ހަބަރު

ނައިބުގެ ރައީސްގެ ބަންދުގެ މުއްދަތު މަޖިލިސް ބާއްވަނީ ވީޑިއޯ ކޮންފަރެންސްކޮށް

ގައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމާނީ ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް އަދީބުގެ ވަކީލް ވިދާޅުވެއްޖެ އެވެ.

ރައީސްގެ "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ނައިބު ރައީސް އިއްޔެ ހެނދުނު ހައްޔަރުކޮށްފައިވާއިރު އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމަން މުއްދަތު މަޖިލިސް ބާއްވަން ނިންމާފައިވަނީ މިއަދު 10:30 ގަ އެވެ.

އަދީބުގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބުގެ ބަންދާ މެދު ގޮތެއް ނިންމުން ކުރިއަށް ގެންދަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި އަދީބު ހުންނަވާނީ އެމަނިކުފާނު ބަންދުކޮށްފައި ހުރި ކ. ދޫނިދޫގައި ކަމަށެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ވަރަށް ކުއްލި ގޮތަކަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގަތްތަނުން ފުުހުން ވަނީ އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފައެވެ.
އެމަނިކުފާނު ހައްޔަރުކުރީ ގައުމަށް އެންމެ ބޮޑު ޚިޔާނާތްވި ކަމުގެ ތުހުމަތުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.