ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފަލަސްތީނުން ރަޝިއާ ކޮވިޑް ވެކްސިނަށް ހުއްދަދީފި

ފަލަސްތީނުން ރަޝިއާ ކޮވިޑް ވެކްސިނަށް ހުއްދަދީފި އެވެ. އެހެންކަމުން، ފަލަސްތީންގެ ރައްޔިތުންނަށް ދޭ މައިގަނޑު ކޮވިޑް ވެކްސިނަކަށް ވާނީ ރަޝިއާގެ "ސުޕްޓްނިކް-ވީ" އެވެ.

"ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް" (އާރްޑީއައިއެފް) އިން ބުނާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ފޯރުކޮށް ދޭނެ އެވެ. އަދި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފަލަސްތީނުން އެދޭ މިންވަރަށް ވެކްސިން ސަޕްލައިކޮށް ނިމޭނެ އެވެ. އެހެެން ނަމަވެސް، ފަލަސްތީނަށް ބޭނުން ވަނީ ކިތައް ޑޯޒް ކަމެއް، ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑަކުން ހާމައެއް ނުކުރެ އެވެ.

ފަލަސްތީނުން ބުނީ އެސްޓްރަޒެނެކާއާއެކު ވެސް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. މިއެއްބަސްވުމުގެ ދަށުން އަންނަ މާޗްގައި ވެކްސިން ޑޯޒްތައް ލިބެން ފަށާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފަލަސްތީނަށް ކޮވިޑް ވެކްސިން ލިބޭނެ ދުވަހަލާ ބެހޭ ގޮތުން ރޮއިޓާސްއިން ރިޕޯޓްކޮށްފައި

ފަލސްތީނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށްޓަކައި މޯޑާނާ އާއި ޖޯންސަން އެންޑް ޖޯންސަން އަދި ރަޝިއާއާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް ފަލަސްތީންގެ ޖެނެރަލް ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތު، ޔާސިރު ބޮޒީޔާ ރޮއިޓާސްއަށް ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލް މެދުވެރިކޮށް ފަލަސްތީނަށް ވެކްސިން ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް، ޑަބްލިޔުއެޗްއޯ އަދި ސުލްހައަށް މަސައްކަތް ކުރާ ޖަމާއަތްތައް މެދުވެރިކޮށް ކުރެވޭ މަޝްވަރާއިން ކޮޅެއް ފެންނާނެ ކަމަށް އުންމީދު ކުރެވެ އެވެ. އިޒްރޭލުން ބުނީ ފަލަސްތީން މީހުންނަށް ވެކްސިން ދެވޭނީ އިޒްރޭލް މީހުންނަށް ވެކްސިން ދިނުމަށް ފަހު ކަމަށެވެ.