ގަޔަށް ހީވީ ހީބިގަނޑެއް ވެއްޓުނު ހެންނެވެ. ދެފައި އެކުގައި ތުރުތުރު އަޅައިގަތެވެ. ދެ އަތް ފިނިވެ މީހާ ގަނޑުވި ކަހަލައެވެ. ކަނދުރާގެ ދެ ފަރާތުން ދުވެގަތް ހީބިގަނޑު ގޮސް ކޮނޑުގެ ދެފަރާތު ނާރުތަކުން އަޑިއަށް ހިނދިގެން ދިޔައެވެ. ދެ އަތުގެ އުޅަނބޮށިން ފެށިގެން ކުޑަހުޅާ ހަމައަށް ތެޅިގަތެވެ. ނާރުތަކުގެ އެކި ދިމަ ދިމާއިން ފާޑެއްގެ ހީބިހި ގަނޑެއް މުޅި ހަށިގަނޑަށް ފެތުރުނެވެ. އަތްފައިގައި ހުރިނަމަ ހުރި އިސްތަށްޓެއް އެކުގައި ކޮޅަށް ޖެހުނެވެ. އާއެކެވެ. ކުރިމަތިން ފެންނަން އެއޮތީ އޭނާއެވެ. އަހަރެންގެ ދިރުމެވެ. ހިތުގެ ތެޅުމެވެ. އެއީ އާމިރެވެ. އަހަރެންގެ އަލަތު ފިރިމީހާއެވެ.
އަދި މިވީ އެންމެ ހަފުތާއެކެވެ. އާމިރަށް އެހައި ބޮޑު ބަދަލެއް އެ އައީ ކީއްވެބާއޭ ހިތަށް އެރިއެވެ. ރޮއްޖަކަށް އެމުނެމުން ދިޔަ މިނާތަކެއް ފަދައިން ފަހަރަކު ސުވާލެއް، ފަހަރަކު ޝަކުވާއެއް އެމުނެމުން ގެތެމުން ދިޔައެވެ. އިޒުނައެއް ހޯދުމެއް ނެތި ލޮލަށް ޖަމާވި ކަރުނަތައް އެކުގައި އޮހިގަތެވެ. ދެއަތާ އެކު ދެފައިގެ ކަކުޅު ހުޅުން ތުރުތުރުގެ އަސަރުތައް ނުކެނޑި ދިގު ދެމިގެން ދިޔައެވެ.
ދޮރުގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑަށް އެޅެމުން ދިޔަ ނޭވާގެ ހޫނުން ފުސްވެފައިވާ ތަނަށް ކަޅި ޖަހައި ނުލައި ބަލަން ހުރެވުނެވެ. ލަސްލަހުން ދެއަތް ހިއްލައިލާ ބިއްލޫރިގަނޑު ސާފުކޮށްލީމެވެ. އާމިރުގެ މޫނަށް ބަލައިގެން ހުރެ އިނގިލިން އިޝާރާތްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅިން ފައިބައިގަތެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. އަޑިން އުފެދެމުން އައި އޮއިވަރުގެ އަސަރުތައް ލޮލާހަމައަށް ފެތުރިގަންނަން މާގިނަ އިރުތަކެއް ނުވިއެވެ. އެހެންވެ އާމިރުގެ ނިޔަނެތި މޫނަށް ބަލަން ކެތް ނުކުރެވިގެން އަހަންނަށް އެނބުރިލެވުނީ އަނެއް ފަރާތަށެވެ.
