ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިއާ ކޮވިޑް ވެކްސިން، ސްޕުޓްނިކް-ވީގެ 10،000 ޑޯޒް ފަލަސްތީނަށް

ފަލަސްތީން ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނި ގޮތުން ރަޝިއާ ކޮވިޑް ވެކްސިން، ސްޕުޓްނިކް-ވީގެ 10،000 ޑޯޒް އެ ގައުމަށް ލިބިއްޖެ އެވެ.

ފަލަސްތީންގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށައި ކުރިއަށް ދާއިރު، އެހެން ގައުމުތައް ފަދައިން ފުރަތަމަ ވެކްސިންދޭން ހަމަޖައްސާފައި ވަނީ އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ އޮފިޝަލުންނަށެވެ. އެގައުމުން މިހާރު ދެމުން ދަނީ އެމެރިކާގެ މޮޑާނާގެ ވެކްސިންނެވެ. މިއީ އިޒްރޭލުން ފޯރުކޮށްދޭން ބުނި 5،000 ޑޯޒް ތެރެއިން ބައެކެވެ.

ސިއްހީ އެހީތެރިން އަދި ބަލިމީހުން ގާތު މަސައްކަތްކުރާ އޮފިޝަލުން އަދި ސެކިޔުރިޓީންނަށް ވެކްސިންދިނުމަށް ފަހު 60 އަހަރު އަދި އެއަށް ވުރެ ދޮށީ އުމުރުފުރައަށް ވެކްސިން ދެވޭނެ ކަމަށް ހެލްތު މިނިސްޓަރު، މައި އަލް ކައިލާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ މުޅި ގައުމަށް ދެވޭ ވަރަށް އަދި ވެކްސިން ނުލިބޭ ކަމަށާއި އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިންއަށް އޯޑަރުދެއްވާފައިވާ ކަމަށެވެ.

ރަޝިއާއިން ފޯރުކޮށްދިން 10،000 ސްޕުޓްނިކް-ވީ ޑޯޒްގެ އިތުރުން، ކޯވެކްސް ޕްރޮގްރާމުން ވެސް 37،000 ވެކްސިން ޑޯޒް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ އާބާދީއަށް ވެކްސިންދޭން ހިންގާ ޕްރޮގްރާމްގައި 3.2 މިލިއަން މީހުންނަށް ވެކްސިންދެވުނުކަން ކަށަވަރުކުރައްވާނެ ކަމަށާއި މަހަކަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށެވެ.

ފަލަސްތީންގައި 180،688 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 2،042 މަރުވެފައި ވާއިރު 169،960 މީހުން ވަނީ ރަނގަޅުވެފަ އެވެ.