ވާހަކަ

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 9)

އަނގަމަތި ފެން ފޮދަކުން ދޮވެލަމުން ހައުލާ ބަލައިލީ ފާޚާނާގެ ދޮރު މަތީގައި ހުއްޓިގެން ހުރި މިފްޒާލްގެ މޫނަށެވެ. މިފްޒާލްގެ މޫނުމަތިން އިންތިހާާއަށް ހައިރާންކަން ދިޔައީ ފެންނަމުންނެވެ.

"ޗީޑި! މީ ދޯ މިވާ ގޮތަކީ؟" މިފްޒާލް ކުއްލިއަކަށް ހިފައިލީ ހަައުލާގެ ކަނާއަތުގައެވެ.

"ބުނޭ! ކާކުގެ ދަރިއެއް؟" މިފްޒާލް ދަތްޕިލަ ޖައްސައި ވާން ކޮށްލަމުން އަހައިލިއެވެ.

"އަހަރެން ބަނޑު ބޮޑު ކަމެއް ނޭނގެ. ވިޔަސް ވާާނީ ކަލޭގެ ދަރިއަކަށް." ހައުލާ ދޫނުދީ ރައްދު ދިނެވެ.

"ކަލޭ އަހަރެން ކުރިމަތީގަ ފުއްޕަނީތަ؟" މިފްޒާލް އިތުރަށް ބާރަށް ހައުލާގެ އަތަށް ހިފައި ފިއްތައިލިއެވެ.

"ހެހެ! ތީ ކާކު އަހަރެން ބިރު ގަންނަން." ހައުލާ ލަތްކަކަށް އޭނާގެ އަތް ދަމައިގަތެވެ. މިފްޒާލް އެހާ ބާރަށް ހިފަހައްޓައިގެން ހުރި ހައުލާގެ އަތް، މިފްޒާލްގެ އަތު ތެރެއިން ލުހިގެން ދިޔައީ ފަސޭހަ ކަމާއި އެކުއެވެ.

"އަހަރެންގެ މުޅި ޙަޔާތް ކަލޭ ހަލާކު ކޮށްލީ. އަހަރެންގެ ނިކަމެތި ކަމުގެ ފައިދާ ކަލޭ ނެގީ. އަހަރެންނަށް ދަޅަ ދައްކައިގެން. އަހަރެން މިއަދު، މިގަޑީ މިދަނީ ޓެސްޓު ކުރަން. އަހަރެން ބަލިވެ އިނިއްޔާ އެވާނީ ކަލޭގެ ދަރިއަކަށް. އެޔަށްފަހު ކަންތައް ކުރަންވީ ގޮތް އެނގޭނީ ހަމަ އަހަންނަށް. ތި އުޅެނީ އަންހެނުންގެ ގޮތް ނޭނގިގެން. އަހަރެން މީ ކުރީގެ ފިނޑި ހައުލާއެއް ނޫނޭ. މިފްރާހު އަހަންނަށް ދިރިއުޅުމަކީ ކޮބައިކަން ވަނީ ރަނގަޅަށް ކިޔާދީފަ. އެހެންވީމަ ތިކަހަލަ ޖާހިލުންގެ ބަހަކަށް މިހައުލާއެއް ނުގުޑާނެ. އަޑު އިވެއްޖެތަ؟" ހައުލާ އެހެން ބުނެ ހަރުކޮށް ފިޔަވަޅު ނަގަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި މިފްޒާލް ހުއްޓުން އެރިއެވެ. މިފްޒާލްގެ ހަލުވި ދޫ ވަގުތުން ހިމޭންވެ، އަމާން ދިން ކަހަލައެވެ. މިފްޒާލް މަޑުމަޑުން އޭނާގެ މޫނު އަނބުރައިލީ ކޮޓަރީގެ ހުޅުވިފައިވާ ދޮޮރަށެވެ. އަދި ފުންކޮށް ނޭވާއެއް ލަމުން، މިފްޒާލް ކޮޓަރިން ނުކުތެވެ.

***

"އަހަރެންނަށް ނޭނގެ ދެން ކަންތައް ކުރާނެ ގޮތެއް. އަހަންނަކަަށް ނުކެރޭނެ ހައިޝަމްގެ ކުރިމައްޗަށް އަރާކަށް ވެސް." ލިއުޝާ ގެންދިޔައީ ރޮމުންނެވެ.

