތެވެ.

ގެއިން ނުކުތުމާއި އެކު ޒީނާގެ ތުންފަތުން ފައުޅުވި ހިނިތުންވުން ފިލައިގެން ދިޔައެވެ. މުޅި މޫނުމަތިން ދައްކައިގެން ހުރި އަސްލު ނޫން އިޙްސާސްތައް މުޅިން ގެއްލިއްޖެއެވެ. ޒީނާގެ މުޅި މޫނުމަތި ކިލަނބުވެގެން ދިޔައެވެ. ފަހަރަކު ފިޔަވަޅެއް ނަގަމުން ޒީނާ ހިނގަމުން ގޮސް ގޭގެ މައި ދޮރުން ބޭރަށް، މަގުމައްޗަށް ނުކުތެވެ. ޒީނާގެ ހިތަށް ވެރިވާން ފެށީ އޭނާއަށް ދުވަހަކު ވެސް ނުވާފަދަ ހިތް ނުތަވަސް ކަމެކެވެ. ޒީނާއަށް މި ހަލާކުކޮށް ނެތިކޮށް ލެވެނީ ވަރަށް ލޯބިން ގުޅިފައިވާ ދެހިތެކެވެ. އެކަން ހަމަ ރަނގަޅަށް ވެސް ޒީނާއަށް އިޙްސާސް ވާން ފަށައިފިއެވެ.

***

"ޑޮކްޓަރ." ލިއުޝާ ބާއްވާފައިވާ އެނދުގެ ކައިރީީގައި އިން ގޮނޑިއެއްގައި އިށީންދެގެން އިން މިފްޒާލް ކުއްލިއަކަށް ކޮޅަށް ތެދުވީ އެތަނަށް ޑޮކްޓަރަކު އައުމުންނެވެ.

"ތީ ކޮން ބޭފުޅެއްްތޯ؟" ޑޮކްޓަރ ބަލައިލީ މިފްޒާލްގެ މޫނަށެވެ.

"މިއީ ލިއުގެ ފިރިމީހާ." މިފްޒާލް ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ޑޮކްޓަރުގެ އަތުގައި ހުރި ލިޔުންތަކަށެވެ.

"މަރުޙަބާ! ވައިފް ބަނޑު ބޮޑު." މިފްޒާލްގެ އަތަށް ރިޕޯޓު ދިއްކޮށްލަމުން، ޑޮކްޓަރު އެތަނުން ނުކުތެވެ. ޖެހި ބުދެއްހެން މިފްޒާލް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ވަގުތުކޮޅަކު ހިމޭން ވުމަށްފަހު، މިފްޒާލް ވަރަށް އަވަސްކޮށް ރިޕޯޓަށް ބަލައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް ލިއުޝާގެ ބަނޑުގައި މިފްޒާލްގެ ލޭ ނޫން އިތުރު ނިޝާނެއް ދިރޭތަން ބަލަން ހުރުމަކީ މިފްޒާލަށް ފަސޭހަ ކަމެއް ނޫނެވެ. އެނދުގައި ނިދާފައި އޮތް ލިއުޝާއަށް ބަލައިލަމުން، މިފްޒާލް އޭނާގެ އަތުގައި އޮތް ރިޕޯޓް ބޮނޑިކޮށްލައި، ޑަސްބިނަށް އެއްލައިލިއެވެ. އަދި އެ ފިކުރުތަކުގައި ހުރެ މިފްޒާލް އެތަނުން ނުކުމެގެން ދިޔައީ ގަހުވަ ތައްޓަކުން ކަރު ތެތްމައިލުމަށެވެ.

***

ގަޑިން ރޭގަނޑު 8 ޖަހައި ބޮޑުވެއްޖެއެވެ. އަދިވެސް ހައިޝަމް އޮތީ ސޯފާއަށް ޖެހިގަތް ގޮތަށް ތެދުވާނެ ހިތްވަރު ނެތިފައެވެ. ހައިޝަމްގެ ޚިޔާލުތަކުގައި ވަނީ ލިއުޝާގެ ހަނދާންތަކެވެ. ލިއުޝާއާ އެކު ލޯބީގެ ހަސްތީގައި، ލޭފަވެތިކޮށް އުޅުނު އެމީހުންގެ ހަހަރުވެތި ދާސްތާނެވެ. އެ ދާސްތާނުން ކުލަ އެޅިގެންދާ ދޯދިތަކެއް ފަދައިން ހައިޝަމްގެ ލޯމައްޗަށް އެޅިފައި ވަނީ އެދެމީހުންގެ ހަންހާރައިން ފުރައިލި އިޝްޤެވެ. އެއިން ކޮންމެ ހަނދާނެއް ކަޅާއި ހުދުން ގެތެމުން، އޭގެ އަސަރު އެންމެ ބޮޑަށް ކުރުވަމުން ދިޔައީ ހައިޝަމްގެ ލޮލުގެ ކަޅު އެސްފިޔަތަކަށެވެ. އެދެލޯ ކަރުނައިން ތެމެންފެށި، ހައިޝަމްގެ އެސްފިތަކުން ފުރޭނިގެން ކަރުނަތައް އޭނާގެ ކޯމަތީގައި މަޑުމަޑުން ދުވެލިއެވެ.