ހޮސްޕިޓަލުގެ ހޭލަމޭލަވުންތަކުން އަހަންނަށް އެއްވެސް މަންޒަރެއް ސިފައެއް ނުވެއެވެ. އެއްވެސް އަޑެއް ބަޑެއް ވެސް ނީވެއެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ. ފެނުނީ ނިއުމަތެއްފަދަ އާމިރުގެ ހިނިތުންވުމެވެ. އެ ހިތްގައިމު ފަތި ހަށިގަނޑެވެ. ބައިމަތި ފުޅާ ނޫނަސް ފިރިހެންވަންތަ އެ އިސްކޮޅެވެ. އެ ރީތި ދެ ލޮލެވެ. ތަނަވެސް އެ ނިތްކުރިއަށް ވެއްޓިފައި އޮންނަ އިސްތަށިކޮޅެވެ. އާއެކެވެ. އަހަންނަށް ކެތްކުރެވޭނީ ވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ؟
އަހަރުމެންގެ ކައިވެންޏަށް މިވީ އެންމެ ދެއަހަރެވެ. މި ދެއަހަރު ހީވަނީ ދެ ދުވަސްހެންނެވެ. އެހެނަސް، އަހަރުމެންނަށް އެކީ އެކުގައި، އުފާވެރިކަމުގެ މެހެފިލްތަކުގައި އުދުހެމުން އެކަކު އަނެއްކަކަށް އެތައް ކަމެއް ހިއްސާކުރެވިއްޖެއެވެ. ހަނދާނުގެ މަކާނުގައި އެތަކެއް މަންޒަރެއް ރައްކާކުރެވިއްޖެއެވެ. ކުލަ ނުޖެހިވާ އެތަކެއް މަންޒަރެއްގައި ކުލަ ޖެއްސިއްޖެއެވެ. އަހަންނަށް އެކަނި އުޅެން ޖެހުނަސް އުޅެވޭނެ ފެންވަރަށް ކިޔެވިއްޖެއެވެ. ސަނަދުތައް އަތަށް އަރައިފިއެވެ.
ދެން އޮތީ ދިރިއުޅުމުގެ ދެވަނަ ބާބެވެ. ދެވަނަ ހަރުފަތެވެ. ދިރިއުޅުމުގެ ފަސްލަކީ އެއީ ކަމުގައި ނިންމީ ދެމީހުން އެކުގައެވެ. އެ މަންޒަރު ކުރެހީ އެކުއެކީގައެވެ. ދެން އޮތީ މަންޒަރުގައި ކުލަ ޖެއްސުމެވެ. ނަމަވެސް ފިހީގައި ހިފަން މި ޖެހުނީ އެކަނިމާ އެކަންޏެވެ. ހަމައެކަނި އަހަންނަށެވެ.
މަޑުމަޑުން އަހަންނަށް ލޯ ހުޅުވާލެވުނެވެ. އެ އުފާވެރި މަންޒަރުތަކުން ހިތަށް ލިބުނު ސިހުމަށްވުރެ ބޮޑަށް ބަނޑަށް ލިބުނު ކުއްލި ސިހުން ބޮޑުވިއެވެ. އަތް ޖައްސާލެވުނީ ބަނޑުގައި ފުފިފައިވާ ތަނުގައެވެ. ހީވަނީ ދެފައި ވިއްދައިގެން ތުއްތު ކުއްޖަކު އޮތްހެންނެވެ. އަހަރެން މަޑުމަޑުން ބަނޑުގައި ދެ އަތުން ހިފަހައްޓައިލީމެވެ. ނޭވާ ކުރުވެ މީހާ ވަރުބަލިވާހެން ހީވާން ފެށިއެވެ. އަވަސްއަވަހަށް ނޭވާ ކުރުވަމުން ދިޔައެވެ. ބައެއްފަހަރު މަންޒަރު ބަދަލުވާން އުޅޭހެން ވެސް ހީވެއެވެ. ފިލްމު ބަލަމުންދާއިރު ފޮޓޯ ވެއްޓުމުން ވާހަކަ ގޮތެއް ވާހެން ހީވާން ފެށިއެވެ.
ނޭފަތާއި އަނގަޔާއެކު އެއް އަތުން ހިފަހައްޓާލައިގެން އަނެއް އަތުން އުނަގަނޑުގައި ހިފައިލީމެވެ. އުނަގަނޑު މަތިން ދުވެގަތް ރިހުންގަނޑު މައިތިރި ނުވެ އުނަގަނޑުގެ ދެފަރާތުން ބަނޑާއެކު ވަށައިގެން އެނބުރިގަތްހެން ހީވިއެވެ. ފަހަރަކަށްވުރެ ފަހަރެއް އެ ރިހުން ގަދަވަމުން ދިޔައެވެ. އެހެންވެ ދެއަތުން އުނަގަނޑުގެ ދެފަރާތުގައި ހިފަހައްޓާލައިގެން މޫނާއި ދެލޮލަށް ގޮތްތަކެއް ހަދައިލީމެވެ. ނަމަވެސް، ލުޔެއް ލިބޭ ގޮތެއް ނުވިއެވެ. އަނެއްކާ ވެސް ފުން ނޭވާއެއް ބޭރުކޮށްލެވޭތޯ އުޅުނީމެވެ. މިފަހަރު އަނގައިން ނޭވާ ވެސް ބޭރު ނުވިއެވެ. ހީވަނީ ނޭވާ ވެސް ކަރުބުޑުގައި ތާށިވިހެންނެވެ. ކަރުތެރެ ހުރީ ހިކިފައެވެ. ދެ ތުންފަތް ވެސް ހިކެމުން ދިޔައެވެ. އަރުބެދި ހިންދިރުވާލަން އުނދަގޫވާވަރު ވަމުން ދިޔައެވެ.