"ޑޮކްޓަރ. ނުރޮއި! އަހަރެން މިހުރީ ޑޮކްޓަރާ އެކު. އަހަރެން މީ ބަލި މީހެއް. މޮޔައެއް ކަމަށް ވެސް ވެދާނެ. އެކަމު ތި އިޙްސާސްތައް އަހަރެންނަށް ވެސް އެނގޭ." ޒަޔާން މަޑުމަޑުން ހިފައިލީ ލިއުޝާގެ އަތުގައެވެ. އިސްޖަހައިގެން އިން ލިއުޝާ ވަގުތުން އިސްނަގަމުން ބަލައިލީ އޭނާއާ ޖެހިގެން އިން ޒަޔާނަށެވެ. އަދި ގަދަކަމުން ހިނިތުންވުމެއް ދެވޭތޯ ލިއުޝާ މަސައްކަތް ކޮށްލަމުން، އޭނާގެ އަތް ބާއްވައިލީ ޒަޔާންގެ އަތް މަތީގައެވެ.

"ޒަޔާން. މިއަދުން ފެށިގެން މީ ޒަޔާންގެ ދައްތަ. ލިއު ދައްތަ. އިނގޭ!" ލިއުޝާ އަސްލު ނޫން ހިނިތުން ވުމެއް ދީގެން ބަލަން އިނީ ޒަޔާނަށެވެ. ޒަޔާނަށް ކުއްލިއަކަށް ހުރެފައި ލިއުޝާގެ ގައިގައި ބައްދައިގަނެވުނެވެ. ވީ އުފަލެއްގެ ބޮޑު ކަމުންނެވެ.

"ތީ އަހަރެން ވަރަށް ދެކެން ބޭނުންވާ ދުވަހެއް. އަހަރެންގެ ޙަޔާތުގަ އެކަކު ވެސް ނެތް. ޢާއިލާއެއް ނެތް. އަހަރެން ވަރަށް ބޭނުން ދައްތައެއްގެ ލޯބި. މަންމައެއްގެ ލޯބި. އިރާދަފުޅުން އަހަރެންނަށް މަންމައެއް ލިބެއްޖެ. މިހާރު ދައްތައެއް ވެސް މި ލިބުނީ.." ލިއުޝާއާ ދުރުވެލަމުން ޒަޔާން ބަލައިލީ ލިއުޝާގެ ދެލޮލަށެވެ. ޒަޔާންގެ މޫނުމަތިން ފެންނަނީ އިންތިހާއަށް އުފާވެރި ކަމެވެ. ފިސްފިސް ވަމުން ދިޔަ ލިއުޝާގެ ހިތަށް ޒަޔާންގެ ތުންފަތުން ފެނުނު އުފާވެރިކަމުން ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ.

"ލިއު ދައްތަ އަށް ބޭނުން ދުވަހެއް ވަންދެން މިތަނުގަ އުޅެވޭނެ. މިގޭ ތިރީގަ އުޅޭނީ ހަދީޖާ. އެއީ އަހަރެންނަށް މަންމައެއްް ފަދަ މީހެއް. އަހަރެން ކިޔަނީ ވެސް މަންމަ. ލިއު ދައްތައަށް ތަޢާރަފުކޮށްދޭނަން އިނގޭ!" ޒަޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިނިތުންވާނެ ހިތްވަރު ޙަޤީޤަތުގައި ލިއުޝާގެ ނެތަސް، އޭނާ ހުރީ ހީނލައިގެންނެވެ.

"ނޫން. އަހަރެން މިތަނުގަ ނޫޅޭނަން. އަހަރެން އިތުރު ގޮތެއް ހޯދާނީ." ލިއުޝާ ބަލައިލީ ޒަޔާނަށެވެ.