ކިތަންމެ ފަހަރަކު ފޯނު ނަގައި ލިއުޝާއަށް ގުޅާނަމޭ ހައިޝަމްގެ ހިތް ބުނެއެވެ. ނަމަވެސް ކުށްކުރީ ހައިޝަމެއްް ނޫނެވެ. ލިއުޝާއެވެ. އެއީ ހައިޝަމްގެ ވިސްނުމުގައި ވާ ގޮތެވެ. ހައިޝަމް އިސްވެ ގުޅަން ޖެހެންވީ އެއްވެސް ސަބަބެއް ހައިޝަމަކަށް ނުވިސްނެއެވެ. ހިތް ކުރުވާ މަޖުބޫރީ ބާރުން، ހިތަށް އެ ހަނދާންތައް އުނދަގު ކުރިޔަސް، މަތިން ބައިން ދޮގުވެރި ލޯތްބަކަށް ސަލާން ޖަހާކަށް ހައިޝަމް ބޭނުމެއް ނުވެއެވެ. އެ ލޯބީގައި ހިތާއި މޭ ހަފުސް ވިޔަސް މެއެވެ.

***

"ހައު. އަހަރެމެން މެރީ ކުރާ ގޮތަށް ވާނެ ދޯ ކިޑެއް ހޯދަން؟" މިފްރާހު ފިރުމައިލީ ހައުލާގެ ދެއަތް ތިލައިގައެވެ. ހައުލާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

"އަހަރެން ވެސް ވަރަށް ބޭނުން." ހައުލާ ހީނލައިގެން ބަލަން އިނީ ސީދާ މިފްރާހުގެ މޫނަށެވެ.

"އަހަރެން ވަރަށް އުފާވޭ! ހައުލާ އަހަރެން ދެކެ ތިހާ ލޯބިވާތީ." މިފްރާހު އޭނާގެ އަތުން ހިފައިލީ ހައުލާގެ ކޮލުގައެވެ.

"އަހަރެން އަބަދުވެސް މިފްރާހު ދެކެ ލޯބިވާނަން. ތީ އަހަރެންނަށް ދިރިއުޅުމަކީ ކޮބައިކަން ބުނެދިން މީހާ." ހައުލާ މަޑުމަޑުން މިފްރާހުގެ މޭގައި ބޯއަޅައިލިއެވެ.

***

ކަޅި ޖަހައި ނުލައި މިފްޒާލް ބަލަން އޮތީ ލިއުޝާގެ މޫނަށެވެ. ލިއުޝާ ހޭއެރި ފަހުން، ދިން ބޭސްތަކެއްގެ ސަބަބުން އަދިވެސް ލިއުޝާ އޮތީ ނިދާފައެވެ. މިފްޒާލް މަޑުމަޑުން ލިއުޝާގެ ކަނާއަތުގައި ހިފައިލިއެވެ. އަދި ލިއުޝާގެ އަތް ނަގަމުން މިފްޒާލް ލިއުޝާގެ އަތަށް ބޮސް ދިނެވެ. އެއާއި އެކު ލިއުޝާއަށް މަޑުމަޑުން އޭނާގެ ދެލޯ ހުޅުވައިލެވުނެވެ.

"މިފްޒާލް! ތީ ކޮންކަމެއް؟" ލިއުޝާ ކުއްލިއަކަށް އަތް ތިރިކޮށްލިއެވެ. އަދި ވަށައިގެން ލިއުޝާ ބަލައިލިއެވެ.

"ކީއްވެ އަހަރެން ހޮސްޕިޓަލްގަ؟" ލިއުޝާއަށް އެ ސުވާލު ކޮށްލުމާއި އެކު، އޭނާގެ އަމިއްލަ ޟަމީރު ވަގުތުން ޖަވާބު ދިން ކަހަލައެވެ. ލިއުޝާގެ ސިކުނޑިއަށް ކަންކަން ނަގައިގަނެވުނެވެ.

