ލައިފްސްޓައިލް

އިންޑިޔާ މިހަކު އެއްފަހަރާ ދެ އަންހެނުންނާ ކައިވެނިކޮށްފި

އިންޑީޔާގައި ވަރަށް މަދުން ނޫނީ ކައިވެނި ނުކުރާ ގޮތަކަށް އެ ގައުމުގެ ޗައްތިސްގަޅްގެ ބާސްޓަރު ކިޔާ އަވަށެއްގެ މީހަކު ކައިވެނި ކޮށްފި އެވެ. އޭނާ ކައިވެނިކުރީ އެއް ތަނެއްގައި އެއް ވަގުތެއްގައި ދެ އަންހެނަކާ އެވެ. މި ކައިވެނި ކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހު އެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި 600 މީހުން ބައިވެރިވި އެވެ.

މި ކައިވެނީގެ ވާހަކަ އެ އަވަށުގައި ވަރަށް މަޝްހޫރު ވާހަކައަކަށް ވަނީ ވެފަ އެވެ. ސަބަބަކީ މިއީ އިންޑިޔާގެ ސަގާފަތުގައި އޮންނަ ކަމަކަށް ނުވާތީ އެވެ.

ކައިވެނި ކުރި ފިރިހެންމީހާ ޗަންދޫ މޯރިޔާ އަކީ ދަނޑުވެރިއެކެވެ. އޭނާ މީގެ ތިން އަހަރު ކުރިން ސުންދަރީ ކަޝޭޕް ކިޔާ 21 އަހަރުގެ ޒުވާން އަންހެނެއް ދެކެ ލޯބި ވެވުނެވެ. ދެ މީހުން އެތައް ދުވަހެއް ވަންދެން ފޯނުން ލޯބީގެ މާތައް ފޮޅުވުމަށް ފަހު ކައިވެނި ކުރަން ގަސްތުކުރި އެވެ.

ނަމަވެސް ތަގްދީރުގައި ކަން އޮތީ އެހެން ގޮތަކަށް ކަމުން ސުންދަރީ ދެކެ ލޯބިވިތާ އަހަރެއްހާ ދުވަސް ފަހުން ޗަންދޫ އަށް ހަސީނާ ނަމަކަށް ކިޔާ ޒުވާން އަންހެންކުއްޖެއް ދެކެ ލޯބި ވެވުނީ އެވެ. ހަސީނާ އާ ޗަންދޫ ބައްދަލުވީ އާއިލާގެ މީހެއްގެ ކައިވެނި ޕާޓީ އަކުންނެވެ.

ޗަންދޫއަށް ހަސީނާ ދެކެ ލޯބި ވެވުނަސް އޭނާ އެހެން މީހަކާ ރައްޓެހިވެ ކައިވެނި ކުރަން އުޅޭކަމަށް ހަސީނާ ކައިރީ ބުންޏެވެ. ނަމަވެސް ޗަންދޫއާ ފޯނުން ގުޅުން ބާއްވަން ބޭނުން ކަމަށް ހަސީނާ ބުންޏެވެ.

ހިންދުސްތާން ޓައިމްސް އަށް ޗަންދޫ ކިޔައިދިން ގޮތުގައި ސުންދަރީ އާއި ހަސީނާ ކޮންމެވެސް ގޮތަކުން ރައްޓެހިވެ ދެ މީހުން ވެގެން ޗަންދޫ އާ ލޯބީގެ ގުޅުން ބާއްވަން އެއްބަސްވި އެވެ. ދެ މީހުންނާ ޗަންދޫ ފޯނުން ވާހަކަ ދައްކަމުން ގޮސް އެއް ދުވަހަކު ހަސީނާ ޗަންދޫގެ ގެއަށް ދިރިއުޅެން އައީ އެވެ. މި ކަން އެނގިގެން ސުންދަރީ ވެސް ޗަންދޫގެ ގެއަށް ގޮސް އެންމެން އެކުގައި ޗަންދޫގެ ގޭގައި އާއިލާއެއް ގޮތަށް ދިރިއުޅެން ފެށީ ކަމަށް ޗަންދޫ ބުނެފައި ވެއެވެ.

އަވަށުގެ މީހުންނަށް އެކަން އެނގިގެން ރުޅިއައިސް ޗަންދޫ އާ ސުވާލުތައް ކުރަން ފެށި އެވެ. ކައިވެނި ނުކޮށް ހިލޭ ދެ އަންހެނުން ޗަންދޫގެ ގޭގައި ގެންގުޅޭތީ މައްސަލަ ޖައްސަން ފެށި އެވެ. އެހެންވެ ދެ މީހުންނާ ކައިވެނި ކުރަން ޗަންދޫ ގަސްތުކުރީ އެވެ.

ޗަންދޫ ބުނި ގޮތުގައި ދެ އަންހެނުން ވެސް އޭނާ ދެކެ ވަރަށް ލޯބިވެ އެވެ. އެހެންވީމާ އެކަކު ވެސް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި ދެ އަންހެނުން ވެސް އޭނާއާއެކު މުޅި އުމުރަށް ވެސް އުޅެން އެއްބަސްވެފައިވާ ކަމަށް ޗަންދޫ ބުންޏެވެ.

ހަސީނާގެ އާއިލާގެ މީހުން މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ސުންދަރީގެ އާއިލާގެ މީހުން ތިބީ ވަރަށް ރުޅިއައިސްފަ އެވެ. އެހެންވެ އެ އާއިލާގެ އެއްވެސް މީހަކު ކައިވެނި ކުރި ތާކަށް ނުދެއެވެ.

މިހާރު ކައިވެނިކޮށްގެން ތިން މީހުން އުފަލުގައި ދިރިއުޅޭއިރު ޗަންދޫގެ ދެ އަނބިން ވެސް އޭނާއާއެކު ދަނޑުވެރިކަން ކުރުމުގައި ބައިވެރިވެ އެވެ.