"އިތުރު ކޮން ގޮތެއް؟" ޒަޔާން ކޮށްލި ސުވާލަށް ދޭނެ ޖަވާބެއް ލިއުޝާއަކަށް ނޭނގުނެވެ. އާނއެކެވެ. ލިއުޝާ ދާނެ ވަކި ތަނެއް ނެތެވެ. ވަންނާނެ ގެދޮރެއް، އެއްވެސް ޢާއިލާއެއް ލިއުޝާގެ ވެސް ނެތެވެ. ޖަވާބު ދިނުމުގެ ގޮތުން ލިއުޝާ ގަދަކަމުން ހިނިތުންވެލިއެވެ. އަދި ކޮޅަށް ތެދުވެ، ޒަޔާންގެ ބޮލުގައި ފިރުމައިލަމުން، ލިއުޝާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

***

"މި ކާލަ ބަލަ!" ޒީނާގެ އަތުގައި އޮތް ރޮށިކޮޅު، މަޑުމަޑުން އަނގަ ހުޅުވަމުން ހައިޝަމް ކައިލިއެވެ. ހައިޝަމްގެ ކަރު ތެރެއިން ލަނީ ހިތި ރަހައެކެވެ. ހިން ދިރުވައިލަން ވެސް ހައިޝަމަށް އުނދަގުލެވެ.

"ދެން ނުކެވޭނެ." ޒީނާގެ އަތް ދުރުކޮށްލަމުން، ހައިޝަމް ސޯފާާގައި ބުރަކަށި ދަމައިލިއެވެ.

"އެކަމު ދޯ؟ ކައިގެންނު ދުނިޔޭގަ ހުރެވޭނީ؟" ޒީނާ މާޔޫސީ ރާގެއްގައި ބުނެލިއެވެ.

"ލިއު ނެތް ޙަޔާތެއްގަ އުޅޭކަށް އަހަރެން ބޭނުމެއް ނޫން." ހައިޝަމްގެ ދުލުން ބޭރުވީ އެވަރަށެވެ. މޫނު މަތީގައި ހައިޝަމް އަތް އެޅީ، އޭނާއަށް ކުރި އަސަރުތައް ފޮރުވުމަށެވެ. ޒީނާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. މި ހެދެނީ ކިހާ ވަރެއްގެ ނުބައެއްކަން އެނގޭ ހާލުގައި ވެސް އަމިއްލަ އަބުރާއި އިއްޒަތުގެ ހިމާޔަތުގައި ޒީނާއަށް މިވަނީ އޭނާގެ ލޯބިވާ މީހުންގެ ދިރުއުޅުން ޤުރުބާން ކުރަން ޖެހިފައެވެ.

ޒީނާގެ އަތުގަައި އޮތް ރޮށިތަށި މޭޒުމަތީގައި ބަހައްޓަމުން، އޭނާ އައިސް ސޯފާގައި އޮށޯވެލީ ހައިޝަމްއާ ޖެހިގެންނެވެ. ޒީނާ އޮށޯތުމާއި އެކު މުޅި ސޯފާ ފުރުނެވެ. ހައިޝަމް ކުއްލިއަކަށް އޭނާގެ މޫނުމަތީގައި އަޅައިފައިވާ އަތް ނައްޓައިލިއެވެ. ޒީނާގެ ކަޅި ހައިޝަމްގެ ކަޅިއާ އަމާޒުކޮށްލަމުން ޒީނާ ކުއްލިއަކަށް ހައިޝަމްގެ ގައިގައި ބައްދައިގަތެވެ. އެއާއި އެކު ހައިޝަމަށް ވީގޮތް ވެސް ނޭނގުނެވެ. ހައިޝަމް އޭނާގެ ދެއަތުގެ ހުރި ބާރެއް ލާފައި ޒީނާ ކޮށްޕައިލިއެވެ.

"އައްދޯއި. އައްދޯއި." ޒީނާ ހީވީ ބުރައިގެން ދިޔަހެންނެވެ. ދިޔަ ބާރު މިނުގައި ޒީނާގެ ނޭފަތް ގޮސް ޖެހުނީ ކޮޓަރީގެ ތަށިމުށިގަނޑުގައެވެ.

"އާހް! އައްދޯއި." ޒީނާ މަޑުމަޑުން އޭނާގެ ނޭފަތުގައި އަތް ޖައްސައިލިއެވެ. ޒީނާގެ މުޅި އަތުގައި ލެއެވެ. ކުއްލިއަކަށް ޒީނާއަށް ކޮޅަށް ތެދުވެވުނެވެ.

"ހައިޝަމް." ޒީނާ ރުޅިއައިސްފައި ވަރަށް ބާރަށް ގޮވައިލިއެވެ.