"މީ އޭޑީކޭ. ލިއު ހޭނެތުނީ. އައިމް ސޮރީ ލިއު." މިފްޒާލް ހިފައިލީ ލިއުޝާގެ އަތުގައެވެ.

"ޑޮކްޓަރ.." ލިއުޝާ ގޮވައިލި އަޑަށް އެތަނުގައި ތަންކޮޅެއް ދުރުގައި ހުރި ޑޮކްޓަރަކު ބަލައިލިއެވެ.

"އަަހަރެން ބޭނުން ގެއަށް ދާން. އަހަރެން އޯކޭ މިހާރު.." ލިއުޝާ އެހެން ބުނުމުން، ޑޮކްޓަރު ބަލައިލީ ލިއުޝާގެ އަތަށް ގުޅާފައިވާ އައިވީ ފުޅިއަށެވެ.

"އަދި މަޑުކޮށްލަން ވީނު؟" ޑޮކްޓަރު ހިނިތުންވުމަކާއި އެކު އެދުނެވެ.

"ނޫން ޑޮކްޓަރު. އަހަރެން އޯކޭ ނުވަންޏާ އަހަރެން އަންނާނަން. އަހަރެން އެބަ ދާން ޖެހޭ. ޕްލީޒް. އަހަރެން ވެސް މީ ޑޮކްޓަރެކޭ. އަހަރެންނަށް އެނގޭނެ ކަމެއް ގޯސްވަންޏާ." ލިއުޝާ އެހެން ބުނުމުން ލިއުޝާގެ ކުރިމަތީގައި ހުރި ޑޮކްޓަރު އެތަނުން ދިޔައީ މިއަންނަނީ ކަމަށް ބުނެއެވެ.

***

ލިއުޝާ ހޮސްޕިޓަލުން ދޫކޮށްލުމުން މުޅިރޭ ހަތަރުދަމު އޭނާ ހޭދަކުރީ މަގުމަތީގައެވެ. ލިއުޝާއާ އިތުރަށް ޖަދަލު ކުރަން ބޭނުން ނުވާތީ މިފްޒާލް ދިޔައީ އޭނާގެ ގެއަށެވެ. މިފްޒާލް މިހާރު ބޭނުން ވަނީ ލިއުޝާގެ ރުހުން ލިބޭނެ ގޮތަށް އުޅެވޭތޯއެވެ. މިފްޒާލް ކުރި ނުބައި ކަންތައް މިހާ އަވަހަށް އޭނާގެ ހަނދާނުން ފިލައިގެން ދިޔަ ކަހަލައެވެ.

މުޅިން އައު ދުވަހަކަށް އިރުގެ އަލިކަން ފެތުރިގެން ގޮސްފިއެވެ. ލިއުޝާގެ މިސްރާބު ހުރީ ޒަޔާންގެ ގެއާއި ދިމާލަށެވެ. އެތައް ފަހަރަކު ޒަޔާން ގުޅާފައި ވުމުންނެވެ.

ދޮރުގައި ޓަކި ދޭން ފެށި އަޑަށް ޒަޔާން ގޮސް ދޮރު ހުޅުވައިލިއެވެ.

"ޑޮކްޓަރ. އަވަހަށް ވަދޭ!" ޒަޔާން ހީނލަމުން ބުނެލިއެވެ. ލިއުޝާގެ ގައިގައި އެއްވެސް ބާރެއް ނެތުމުން، އޭނާ މަޑުމަޑުން ކޮޓަރިތެރެއަށް ވަނެވެ.

"ޑޮކްޓަރ. ކިހިނެއްވެފަ ތީނީ؟ ބަލީތަ؟" ލިއުޝާއަށް އައިސްފައިވާ ބަދަލުތައް ޒަޔާނަށް ފަސޭހަ ކަމާއި އެކު ފާހަގަ ވެގެން ދިޔައެވެ. ލިއުޝާ އައިސް އިށީންނީ ޒަޔާންއާ އެކު އެނދުގައެވެ.

"ޒަޔާން. އަހަރެން ރަނގަޅޭ." ގަދަކަމުން ހީނލަމުން ލިއުޝާއަށް ބުނެވުނީ އެވަރަށެވެ. ލިއުޝާގެ ދެލޯ މަޑުން ނޯވެ މަޑުމަޑުން އަނެއްކާވެސް ކަރުނަތައް އަންނަން ފެށިއެވެ.

