ބޯކޮށް ވެހެމުން ދިޔަ ސްނޯ ތެރޭގައި ރެއާލް މެޑްރިޑް މޮޅުވިޔަ ނުދީ ހިފަހައްޓާލައި އޮސަސޫނާ އިން ރެއާލް ގަނޑުކޮށް ލައިފި އެވެ.
އޮސަސޫނާ ނިސްބަތްވާ ޕަމްޕްލޯނާ އަށް ދަތުރު ކުރުމުގައި ވެސް ރެއާލްއަށް އުނދަގޫ ކުރިމަތިވި އެވެ. ބޯކޮށް ވެހެމުން ދިޔަ ސްނޯގެ ސަބަބުން އެއާޕޯޓްގައި ރެއާލް ދަތުރު ކުރި ފުލައިޓް ޖެއްސަންވެސް ގިނަ ގަޑިއިރުތަކެއް ހޭދަވި އެވެ.
މެޗު ކުޅެން ހަމަޖެހިފައި އޮތް އޮސަސޫނާގެ އެލްސަޑާ ސްޓޭޑިއަމްގެ ހާލަތުވެސް ރަނގަޅެއް ނޫނެވެ. މެޗަށް ވަގުތު ކުޑަތަންވީ އިރުވެސް ބޯކޮށް ވެހުނު ސްނޯއިން ދަނޑުގެ ވިނަގަނޑު އޮތީ ފޮރުވިފަ އެވެ. ސްނޯތައް ކަހައި އެއް ފަރާތްކުރިނަމަވެސް ޗަކަސް ވެފައި އޮތް ވިނަގަނޑުގައި ކުޅެން ޖެހުމުން ދެ ޓީމަށްވެސް އުނދަގޫ ކުރިމަތިވި އެވެ.
"މީ ފުޓްބޯޅަ މެޗެއްވެސް ނޫން،" މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުންޏެވެ. "މި މެޗަކީ ސަސްޕެންޑް ކުރަން ޖެހޭނެ މެޗެއް. މިހާލަތަކީ ފުޓްބޯޅަ މެޗަކަށް އެންމެ ރަނގަޅު ހާލަތެއް ނޫން. ނަމަވެސް މެޗު މިވަނީ ނިމިފަ."
ރެއާލްގެ ޓީމަށް އެނބުރި މެޑްރިޑަށް ދެވޭނެ ވަގުތެއްވެސް ނޭންގޭ ކަމަށް ޒިދާން ބުންޏެވެ. އެއީ ބޯ ސްނޯ އާހެދި އާންމު އުސޫލުން އެއާޕޯޓްގެ ރަންވޭ ބޭނުން ކުރެވޭނެ ހާލަތަކަށް އައިސްފައި ނުވާތީ އެވެ.
ގަދަ ސްނޯގެ ސަބަބުން އެތުލެޓިކް ބިލްބާއޯ އާއި އެތުލެޓިކޯ މެޑްރިޑް ރޭ ކުޅެން ހަމަޖެހިފައިވާ މެޗުވެސް ވަނީ ފަސް ކޮށްފަ އެވެ. ސްނޯގެ ސަބަބުން ދަނޑުތަކުގެ ވިނަގަނޑުގެ ހާލަތު ރަނގަޅެއް ނޫނެވެ. އެތުލެޓިކޯގެ ޓްރެއިނިން ގުރައުންޑް އޮތީ ހުދު ސްނޯއިން ފޮރުވިފަ އެވެ.
ރޭ ކުރިއަށް ގެންްދެވުނީ ތިން މެޗެވެ. ސްނޯގެ އަސަރު އެހާ ބޮޑަށް ނުފޯރާ ސަރަހައްދުތަކުގައި ކުޅުނު މެޗުތަކެވެ. ސެވިއްޔާގައި، އެ ކުލަބުން ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-2 ންނެވެ. ގުރަނާޑާގައި އެ ޓީމާ ދެކޮޅަށް އެފްސީ ބާސެލޯނާ ކުޅުނު މެޗު، ކެޕްޓަން ލިއޮނެލް މެސީ އާއި އެންޓްއާން ގްރީޒްމަން، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހައިގެން ،ބާސާއިން ކާމިޔާބު ކުރީ 4-0 ންނެވެ. ވިގޯގައި ސެލްޓަވީގޯ އާ ދެކޮޅަށް ވިޔަރެއާލް ކުޅުނު މެޗު ވިޔަރެއާލް ކާމިޔާބު ކުރީ 4-0 ންނެވެ.