"ހަމަ މިހާރު މިތަނުން ނުކުމޭ! ކަލެއާ މިފްޒާލް ތިއުޅެނީ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލަން. އަހަންނާ ލިއުއާ ދުރު ކުރުވަން. އެކަން އަހަރެންނަށް ކަލޭގެ ހަރަކާތްތަކުން މިއަދު ޔަޤީންވެއްޖެ. ނުކުމޭ!" ހައިޝަމް ގާތަށް އައިސްފައި ވަނީ އިންތިހާއަށް ރުޅިވެރި ކަމެވެ. އިތުރަށް އެއްޗެއް ބުނާނެ ހިތްވަރެއް ޒީނާއަކަށް ނުލިބުނެވެ. އަނގަޔާއި ނޭފަތްމަތީގައި އަތް އަޅަމުން، ޒީނާ ދުއްވައިގަތީ އެގެއިން ނުކުންނާށެވެ. ހައިޝަމް އިތުރަށް ދެރަވިއެވެ. ބޮލުގައި އަތް އަޅައިލަމުން، ހައިޝަމް ހުރިތަނަށް ތިރިވިއެވެ.

***

ހޮސްޕިޓަލްގެ ތެރޭގައި ހައުލާ އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ނަތީޖާ ލިބޭނެ އިރަކަށެވެ. ހައުލާގެ ހިތް ތެޅޭ ވަރުން ވެސް އޭނާއަށް ދިޔައީ އުދަނގު ވަމުންނެވެ. ބަނޑު ބޮޑުވެއްޖެ ނަމަ، ދެން ކަންތައް ކުރަންވީ ގޮތެއް އެއްގޮތަކަށް ވެސް ހައުލާގެ ސިކުނޑިއަކަށް ނާދެއެވެ. މިދިޔަ ދުވަސްތަކުގައި މޭނުބައި ކުރުވިޔަސް، އެކަން މާ ބޮޑުކަމަކަށް ހައުލާއެއް ނުދެކެވެ. ނަމަވެސް މިފްޒާލް ކުރުވި ސުވާލުން، ހައުލާއަށް ވެސް އޭނާއާ މެދު ޝައްކެވެ.

ހައުލާއާ ދިމާލަށް ހިނގާފައި އައި ނަރުސް ކުއްޖާ ހިނިތުން ވުމަކާއި ހުއްޓުނީ ހައުލާގެ ކުރިމަތީގައެވެ. އަދި ނަރުސް އަތުގައި އޮތް ރިޕޯޓު ހައުލާގެ އަތަށް ދިއްކޮށްލިއެވެ.

"ބަނޑު ބޮޑު." ހިނިތުންވެ ހުރެ އެހެން ބުނެ، ނަރުސް އެތަނުން ދިޔައެވެ. ހައުލާއަށް ހީވީ އޭނާގެ އަތުގައި އޮތް ރިޕޯޓަށް އޭނާގެ ދެލޯ ވެއްޓިގެން ދިޔަހެންނެވެ. ވަގުތުން މުޅިތަން ހައުލާއަށް ފުސްވެގެން ދިޔައެެވެ. ހަދާނެ ގޮތެއް ނޭނގުމުން ހައުލާ ހުރިތަނުގައި ގުނޑި ނުލައި ވަގުތުކޮޅަކު ހުއްޓެވެ.

***
ހަވީރުގެ ވަގުތެވެ. ލިއުޝާ ދާނެ ދިމާލެއް ނޭނގި، މާލޭގެ އެކި ތަންތަނުގައި ހިނގަމުން ދިޔައެވެ. އެގޮތުގައި ލިއުޝާގެ ވަގުތުތައް ހޭދަކުރަމުން ދާއިރު، އޭނާގެ ހިތުގައި ވަނީ ހަމައެކަނި ހައިޝަމެވެ. ކުއްލިއަކަށް ލިއުޝާގެ ފޯނު ރިންގުވާން ފެށިއެވެ. ލިއުޝާއަށް ވީގޮތް ވެސް ނޭނގުނެވެ. އުފަލުން ހުރެ ލިއުޝާ ފޯނަށް ޖަވާބު ދިނީ ހައިޝަމް ގުޅުމުންނެވެ.

