ހަބަރު

ރައީސް އަނެއްކާވެސް ޕީޕީއެމްގެ ޕީޖީ މެންބަރުންނާ މިއަދު ބައްދަލުކުރައްވަނީ

ފުލުހުން މިހާރު ހިންގަމުންދާ "ފިނިފެންމާ" ލޯންޗުގެ ތަހުގީގަށް ނައިބު ރައީސް ހައްޔަރުކުރުމާ ބެހޭގޮތުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންނާއި ރައީސް މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ޕީޖީ ގްރޫޕުގެ މެންބަރުންނާއި އެމަނިކުފާނު ބައްދަލުކުރައްވަން ނިންމަވާފައިވަނީ މިއަދު މެންދުރު 12:30 ހާއިރު ރައީސް އޮފީހުގަ އެވެ.

ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމާއި ބެހޭގޮތުން ޕީޖީ މެންބަރުންނާއި ރައީސް ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، އަދީބު ހައްޔަރުކުރެއްވުމާއި، ފިނިފެންމާ ތަހުގީގާއި ބެހޭ އިތުރު ގިނަ މައުލޫމާތުތަކެއް ރައީސް ވަނީ މިއަދު ގައުމާ ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ލޯންޗުކޮޅުގެ ހާދިސާ ހިނގުމަށްފަހު މިވީ ދުވަސްތަކުގައި، އެފަދަ ބޮޑު ގައުމީ މައްސަލައެއްގައި ނައިބެއްގެ ފަރާތުން ރައީސަށް ލިބެންޖެހޭ އެއްވެސް އެއްބާރުލުމެއް ނައިބު ރައީސް އަދީބު ދެއްވާފައި ނުވާ ކަމަށެވެ. އަދި މިވީ ދުވަސްތަކުގައި އަދީބު އުޅުއްވީ ވަރަށް އެކަހެރިވެވަޑައިގެން ކަމަށެވެ.