ޕީއެސްޖީ

އެމްބާޕޭ ކުޅުން ރަނގަޅު ކުރަން ޖެހޭ: ޕޮޗެޓިނޯ

ޕީއެސްޖީގެ ފޯވަޑް ކިލިޔަން އެމްބާޕޭގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށް، އެ ޓީމުގެ އާ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ޕޮޗެޓިނޯ ކޯޗް ކަމުގެ ދަށުން ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗު ގައި، ސެއިންޓް އެޓީން އާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ވީ އެއްވަރެވެ. ޕޮޗެޓިނޯގެ ކޯޗް ކަމުގެ ދަށުން ޕީއެސްޖީ ހޯމް ދަނޑުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ބަސްޓް އާ ދެކޮޅަށެވެ.

މިރޭގެ މެޗުގައި ވެސް ނާމާ ނުފެންނާނެ ކަމަށް ޕޮޗެޓިނޯ ވަނީ ބުނެފަ އެވެ. ޕޮޗެޓިނޯ ކޯޗް ކަމާ ހަވާލުވުމަށް ފަހު އޭނާ ދަނީ ނޭމާގެ މުހިންމުކަން ޕީއެސްޖީއަށް ބޮޑުކަން ފާހަގަ ކުރަމުންނެވެ. އެއީ އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރުމަށް ނޭމާއަށް ބާރު އެޅުމުގެ ގޮތުންނެވެ.

ނޭމާ އަށް ފަހު އެމްބާޕޭގެ ކޮންޓްރެކްޓެވެ. ނޭމާ ކުޅުމާ ދުރުގައި ހުރުމުން މިވަގުތު ޕީއެސްޖީ ޓީމުގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. ޕޮޗެޓީނޯ ވަނީ އެމްބާޕޭގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަން ފާހަގަ ކޮށްފަ އެވެ.

"އެމްބާޕޭގެ ކުޅުމާ މެދު ހިތްހަމަޖެހޭ ނަމަވެސް އޭނާ ޖެހޭ އަދިވެސް އިތުރަށް ކުޅުން ރަނގަޅު ކުރަން،" އެމްބާޕޭ އާ ބެހޭގޮތުން ޕޮޗެޓިނޯ ބުންޏެވެ. "އަހަންނަށް ޔަގީން އޭނާ ބޭނުން ވާނެކަން ގޯލް ޖަހައި ރީތި ފުޓްބޯޅައެއް ކުޅެ މެޗުތަކުން މޮޅުވާން. އެހެންވެ އެހެން ކުޅުންތެރިންގެ އިތުރުން އޭނާ ވެސް ޖެހޭ ކުޅުން އިތުރަށް ރަނގަޅު ކުރަން."