ޓީވީ ސީރީޒް

ބިގް ބޮސް: ރާހުލް ވައިދްޔާ އާއި ދިޝާ ކައިވެނި ކުރަނީ

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ މި ފަހަރުގެ ސީޒަންގައި ބައިވެރިވެ ބިގް ބޮސްގެ ގޭގައި މިހާރު ހުރި ލަވަކިޔުންތެރިޔާ ރާހުލް ވައިދްޔާ އާއި ޓީވީ ބަތަލާ ދިޝާ ޕަރްމާރްގެ ކައިވެނި ހަމަޖެހިފައިވާ ކަމަށް ރާހޫލްގެ މަންމަ ބުނެފި އެވެ.

ރާހުލްގެ މަންމަ ގީތާ ބުނި ގޮތުގައި އަންނަ ޖޫން މަހު ކައިވެނި ކުރަން ހުރިހާ އިންތިޒާމްތަކެއް މިހާރު ދަނީ ހަމަޖައްސަމުންނެވެ. ދެ ފަރާތުގެ އާއިލާ ބައްދަލުވެ ކައިވެނީގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ވެސް ރާހުލްގެ މަންމަ ބުންޏެވެ.

ވާންއުޅޭ ޅީ ދަރިއަށް ގީތާ ތައުރީފު ކުރަމުން ބުނީ ދިޝާ އަކީ ވަރަށް ހިތްތިރި އޯގާތެރި ކުއްޖެއް ކަމަށެވެ. މަޝްހޫރު ސެލެބްރިޓީ އަކަށް ވިޔަސް ދިޝާގެ އެއްވެސް ފޮނިކަމެއް ބޮޑާކަމެއް ނެތް ކަމަށާއި ރާހޫލްގެ އާއިލާގެ އެންމެން ވެސް ދިޝާ ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ގީތާ ބުންޏެވެ.

ރާހުލް ދިޝާ އަށް ޕްރޮޕޯޒްކުރީ ބިގް ބޮސް 14 ގައި ބައިވެރިވެ ބިގް ބޮސް ގޭގައި ހުރެގެން ޓީވީ މެދުވެރިކޮށެވެ. އަދި ދިޝާގެ ޖަވާބު އޭނާއާ ހަމައަށް ފޯރުކޮށްދިނުމަށް ބިގް ބޮސްގެ ކިބައިން ރާހޫލް އެދިފައި ވެއެވެ.

ދިޝާގެ ޖަވާބަކީ އާނއެކޭ ކަން ޔަގީންވީ ބިގް ބޮސްގެ ގެއަށް އާއިލާގެ މީހުންނަށް ޒިޔާރަތްކުރަން ލިބުނު ފުރުސަތުގައި ރާހޫލް މަންމަ އައިސް ރާހޫލް ކައިރީ ދެއްކި ވާހަކަ ތަކުންނެވެ. ރާހޫލްގެ މަންމަ ބުނީ ދިޝާގެ އާއިލާ އާ ވާހަކަ ދައްކާ އެ މީހުން ވެސް ކައިވެނީގެ އިންތިޒާމްތައް ފަށާފައިވާ ކަމަށެވެ. އަދި ބިގް ބޮސްގެ ގެއިން ރާހޫލް ނުކުމެގެން ގެއަށް އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ދެ ފަރާތުގެ އާއިލާ ތިބި ކަމަށާއި ކައިވެނިކުރާނެ ތާރީޚް ކަނޑައަޅާނީ އޭރުން ކަމަށެވެ.

"މިހާރު ލަފާ ކުރެވެނީ ޖޫންގައި ކައިވެނި ބޭއްވޭނެކަމަށް. ސަބަބަކީ ހޫނު މޫސުމުގައި ކައިވެނިކުރަން ދިޝާ ބޭނުން ނުވާތީ. ނަމަވެސް އަހަރު ނިމެންދެން މަޑުކުރާކަށް އެމީހުން ބޭނުމެއް ނުވޭ. އެހެންވެ ޖޫންގެ ވެޑިން އަކަށް މި ބަލަނީ،" ރާހޫލްގެ މަންމަ ބުންޏެވެ.