ކުއްލިއަކަށް ލިބުނު ކުއްލި ސިހުމާއެކު ތިރިއަށް ބަލައިލެވުނެވެ. ފަލަމަސްގަނޑާ ދިމާއިން ތެތްކަމެއް އިހުސާސް ކުރެވުމުންނެވެ. އެ ތެތްކަން ދޯނގިދަށުން ލައިފައި ކުޑަކަޅުވާ ހުރަސްކޮށް ފުންނާބާ ހަމައަށް ފޯރިއެވެ. އަހަންނަށް ދެފައި ދުރުކޮށްލަމުން ތިރިއަށް ބަލައިލެވުނެވެ. މުޅި ތަނުގައި ހުރީ ސާފު ފެނެވެ. މުށިގަނޑުމަތީގައި ކޯރެއް ގޮތަށް ދެމިގަތީ އެ ފެނެވެ. އަހަންނަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ބިރުންގޮސް މީހާ ތުރުތުރު އަޅައިގަތެވެ. އުނަގަނޑު ދެފަރާތުން ހީވަނީ ތޫނު އެއްޗަކުން ޅިޔައަޅަމުންދާ ހެންނެވެ. ލިބެމުންދިޔަ ވޭނާ އެއްވަރަށް ބާރުބާރަށް ހަޅޭއްލެވުނެވެ. އެއަށްވުރެ ބޮޑަށް ބިރުގަތީ ތަޅުންމަތީގައި ދެމެމުން ދިޔަ ފެނުގެ ސަބަބުންނެވެ.
އަހަންނަށް ޔަގީންކުރެވުނެވެ. ވަގުތު ޖެހުނީކަމެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިއަދު މިހުރިހާ ކަމަކާ ކުރިމަތިލާން މި ޖެހުނީ އެކަނިމާ އެކަންޏެވެ. އަހަންނަށް ކެތްކުރުން ނޫން ގޮތެއް ނެތްކަން ސިކުނޑިން ބުނެދިނެވެ. އެކަލާނގެ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައި ކަން ހިތަށް ވިސްނައިދިނީމެވެ.
ހިންދެމިލާ ރަނގަޅަށް ހަށިގަނޑު ތެދުކޮށްލީމެވެ. ދެލޯ ފޮހެލަމުންނެވެ. އުނަގަނޑުގައި ދެއަތް ވިދެލަމުން ފަސްއެނބުރި ބަލައިލީމެވެ. ކުރިމަތީގައި ހުރި ކޮޓަރީގައި އޮތް އާމިރުގެ މޫނަށް ބަލައިލެވުނެވެ. ކިތައްމެ ވޭނެއް އެޅިޔަސް މި ދިރިއުޅުމާ ކުރިމަތިލާނެ ކަމަށް ބުނެވީ ވަޢުދު މަތިން ހަނދާންވިއެވެ. ކޮންމެ ކަނޑެއްގައި ފަތަން ޖެހުނަސް ކެތްތެރިވާނެ ކަމަށް ބުނެދެއްކި ވާހަކަތައް ސިކުނޑީގެ ތެރޭގައި ތަކުރާރުވިއެވެ.