"ޑޮކްޓަރ. ޕްލީޒް. އަހަރެން ގާތު ކޮންމެ ވާހަކައެއް ވެސް ކިޔޭނެ." ޒަޔާން އެނދުން ތެދުވެގެން ގޮސް ކުޑަކަކޫ ޖަހާފައި ލިއުޝާގެ ކުރިމަތީގައި އިށީންނެވެ. ލިއުޝާ ވަގުތުން އިސްޖެހިއެވެ. އަދި ފުންކޮށް ދެތިން ނޭވާއެއް ލަމުން، ޒަޔާނަށް ލިއުޝާ ބަލައިލިއެވެ. ލިއުޝާ އޭނާގެ ޙަޔާތައް އައި ބަދަލުތައް ޒަޔާނަށް ޙިއްޞާ ކުރަން ފެށީ އޭނާ ހީކުރި ވަރަށް ވުރެ މާ ފަސޭހަ ކަމާއި އެކުގައެވެ.

***

"ހައިޝަމް. ބަލަ ހައިޝަމް." ގޭގެ ތެރެއަށް ވަތް ގޮތަށް ޒީނާ ވަރަށް އަވަސްކޮށް ގޮސް ހައިޝަމްގެ ގައިގައި ހިފައި ތަޅުވައިގަތެވެ. މަޑުމަޑުން ހައިޝަމް އޭނާގެ ދެލޯ ހުޅުވައިލިއެވެ. އިއްޔައިން ފެށިގެން ހައިޝަމް އަދިވެސް އޮތީ ސޯފާއަށް ޖެހިފައެވެ. ޒީނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް، ފެން ތައްޓެއް ހިފައިގެން އައެވެ.

"އަވަހަށް ބޯލާ!" ހައިޝަމްގެ ބޯ ހިއްލައިލަމުން ޒީނާ ހައިޝަމަށް ފެން ފޮދެއް ދިނެވެ. ހައިޝަމްގެ މޫނުމަތީގައި ފެން ކާއްތަމުން ޒީނާ ސޯފާގައި އިށީންނެވެ. އަދި ހައިޝަމްގެ ބޯ ބާއްވައިލީ ޒީނާގެ އުނގުގައެވެ.

"ހައިޝަމް. އޯކޭތަ؟" ޒީނާގެ ދެއަތުން ހައިޝަމްގެ ކޯމަތީގައި އަތް ބާއްވައިލިއެވެ.

"އެބަ އަންނަން ކާއެއްޗެއް ހިފައިގެން." ހައިޝަމް ބޯ މަޑުމަޑުން ނަގަމުން، ޒީނާ އަވަސްކޮށް އެތަނުން ނުކުތެވެ. ކެފޭއަކަށް ދިޔުމަށެވެ. އެއްވެސް އެއްޗެއް ނުބުނެ ހައިޝަމް ހަމަ އޮތީއެވެ.

***

ކޮޓަރީގެ ދޮރުގައި ޓަކި ދޭން ފެށި އަޑަށް ހައުލާ ގޮސް ދޮރު ހުޅުވައިލިއެވެ.

"ފަހަރީ އެކަނިވީމަ މިއައީ ވެސް." މިފްޒާލް ކޮޓަރިއަށް ވަންނަމުން ކޮޓަރިތެރެއަށް ރަނގަޅަށް ބަލައިލިއެވެ. އެވަގުތު މިފްރާހުވީ ބޭރުގައެވެ.

"ކީއްކުރަން ތި އައީ؟" ހައުލާ ހިތްހަމަ ނުޖެހިފައި ހުރެ އަހައިލިއެވެ.

"ހައުލާ ފަހަރީ ދެކިލަން. އެނޫން ކޮންކަމެއް." މިފްޒާލް މަޑުމަޑުން ހައުލާއާ ގާތްވާން މަސައްކަތްކުރިއެވެ.

"ނޫން މިފްޒާލް. މިފްޒާލަށް ތި ފުރުޞަތެއް އަހަރެންނެއް ނުދޭނަން. ހަމަ ހިލާ.." އެހެން ބުނުމާއި އެކު މޭނުބައި ކޮށްގެން ހައުލާ ދުވެފައި ވަނީ ފާޚާނާއަށެވެ. މިފްޒާލްގެ ބުމަ އާއި ދެލޯ އެއްކޮށް މައްޗަށް އަރައިގެން ދިޔަ ކަހަލައެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން މިފްޒާލް ގޮސް ހުއްޓުނީ ފާޚާނާގެ ދޮރު ކުރިމަތީގައެވެ. އަދި ހޮޑުލަމުންދާ ހައުލާއަށް ބަލައިލިއެވެ.

"ހައުލާ... ބަނޑު ބޮޑީތަ؟" މިފްޒާލް އެހެން އަހައިލީ ޝައްކުގެ ނަޒަރަކުން ހައުލާއަށް ބަލަހައްޓައިގެން ހުރެއެވެ. (ނުނިމޭ)