ބޮޑު މެދުކެނޑުމަކަށް ފަހު ސްކޫލުތަކުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ދަރިވަރުން މިއަދު ފަށައިފި އެވެ. ސްކޫލްތަކަށް ދިޔަ ދަރިވަރުންގެ މޫނު މަތިން ފެނުނީ އިތުބާރާއި ހިތްވަރުގަދަ ކަމާއި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ތައްޔާރުވެފައިވާ ތަނެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތާއެކު ސްކޫލްތައް ބަންދު ކުރި އިރު ކިޔެވުން ގޮސްފައިވާ ހިސާބުން ސްކޫލްތަކުގައި މިއަދު ކިޔަވަން ފެށީ އުންމީދާއެކު އެވެ. މިއަދު ދަރިވަރުން ސްކޫލަށް ދިޔައީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލަކު މިއަދު ކިޔެވުން ފަށަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފައިވާ އިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ކޮށް ސްކޫލުތަކުން އޮތީ ތައްޔާރުވެފަ އެވެ. ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށެވެ. ހުރިހާ ސްކޫލަކަށް ދަރިވަރުންނާއި މުވައްޒަފުން ވެއްދީ ހުން ބަލާ ސެނިޓައިޒް ކޮށްދީފަ އެވެ.
ދަރިވަރުން ސްކޫލްގައި ގައިދުރުކޮށް އުޅޭއިރު ވެސް ގަވައިދުން ހުން ބަލަން ޖެހެ އެވެ. މާސްކް އަޅައިގެން އުޅޭއިރު ސްކޫލު ތަކުން ދަރިވަރުންނަސް އަންގައިފައިވަނީ އިތުރު މާސްކެއް ވެސް ގެންގުޅުމަށެވެ.
ދަރިވަރުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް މިއަދު ހެނދުނު ސްކޫލްތައް ހުޅުވި ގަޑީގައި ފެނިފައި ވެއެވެ. ސްކޫލަށް ވަނުމުގެ ކުރިން ހަދާފައިވާ ކިއުތަކުގައި ގައިވެސް ތިބީ ތިން ފީޓް ދުރުމުނިގަ އެވެ. އަދި ކިއު ގައި މަޑުކުރަންވީ ތަން އަލުން ފާހަގަ ކޮށްފައިވާއިރު ކޮންމެ ސްކޫލެއްގެ ވެސް ގޭޓް ކައިރީ ދަރިވަރުންގެ ހުން ބެލުމަށާއި ސެނިޓައިޒް ކޮށް ދިނުމަށް މުވައްޒަފުން ތިއްބެވެ. އިތުބާރާއެކު މިއަދު ވަނީ އަލުން ކިޔަވަން ފަށާފަ އެވެ.