ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރު ދޫކުރި ލޯނުގެ އަދަދު ދެ ބިލިއަން ރުފިޔާއަށް ވުރެ މަތިވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ ބޭންކް ބީއެމްއެލްގެ މި އަހަރުގެ ތިންވަނަ ކްއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 2.2 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ގުނަ އިތުރުވުމެއް ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
ބީއެމްއެލްގެ ހިސާބުތައް ދައްކާ ގޮތުން ބޭންކުން ދޫކުރި ޖުމްލަ ލޯނުގެ އަދަދު އަށް ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ. އެ ގޮތުން މީގެ ތެރެއިން 600 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ސަރުކާރުގެ ލޯނު ސްކީމްގެ ގޮތުގަ އެވެ.
ގައުމީ ބޭންކުން ދޫކުރި ލޯނުގެ އަދަދު އިތުރުވެގެން ދިޔައިރު، އެ ބޭންކުން ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ލޯނުތަކެއް ވަނީ އަލަށް ތައާރަފުކޮށްފަ އެވެ. ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް ހާއްސަ ލޯނެއް ތައާރަފު ކުރުމާއި ގެދޮރު ހަދަން ހާއްސަ ލޯނެއް ތައާރަފު ކުރުން ވެސް ހިމެނެ އެވެ.