ބުންޑެސް ލީގާގައި، ޗެމްޕިއަން ބަޔާން މިޔުނިކުން ދެ ލަނޑުގެ ލީޑެއް ނަގަފައި ވަނިކޮށް ބުރޫޝިއާ މޮންޗެންގުލެޖްބާކުން ފަހަތުން އަރައި 3-2 ން މޮޅު ވެއްޖެ އެވެ.
މިއީ ޔޫރަޕްގެ ޗެމްޕިއަން މި ސީޒަންގައި، ބުންޑެސް ލީގާ ގައި ބަލިވި ދެ ވަނަ މެޗެވެ. ގުލެޖްބާކްގެ ދަނޑުގައި ބަޔާން ވީ ބައްޔާއެކު ދެ ވަނައިގައި އޮތް ރެޑްބުލް ލައިޕްޒިގް އަށް ވަނީ ބަޔާންގެ ލީޑް ނިމުމަކަށް ގެނައުމަށް ފުރުސަތު ލިބިފަ އެވެ. މިރޭ ބުރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށް ކުޅޭ މެޗުން ލައިޕްޒިގް މޮޅު ވެއްޖަނަމަ، ލައިޕްޒިގް އަށް ތާވަލުގެ އެއް ވަނަ ހޯދޭނެ އެވެ.
ރޭ ގުލެޖްބާކްގައި ކުޅުނު މެޗުގެ ފުރަތަމަ 26 ވަނަ މިނެޓްގައި ބަޔާންއިން ދެ ލަނޑު ޖެހި އެވެ. އެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ މެޗުގެ 20 ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ރޮބަޓް ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑެކެވެ. ދެ ވަނަ ލަނޑު އޭގެ ހަ މިނެޓް ފަހުން ކާމިޔާބ ކުރީ ލިއޯން ގޮރެޓްޒްކާ އެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގުލެޖްބާކްގެ ޖޯނަސް ހޮފްމަން ދެ ލަނޑު ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗު ހަމަހަމަ ކުރި ލަނޑު އޭނާ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފަހު ވަގުތުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ފްލޯރިއާ ނޮއިހައުސް ވަނީ ގުލެޖްބާކް ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ.
"ވަރަށް އުނދަގޫ މެޗެއް. އަހަންނަކަށް ހިއެއް ނުވޭ ގިނަ މީހުންނަށް ގަބޫލު ކުރެވޭނެ ހެނެއް އަހަރެމެންނަށް ބަޔާން ބަލި ކުރެވިދާނެ ކަމަކަށް." މަޗަށް ފަހު ވާހަކަ ދައްކަމުން ހޮފްމަން ބުންޏެވެ. "އަހަރެމެންނަށް އެނގޭ ބަޔާން ޑިފެންޑް ކުރާނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ތިބެކަން. މެޗު ކުރީ ކޮޅު އަހަރެމެންނަށް މެޗާ މެދު ވިސްނުނު ގޮތުން ފުރަތަމަ އުނދަގވީ. ނަމަވެސް ދެ ވަނަ ހާފުގައި އަހަރެމެންނަށް ނަތީޖާ ބަދަލު ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ."