ނޮވެންބަރު 30 ގެ ފަހުން ދެއްވަދޫއިން އެހެން ރަށަކަށް ދިޔަ މީހުން އަންގަން އެދިއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދެންމެ ބުނީ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރު 2020 ގެ ފަހުން ގއ. ދެއްވަދޫއިން ގޮސްފައިވާ މީހަކު ހުރިނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެމަށެވެ. އަދި ގއ. ދެއްވަދޫއިން މި މުއްދަތުގައި ގޮސްފައިވާ މީހެއްނަމަ ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށްވެސް ވަނީ އަންގާފައެވެ. މި މުއްދަތުގައި ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ މީހުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް އަދި ވިލިމާލޭ ފްލޫ ކްލިނިކަށް އައިސް ސާމްޕަލް ނެގުމަށް ވަނީ އަންގާފައެވެ. އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށް އަންގާފައިވެއެވެ.
އެޗްޕީއޭއިން ވަނީ އަދި ޑިސެމްބަރު މަހުގެ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި މީހެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށްވެސް ބުންޏެވެ. އަދި އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބެންވެސް އަންގާފައިވެއެވެ. މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ ނޮވެންބަރު 30 ގެ ފަގުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ މީހުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނިކުތުމަށް އަންގާ ކަމަަށެވެ.
އެޗްޕީއޭއިން މިގޮތަށް އަންގާފައިވާއިރު އެރަށުން ލ. ފޮނަދޫއަށް ދިޔަ ހަތަރު މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އެ ކޭސްތަކާއި ގުޅިގެން ފޮނަދޫއާ ގަމަށް އެރުން މަނާކޮށް އެޗްޕީއޭގެ މޮނިޓަރިންއަށް ވަނީ ގެނެސްފައެވެ. އެ މީހުންނަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފޮނަދޫއަށް ދިޔަ ބައެކެވެ.
ދެއްވަދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކު އެބަތިއްބެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ރަށައް ބަލި ފެތުރެން ދިމާވީ އެމީހާ ހޯމް ކަރަންޓީންގެ މުއްދަތަށްފަހު ސާމްޕަލް ނަގާ ނަތީޖާ ލިބުމުގެ ކުރިން ގޯސް މައުލޫމާތެއް ފޯރުކޮށްދެވި ކަރަންޓީނުން ވީއްލުމުގެ ސަބަބުން ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ.
އޭގެ ފަހުން ހަތަރު މަހުގެ ކުޑަކުއްޖަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެކުއްޖާއާ ޑައިރެކްޓްކޮންޓެކްވި އިތުރު މީހަކު މި މަހުގެ ހަވަނަ ދުވަހު ޕޮޒިޓިވްވިއެވެ. އެ ފަހުން އިތުރު ހަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެރަށްވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.