"ލިއު.. އަހަރެންނަށް މާފު ކުރޭ!" ހައިޝަމް އެހެން ބުނުމާއި އެކު ލިއުޝާއަށް އިވުނީ ހައިޝަމް ރޯން ފެށި އަޑެވެ. އަންހެން ކުއްޖެއް ފަދައިން ހައިޝަމް ރޮމުން ގެންދިޔައީ އޭނާގެ ކުށް، އަމިއްލައަށް ޤަބޫލު ކުރެވުމުންނެވެ. ލިއުޝާ އެއްވެސް އެއްޗެއް ނުބުނެ، ވަގުތު ކޮޅަކު ހިމޭން ވިއެވެ.

"ލިއު. ޕްލީޒް! އަހަރެންނަށް މާފު ކުރޭ! އަހަރެންނަށް ހުރިހާ ކަމެއް ވެސް އެނގެއްޖެ." ހައިޝަމް އެހެން ބުނުމުން ލިއުޝާ ފުންކޮށް ނޭވާއެއް ލިއެވެ.

"ކޮންމެވެސް އެއްޗެއް ބުނެބަލަ ލިއު. އަހަރެންނަށް މާފު ދީ ލިއު." ހައިޝަމްގެ އާދޭހުގެ އަޑު އަހާކަށް ލިއުޝާއަކަށް ފަސޭހައެއް ނުވިއެވެ.

"ހައިޝަމް. އަހަރެން ހައިޝަމަށް މާފު ދީފިން." ލިއުޝާގެ މަރުވެފައިވާ އިޙްސާސްތައް އަލުން ދިރިގެން ދިޔައީ ހައިޝަމްގެ އިޙްސާސްތަކާއި އެކުގައެވެ. ލިއުޝާ އަވަސްވެ ގަތީ ހައިޝަމްގެ ގާތަށް ދިޔުމަށެވެ.

***

ދުވާލުގެ އަލިކަން ފަސްދީ، ރޭގަނޑުގެ އަނދިރި ކަމުން މުޅި ދުނިޔެ ބައްދައިލައިފިއެވެ. މިފްރާހުގެ މުޅި ގަމީސް ވަނީ ދާތިކިތަކުން ފުރިފައެވެ. ގޭގެ ދެކޮޅަށް މިފްރާހު ހިނގަމުން ދިޔައީ ނުހަނު ކަންބޮޑު ވުމާއި ހާސްކަމުގެ ތެރެއިންނެވެ. ސޯފާގައި އިން މިފްޒާލް ބަލަން އިނީ މިފްރާހުގެ ހަރަކާތްތަކަށެވެ. މިފްޒާލް ވެސް އިނީ ވާނުވާ ނޭނގި ބޮޑު ހައިރާން ކަމެއްގެ ތެރޭގައެވެ.

"ދޮންބޭ. ތި ހަމަ ޖެހިބަލަ!" މިފްޒާލް ސޯފާއިން ތެދުވެގެން ގޮސް މިފްރާހުގެ ގައިގައި ހިފައިލިއެވެ.

"ކިހިނެއް ހަމަޖެހޭނީ ކޮއްކޯ؟ އަދިވެސް ހައުލާއެއް ނުފެނޭ. ފޯނު ވެސް ނިއްވާލާފަ." މިފްރާހަށް މާނޭވާ ލެވެމުން ދިޔައެވެ.

ޓީވީތަކުންނާއިި ރޭޑިއޯތަކުން ހައުލާ ގެއްލުނު ޚަބަރު ގެނެސްދެމުން ދިޔައެވެ. އެކި މީހުން އެކި ގޮތްގޮތަށް އެވާހަކަދައްކަމުން ދާއިރު، އަދިވެސް ފުލުހުންނާއި ސިފައިންނަށް ހައުލާގެ އެއްވެސް ހިލަވަޅެއް ނުވެއެވެ. ފުލުހުންގެ އެދުމަށް މިފްރާހު ވަރަށް އަވަސްކޮށް ފުލުހުންގެ މަރުކަޒަށް ދިޔައެވެ. ތަޙުޤީޤަށް ލިބުނު ބައެއް މަޢުލޫމާތުތައް ޙިއްޞާ ކުރުމަށެވެ.