ދިޝާ އަކީ ވަރަށް ގިނަ ޓީވީ ޝޯތަކުގައި ލީޑް ރޯލު ކުޅެފައިވާ ބަތަލާ އެކެވެ. އޭނާ ކުޅުނު ޑްރާމާތަކުގެ ތެރެއިން ގިނަ ބަޔެއްގެ ލޯތްބާއި ތާއީދު އެންމެ ބޮޑަށް ލިބުނީ ސްޓާ ޕްލަސްގެ "ޕިޔާރް ކާ ދަރްދޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ"ގައި އޭނާ ކުޅުނު ޕަންކުޅީގެ ރޯލުންނެވެ. އޭގެ ފަހުން ވެސް ގިނަ ޑްރާމާތަކެއްގައި ދިޝާ ވަނީ ބައިވެރިވެފަ އެވެ.

ދިޝާ އާއި ރަހޫލްގެ ގާތް ގުޅުމެއް އޮންނަ ވާހަކަ މީހުން ދައްކާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ދެ މީހުންގެ އޮންނަނީ ގާތް އެކުވެރިކަން ކަމަށް މީގެ ކުރިން ރާހުލް ދިޔައީ ބުނަމުންނެވެ.

ރާހޫލް އާއި ދިޝާ ބައްދަލުވީ އެކުވެރިންތަކެއްގެ ފަރާތުންނެވެ. މަޑުމަޑުން ދެ މީހުންގެ ގާތް އެ އެކުވެރިންނަށް ވިއެވެ. ވަރަށް ގިނައިން ދެ މީހުން އެކުގައި ތަންތަނަށް ގޮސް އުޅުނަސް އެމީހުން އަމިއްލައަށް ވެސް ގަބޫލުކޮށްގެން ތިބީ އެއީ ހަމަ ގާތް ދެ އެކުވެރިން ކަމަށެވެ.

ދިޝާ އާއި ރާހުލް ކުޅުނު މިއުޒިކް ވީޑިއޯ "ޔާދު ތޭރީ"

ރާހޫލް ކިޔާފައިވާ ލަވައެއްކަމަށްވާ "ޔާދު ތޭރީ" ގެ މިއުޒިކް ވީޑީއޯގައި ދިޝާ އާއި ރާހޫލް ބައިވެރިވި އެވެ. މި ވީޑިއޯގައި ދެ މީހުންގެ ކެމިސްޓްރީ ރަނގަޅުކަމުން ވަރަށް ގިނަ ބަޔަކު އޭރުވެސް ދިޝާ އާއި ރާހޫލް އަޅުވާ ކިއެވެ. އަދި ވަރަށް ގިނައިން ނޫސްވެރިން ވެސް ރާހޫލް އާ މި ސުވާލު ކުރަމުން ދިޔަ އެވެ.

ރާހޫލް އަބަދުވެސް ނޫސްވެރިން ކައިރީ ބުނަނީ އޭނާ އާއި ދިޝާގެ ގުޅުމަކީ ލޯބީގެ ގުޅުމެކޭ ބުނަން އަދި މާ އަވަސް ކަމަށެވެ.
ނަމަވެސް ބިގް ބޮސްގެ ގޭގައި އެންމެ ކުރިމަތީގައި ކުއްލިއަކަށް ދިޝާ އަށް ޕްރޮޕޯޒްކޮށް ރާހޫލް ވަނީ އެންމެން ހައިރާން ކޮށްލާފަ އެވެ. އެހިސާބުން އެމީހުންގެ ޚާއްސަ ގުޅުން ފަޅާ އެރީ އެވެ.

ރާހޫލް އަކީ އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަންގައި އަބިޖީތު ސާވަންތު އާއި އަމިތު އާއެކު ފައިނަލްގައި ވާދަކުރި ލަވަކިޔުންތެރިއެކެވެ. މި ޝޯގައި ބައިވެރިވި ފަހުން ވަރަށް ގިނަ ސްޓޭޖް ޝޯތަކާއި ލަވަ އަލްބަމްތައް ނެރުމުގެ ފުރުސަތު ރާހޫލް އަށް ވަނީ ލިބިފަ އެވެ.