ރޭޕް

"އިންޑިއާ މީހާ ރޭޕެއް ނުކުރޭ، ނުގަބޫލުގައި ގައިގާ އަތްލީ"

ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިކަމަށް ވާހަކަ ފެތުރުނު ނަަމަވެސް ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފުލުހުން ބުނެފި އެވެ.

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި، އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމަށް އަޑު ފެތުރި އަދި ބައެއް ނޫސްތަކުގައި އެ ވާހަކަ ރިޕޯޓް ކުރުމުން މީޑިއާއަށް ތިލަކޮށްފައިވާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ކަށަވަރު ކުރުމުގެ މަސައްކަތްތަކެއް ފުލުުހުން ވަނީ ކޮށްފައެވެ.

އަޑުތައް ފެތުރުނު ގޮތުގައި ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު މިދިއަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަނީ ރޭޕްކޮށްފަ އެވެ. އަދި އެ ކަން ފެންމަތިވުމުން އެ މައްސަލަ ނުބަލައި އޭނާ ފުރުވާލާފައިވެ އެވެ.

ފުލުހުން މިރޭ ބުނީ ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިކަމަށް ވާހަކަ ފެތުރުނު ނަަމަވެސް ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތް ކަމަށެވެ. ނަމަވެސް، އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި، އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތް ކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަަމަށެވެ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ މީޑިއާގައި ރިޕޯޓް ކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބުނުއިރު ތުހުމަތު ކުރެވޭ ފިރިހެންމީހާ ރާއްޖެއިން ފުރާފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ނުބުންޏެވެ.

އިންޑިއާ މީހުނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު ދިނުން ފުލުހުން ލަސް ކުރާ ކަމަށް ފަހަކަށް އައިސް ފާހަގަ ވެފައި ވެއެވެ. މިދިއަ މަހުގެ 29 ވަނަ ދުވަހު އެއާޕޯޓްގައި "ބޮމެކޭ، ބޮމެކޭ" ކިޔައި މީހުން ބިރު ގެންނެވި އިންޑިއާ މީހަކު ހައްޔަރުކުރި މައުލޫމާތުވެސް ފުލުހުން އާންމު ކުރީ މީޑިއާއިން އެ ވާހަކަތައް ތިލަކުރިތާ އެއް ދުވަސް ފަހުންނެވެ. އޭގެ ކުރިން ވެސް އިންޑިއާ މީހުނާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ދިނުމާއި އެ ފަދަ ހާދިސާތައް ސިއްރުވުމާއި ތަހުގީގު ކުރުމުގެ ކަންކަން ލަސް ކަމަށް އާންމުން އައި ބުނަމުންނެވެ.

ރާއްޖޭގެ ސަރުކާރާ ވަރަށްވ ގާތް ގުޅުމެއް އޮންނަ އިންޑިއާ ގުޅޭ މައްސަލަތަކާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ހިނގަ އެވެ.