އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ރައުންޑްގައި، ޓޮޓެންހަމް ހޮޓްސްޕާސް އިން ނޮން ލީގްގެ ކުލަބު މަރީން އޭފްސީ އާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއަށް ވުރެ ވަރުގަދަ ވާހަކަ އަކީ، އެ މެޗުން ޓޮޓެންހަމްގެ ފަރާތުން މަރީން އަށް ފޯރުކޮށް ދިން އެހީތެރި ކަމެވެ.
ކޮވިޑްގެ ލޮކްޑައުން އާ ހެދި މަރީންގެ މާލީ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ހޯޒޭ މޮރީނިއޯގެ ޓޮޓެންހަމް އާ ދެކޮޅަށް ކުޅެން ފުރުސަތު ލިބުމަކީ މާލީ ގޮތުން އެ ޓީމަށް ލިބުނު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ.
މެޗުގެ ކުރިން މޮރީނިއޯ އިއުލާން ކޮށްފައި ވަނީ، މަރީންއަށް ފައިސާގެ ގޮތުން އެހީތެރިވުމަށް އެ ޓީމުގެ ޓިކެޓް އޭނާ ގަންނާނެ ކަމަށެވެ. ވާޗްއަލް ޓިކެޓްގެ ގޮތުގައި 30،000 ޓިކެޓް ވިއްކައިގެން މަރީން އިން ވަނީ ޓޮޓެންހަމްގެ މެޗުން 300،000 ޕައުންޑް ހޯދާފަ އެވެ. ވާޗްއަލްކޮށް ގިނަ ޓިކެޓް ގަތީ ޓޮޓެންހަމްގެ ސަޕޯޓަރުންނެވެ.
ކާލޯސް ވިނީސިއުސްގެ ހެޓްރިކުން ބޮޑު ތަފާތަކުން ޓޮޓެންހަމް މޮޅުވިޔަސް، މެޗުގެ ހާއްސަކަން ހައްގުވީ މެޗުން ބަލިވި މަރީން އަށެވެ. މެޗުން އުފެއްދުނު ފައިސާ އެކަންޏެއް ނޫނެވެ. މަރީންގެ ދަނޑުގައި ކުޅުނު މެޗަށް މޮރީނިއޯ ވަނީ، ސްޕާސްގެ އެންމެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ، ގެރެތު ބޭލް، ޑެލީ އަލީ، ލޫކަސް މޯރާ އަދި މޫސާ ސިސޯކޯއަށް ފުރުސަތު ދީފަ އެވެ.
ސްޕާސްގެ ޓީމާ އަޅާކިޔާއިރު ފެންވަރުގެ ގޮތުން މަރީން އެތަށް ގޮތަކުން ދަށެވެ. ނަމަވެސް ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިން ގޮވައިގެން މަރީން އާ ދެކޮޅަށް، މޮރީނިއޯ ނުކުތުމަކީ މަރީންއަށް އޭނާގެ ހިތުގައި އޮތް އިހްތިރާމް ހާމަ ކޮށް ދިން ސަބަބެއް ކަމަށް މަރީންގެ ކޯޗް ނީލް ޔަންގު ބުންޏެވެ.
"މޮރީނިއޯގެ އިހްތިރާމް އަހަރެމެންނަށް ޓަކައި އޮތް އެކަން އެނގިގެންދޭ މެޗަށް އޭނާ ނެރުނު ޓީމުން ވެސް،" މެޗަށް ފަހު ޔަންގް ބުންޏެވެ. "އޭނާ އަށް ވަރަށް ފަސޭހަ ވާނެ ގެރެތު ބޭލް މެޗަށް ނުގެނެސް ވެސް. އެކަމަކު އޭނާ އެގޮތަށް ކަންތައް ކުރި ސަބަބަކީ މި މުބާރާތުގައި އަހަރެމެން ކުރި މަސައްކަތަށާއި މި ޓީމަށް އޭނާގެ ފަރާތުން އޮތް އިހްތިރާމް އަދާ ކުރަން."
މޮރީނިއޯ އާއި އޭނާގެ ކޯޗިން ޓީމު އިށީންނަށް މަރީންގެ ދަނޑުގައި ހުރީ ބެންޗު ގޮނޑިތަކެއް ނޫނެވެ. އެ ގޮނޑިތަކަކީ ޑައިނިން ރޫމެއްގައި ބޭނުން ކުރާ ޒާތުގެ ގޮނޑިތަކެކެވެ. އެހެން ނަމަވެސް، ދަނޑުގެ ވިނަގަނޑުގެ ހާލަތު ރަނގަޅު ވުމުން މޮރީނިއޯ ހިތްހަމަޖެހެ އެވެ. މޮރީނިއޯ ބުނީ، އިނގިރޭސ ފުޓްބޯޅައިގައި ނޮން ލީގް ކުލަބަކާ ދެކޮޅަށް އޭނާ ނުކުތް ފުރަތަމަ މެޗަކީ މަރީންގެ މެޗު ކަމަށެވެ. އެ ލެވަލްގެ ޓީމަކާ ދެކޮޅަށްވެސް ސްޕާސްއިން ރަނގަޅު ޓީމެއް ގެނައުމުން އެކަމަކީ މަރީންއަށް ކިހާ މުހިންމު ކަމަކަށް ވާނެކަން އޭނާ އަށް އެނގޭ ކަމަށް މޮރީނިއޯ ބުންޏެވެ.