އޭރުވެސް އުނަގަނޑުމަތީން ވަށައިގެން ތޫނު އެއްޗަކުން ކަފަމުން ދިޔަހެން ހީވަމުން ދިޔައެވެ. ވޭންތަކުގެ ކުންނަށް ދިޔަ ނަމަވެސް ކެތްތެރިވާން އަޒުމު ކަނޑައެޅީމެވެ. އަނެއްކާ ވެސް އެ މޫނަށް ބަލައިލީމެވެ. އަޑިވަދެ ކަޅުވެފައިވާ ލޮލާ ދިމާއަށް ބަލައިލީމެވެ. ހަރަކާތެއް ނެތް އެ މޫނަށް ބަލައިލަމުން އަމިއްލަ ބަނޑުގެ ދެ ފަރާތުން އަތް ޖައްސާލީމެވެ. މަޑުމަޑުން ލުއި ހިނިތުންވުމެއް ދޫކޮށްލެވުނެވެ. އާއެކެވެ. އެއީ އަހަރެންގެ ބަނޑުގައި މިއޮތް ދަރިފުޅުގެ ހަލާލު ބައްޕައެވެ.
މޫނުމަތީން ކޮކާ އުދުހޭހެން ހީވާން ފެށިއެވެ. ކަޅުކުލައިގެ ފުސްގަނޑުގަނޑު މަންޒަރުގެ ތެރެއިން ފެންނާން ފެށިއެވެ. ކުލައެއް ނެތް ކުދިކުދި ބޮޅުތަކާއި ކަޅުކުލައިގެ ފުސް ގަނޑުގަނޑެވެ. އުނަގަނޑުން ތިރި ހީވަނީ އައްސިވެފައި ވާހެންނެވެ. އަޅަމުންދިޔަ ވޭނާއެކު އުނަގަނޑުންތިރި ގަނޑުވި ކަހަލައެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ދެއަތް ނަގައި ބޮލުގައި ޖައްސާލެވުނެވެ.
ފުރަގަހުން މީހަކު ކޮނޑުގައި ހިފިކަން އެނގުނެވެ. އެއީ ކޮން ބައެއްކަމެއް ނޭނގުނެވެ. ދެ ލޯ މެރެމުން މެރެމުން ދިޔައެވެ. މަންޒަރުގެ ތެރެއިން ފެންނަމުން ދިޔަ ކަޅު ފުސްތައް އެކުވެ މަންޒަރު ކަޅުވެ ގެއްލުނީއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.
ލޯ ހުޅުވާލެވުނު އިރަށް އަހަންނަށް އަތް ޖައްސާލެވުނީ ބަނޑުގައެވެ. ހައިރާންކަމާއެކު ވަށައިގެން ބަލައިލެވުނެވެ. ފެނުނީ ހުދު މަންޒަރުތަކެކެވެ. އިވެމުން ދިޔައީ އަޑުތައް ހުރީ އެކުވެ ބުންވެފައެވެ. ބުން އަޑަކާއެކުވެ ބަށްވެފައެވެ. ހުރިހާ އަޑުތަކެއް ވަނީ މަސްހުނިވެފައެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލީމެވެ. ހުދުކުލައިގެން ފުސްކަމުގެ ތެރެއިން މަންޒަރުތައް ސާފުވާހެން ހީވިއެވެ. އަނެއްކާ ވެސް އެސްފިޔަ ޖަހައިލީމެވެ. ކުރިއަށްވުރެ މަންޒަރުތައް ސާފުވިއެވެ. މަންޒަރުތައް ސާފުވަމުންދާ ވަރަކަށް އަޑުތަކުގައި ހުރި ބުން އަޑު ކެނޑެމުންދިޔައެވެ.
އުނަގަނޑު މަތީގައި ހުރި އައްސިކަން ކެނޑި މީހާ މުޅީން ލުއިވެއްޖެ ކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އަހަރެން ދެ ފަރާތަށް ބޯހަރަކާތްކޮށްލީމެވެ. ލޮލުގައި އަޅައިގަތީ ތިކި ޖަހަމުންދިޔަ އައިވީ ފުޅިއެވެ. އަހަންނަށް ކަނާއަތް ހިއްލައިލެވުނެވެ. އައިވީ ގުޅައިފައި ހުރީ އަހަރެންގެ ގަޔަށްކަން ވެސް އެނގުނީ އެހައި ހިސާބުންނެވެ.
"ކޮބާ މަގޭ ދަރި؟" އަހަރެން ސުވާލުކޮށްލަން އަނގަހުޅުވާލާން އުޅުނީމެވެ.
