ޓޫރިޒަމް

އަހަރުގެ ފުރަތަމަ ހަފްތާ: 20،600 ޓޫރިސްޓުން

މިއަހަރުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި 20،600 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އައީ 20،612 ޓޫރިސްޓުންނެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 5،331 މީހުން އައިސްފައިވެއެވެ. ދެން އެންމެ ގިނަ ބަޔަކު އައީ އަވައްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން 1،816 މީހުން އައިސްފައިވާއިރު ޔޫކްރޭނުން 1،779 މީހުން އަދި ކަޒަކިސްތާނުން 1،082 މީހުން އައިސްފައިވެއެވެ. ޔޫކޭއިން 956 މީހުން، ރޫމޭނިއާއިން 739 މީހުން، ޖަރުމަނުން 650 އަދި ފްރާސްއިން 586 މީހުން ރާއްޖެ އައިސްފައިވެއެވެ. އެމެރިކާގެ 416 މީހަކާއި އުޒްބެކިސްތާނުން 377 މީހަކުވެސް މިދިޔަ ހަތް ދުވަހު ރާއްޖެ އައިސްފައިވެއެވެ.

މިއަހަރުގެ ފުރަތަަމަ ދުވަހު ރާއްޖެ އައިސްފައިވަނީ 2005 ޓޫރިސްޓުންނެވެ. ދެވަނަ ދުވަހު 4،160 ޓޫރިސްޓުން އަދި ތިންވަނަ ދުވަހު 4،195 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. ހަތަރުވަނަ ދުވަހު 2646 ޓޫރިސްޓުން، ފަސްވަނަ ދުވަހު 2،672 ޓޫރިސްޓުން އަދި ހަވަނަ ދުވަހު 2،408 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. އިއްޔެ ރާއްޖެ އައިސްފައިވަނީ 2،526 ޓޫރިސްޓުންނެވެ.

މިދިޔަ 2020 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 555،399 ޓޫރިސްޓުންނެވެ. މިއަހަަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.