***

ލިއުޝާ ވަރަށް ލޯބިން ހައިޝަމްގެ އުނގުގައި ބޯ އަޅައިލަގެން އޮތީ ޓީވީއިން ގެނެސްދެމުންދާ ބްރޭކިން ނިއުސް ބަލާށެވެ.

"އެކުއްޖާ ފެންނާނެކަން ނޭނގެ! އާންމުކޮށް ފެމިލީ ގެއަކުން ދޯ ފެންނާނީ؟" ލިއުޝާ ބަލައިލީ ހައިޝަމްގެ މޫނަށެވެ. މިހާރު ހައިޝަމް އާއި ލިއުޝާގެ މެދުގައި އެއްވެސް މައްސަލައެއް ނެތެވެ. އެދެމީހުންގެ ލޯބި ކުރިއަށް ވުރެ، މިހާރު މާ ބޮޑުހެން ވެސް ހީވެއެވެ.

***

މިފްރާހު ހުރީ ފުލުހުންގެ މަރުކަޒުގައެވެ. މިފްރާހުގެ ލޮލުން އޭރުވެސް ކަރުނަ ނުހިކެއެވެ.

"މިފްރާހަކީ ހައުލާގެ ވާން އުޅޭ ފިރިމީހާ ދެއްތޯ؟" ފުލުސްމީހާ ކޮށްލި ސުވާލަށް މިފްރާހު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ހައުލާ މިއަދު އޭޑީކޭއަށް ދިޔަކަން އެނގޭތޯ؟" ފުލުސް މީހާ ބަލަން އިނީ މިފްރާހުގެ މޫނަށެވެ.

"ނޫން، ނޭނގެ! ކިހިނެއްތޯވީ؟" ވަރަށް އަވަސްކޮށް މިފްރާހު އަހައިލިއެވެ.

"ހައުލާ ވަނީ އޭޑީކޭއަށް ގޮސް ޓެސްޓު ހަދާފަ. ހައުލާ ބަނޑު ބޮޑު." ޕޮލިސް އެހެން ބުނުމާއި އެކު މިފްރާހަށް ހީވީ އޭނާގެ ފޫކޮޅަށް ކައްޓެއް ހެރުނުހެންނެވެ. ލަތްކަކަށް އޭނާއަށް ކޮޅަށް ތެދުވެވުނެވެ.

"ކީކޭ؟" ޤަބޫލުކުރަން ދަތިވުމުން މިފްރާހު އަހައިލިއެވެ.

"އާދެ! އޭގެ ފަހުން ހައުލާ ޓެކްސީގަ ވަނީ މާފަންނަށް ގޮސްފަ. ޝީބިލްޑިން ހިސާބުން ހައުލާ ވަނީ ކެމެރާތަކަށް ގެއްލިފަ. ދެން އަނެއްކާ ބެލި ބެލުމުން ހައުލާ ވަނީ މަޖީދީމަގުން ޓެކްސީއަކަށް އެރިތަން ފެނިފަ. ދެން އެންމެ ފަހުން ހައުލާ ފެނިފައި ވަނީ ފަތާ ޓްރެކް ސަރަހައްދުން. ދެން އޭގެ ފަހުން ހައުލާއެއް ނެތް ކެމެރާތަކުން އަޅުގަނޑުމެންނަށް ލޮކޭޓް ކުރެވިފައެއް." ފުލުސް މީހާގެ ވާހަކަތަކުން މިފްރާހު ބަސް ހުއްޓި، އަނގަ ހުޅުވުނެވެ.

"ތި ވިދާޅުވީ؟" މިފްރާހުގެ މުޅި ގަޔަށް ރޫރޫ އަޅަން ފެށިއެވެ.

"ބޮޑަށް ބެލެވެނީ ހައުލާ މޫދަށް ފުއްމާލީ ކަމަށް. އެހެންވެ އަޅުގަނޑުމެން މިދަނީ މޫދުގެ އެކި ސަރަހައްދުތައް ބަލަމުން." މިފްރާހުގެ ލޮލުން ކަރުނަތައް ހޯސްލާފައި ފައިބައި ގަތެވެ. ކުއްލިއަކަށް މިފްރާހު ގޮނޑިއަށް ޖެހިގަތެވެ. (ނުނިމޭ)