ނަމަވެސް އަނގައިން އަޑެއް ބޭރެއް ނުވިއެވެ. ކަރުބުޑުގައި ދޫ ތާށިވި ކަހަލައެވެ. ކަރުހިއްކައިގަނެފައިވާލެއް ބޮޑުކަމުން ދޫ ހަރަކާތްކޮށްލަން އުނދަގޫވާން ފެށިއެވެ. އަހަންނަށް ދެފަރާތަށް ބޯ އަނބުރާލެވުނެވެ.
"މަރުހަބާ ސާރާ. ލޯބިލޯބި އަންހެން ކުއްޖެއް. ހީވަނީ ހަމަ ސާރާހެން. މާޝާﷲ." ނަރުހުން ހެދުމުގައި ހުރި ކުއްޖާގެ ބޮޑު ހިނިތުންވުން ފެނިފައި ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
"ބޭބީ؟" އަހަންނަށް އެހެން ބުނެވުނީ ވެސް ލައްކަ ހިއްވަރުންނެވެ.
އަހަރެން ބުނާން އުޅުނީ ކޮން ވާހަކައެއްކަން އޭނާ ދެނެގަތެވެ. އަހަރެންގެ ބޮލުގައި ލޯބިން އޭނާ ފިރުމާލިއެވެ.
"ބޭބީ ރަނގަޅު. އެކަމަކު.." ނަރުސް ކުއްޖާ ހުއްޓުން އެރިއެވެ.
އަހަންނަށް ކަމެއް ގޯސްވެއްޖެހެން ހީވިއެވެ. އަވަސް ހަރަކާތްތަކަކާއެކު ތެދުވާން ބޭނުންވިއެވެ. ނަމަވެސް އެކަން ހުއްޓުވީ ނަރުސް ކުއްޖާއެވެ.
"ނޫން ސާރާ! އިހަށް ހަމަޖެހިލާ! ބޭބީ ހަމަ ރަނގަޅު. އެކަމަކު މިވަގުތުވީ ނާސަރީގަ. ކުޑަކޮށް ނޭވާ ލުމަށް އުނދަގޫ ގޮތެއް ހުރުމުން ޑޮކުޓަރ ބޭނުންފުޅުވީ އެގޮތް." ނަރުސް ކުއްޖާ އޮޅުންފިލުވާދިނެވެ.
އަހަންނަށް ސުވާލުގެ ނަޒަރުން ބަލައިލެވުނެވެ. އޭނާގެ ދެލޮލުން ފެންނަނީ އޯގާތެރިކަމެވެ. ކުލުނެވެ. ހަމްދަރުދީއެވެ.
"ވަރަށް ގިނައިރު ވެއްޖެ. މިހާރު ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅިއްޖެ. ސާރާގެ ވޯޓަރބެގު ފަޅައިގެން ދިޔައީ އައިސީޔޫ ކައިރީ ކޮޅަށް ހުއްޓާ. އެ ވަގުތުން ފެށިގެން މަސައްކަތް ކުރަމުން ދިޔައީ. ސިޒޭރިއަންއަށް ތައްޔާރުވިއިރަށް ޑެލިވަރވީ. އެހާ ގިނައިރުވީމަ ބޭބީ ކުޑަކޮށް ބަލިކޮށް އޮތީ. އެހެންވެ ނޭވާ ހަމައަކަށް އެޅެންދެން އެކޮޅުގައި ބާއްވާލައިފަ ގެނެސްދޭނެ. އަނެއްހެން ބޭބީގެ އެއްވެސް މައްސަލައެއް ނެތް. ސާރާއަށް ތި ހޭލެވުނީ ހުރިހާ ކަމެއް ނިމި ގަޑިއެއްހާއިރު ފަހުން." ނަރުސް ކުއްޖާ ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވާދިނެވެ.
ބަދަލުގައި އަހަންނަށް ލުއި ގޮތަކަށް ހިނިތުންވެވުނެވެ. ލަސްލަހުން ހިންދިރުވާލެވުނެވެ. ދެވަނަ ސިކުންތުގައި ބަލައިލެވުނީ ނަރުސް ކުއްޖާގެ މޫނަށެވެ. އޭނާގެ އޯގާތެރި ބަސްތައް މޫނުމަތިން ވެސް ސިފަވަމުން ދިޔައެވެ. (ނުނިމޭ)