ރިޕޯޓް

ކުށުގެ ވެށީގައި ގިނައީ ހައްޔަރު ތަކުރާރު މީހުން!

Jan 12, 2021
4
ފުލުހުން މުޒާހަރާއަކުން މީހަކު ހައްޔަރު ކުރަން މަސައްކަތް ކުރަނީ: އާބާދީގެ ނިސްބަތުން ކުއް ކުރާ މީހުންގެ އަދަދު މަތި -- އަވަސް ފޮޓޯ
0%
0%
0%

ރާއްޖެއަކީ އާބާދީ ކުޑަ ޖަޒީރާ ރަށްތަކެއްގެ މައްޗައް އޮތް ގައުމެއް ނަމަވެސް ކުށުގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރާ އަދަދު ގިނަ ގައުމެކެވެ. ރާއްޖޭގައި ކުށުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ތަކްރާރުކޮށް ހައްޔަރު ކުރުމުގެ ނިސްބަތް ގިނަވެ، އުމުރުގެ ބޮޑުބައި ހޭދަ ކުރަންޖެހެނީ ހައްޔަރުގަ އެވެ. ހައްޔަރުގައި ހޭދަ ކުރަން ޖެހޭ މުއްދަތު ދިގުލުމަކީ ކުށުގެ މާހައުލުން ނުކުމެ މުޖްތަމައަށް އައުމަށް ދަތިވާ ކަމެކެވެ. ކުށުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އަނބުރާ މުޖްތަމައަށް ނެރެން ދިރާސާކޮށް ހަރުދަނާ ސިޔާސަތުތަކަކާއި މަސައްކަތް ތަކެއް ރާއްޖެ ކުރަން ޖެހެ އެވެ.

ހައްޔަރުކުރެވުނު މީހުންގެ ތަފާސް ހިސާބު

ފުލުހުން އެކި ފަހަރު މަތިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުގެތެރޭގައި އެކި މައްސަލަތަކާއި ގުޅިގެން ކުރި ހައްޔަރާ ގުޅޭ ތަފާސް ހިސާބު ވެސް އާއްމުކޮށްފައި ވެއެވެ. ދެހާސް އަށް ވަނަ އަހަރުން 2019 ވަނަ އަހަރާއި ދެމެދު އެންމެ ގިނައިން ހައްޔަރު ކޮށްފައި ވަނީ 2014 އަދި 2013 ވަނަ އަހަރު އެވެ. އެ މުއްދަތުގައި އެންމެ ގިނަ މީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގަ އެވެ.

ހައްޔަރު ކުރި މީހުންގެ 96 ޕަސެންޓަކީ ފިރިހެނުންނެވެ. ކުށުގެ އަންހެނުންގެ ޕަސެންޓޭޖަކީ ވަރަށް މަދު އަދަދެކެވެ. ދެހާސް އަށް ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު ހައަހަރު އެވްރެޖްކޮށް އަހަރަކަށް 5561 މީހުން ހައްޔަރު ކޮށްފައިވެ އެވެ. މިއީ ރާއްޖޭގެ އާބާދީގެ ދެ ޕަސެންޓެވެ. ހައްޔަރުކުރި އަދަދު 5000 މީހުންނަށް ވުރެ ގިނައިން ފަސް އަހަރު ހައްޔަރު ކޮށްފައިވެ އެވެ. އަދި 6000 މީހުނަށް ވުރެ ގިނައިން 2012 ވަނަ އަހަރާއި 2013 އަދި 2014 ވަނަ އަހަރު މީހުން ހައްޔަރު ކޮށްފައިވެ އެވެ.

ހައްޔަރުގެ 10 ޕަސެންޓަކީ ބިދޭސީން

ރާއްޖެއަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ ގައުމެކެވެ. ބިދޭސީންގެ ތެރޭގައި ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ވެސް ހިމެނެ އެވެ. ކުށުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ 10 ޕަސެންޓަކީ ބިދޭސީން ނެވެ. ހައްޔަރުކުރާ ބިދޭސީންގެ 82 ޕަސެންޓަކީ ބަންގްލަދޭޝް ރައްރިތުންނެވެ. އަދި ހަތް ޕަސެންޓްއަކީ ސްރީލަންކާ އަދި އިންޑިޔާ މީހުނެވެ.

ހައްޔަރު ކުރި ބިދޭސީންގެ އަދަދު: ގިނައިން ހައްޔަރު ކުރަން ބަންގްލަދޭޝް އާބާދީގައި ކުށްގިނަ -- އިންފޮގްރެފިކްސް: އައިމިނަތު އިޒުވީނާ | އަވަސް

ހައްޔަރުކުރި ބިދޭސީ ފިރިހެނުންގެ ތެރެއިން 40 ޕަސެންޓް މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. އަދި 20 ޕަސެންޓް ބިދޭސީން ޖިންސީއެކިއެކި މައްސަލަތަކުގަ އެވެ. ބިދޭސީ އަންހެނުންގެ ތެރެއިން 71 ޕަސެންޓް ހައްޔަރު ކުރީ ޖިންސީ ތަފާތު މައްސަލަތަކުގަ އެވެ. އަދި 19 ޕަސެންޓް ހައްޔަރު ކުރަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. ރާއްޖޭގައި ބިދޭސީން ކުރާ މި ފަދަ ކުށްތައް ގިނަވެ ހައްޔަރުކުރާ މީހުން އިތުރުވުމަކީ މަސްތުވާތަކެތި ރާއްޖޭގެ އާބާދީގެ ތެރެއަށް ފޭދުމުގައި ބިދޭސީންގެ ބައިވެރިވުމާއި ގުޅުން އޮތް ނިސްބަތް ހާމަވާ ކަމެކެވެ.

ހައްޔަރު ގިނައީ 2008 ގައި

އާބާދީގެ 1،000 މީހަކަށް ބަލާއިރު ހައްޔަރު ކުރި އަދަދު: ހިސާބުން ދައްކާ ގޮތުން އެންމެ ގިނަ މީހުން ހައްޔަރު ކުރީ 2008 ވަނަ އަހަރު -- އިންފޮގްރެފިކްސް: އައިމިނަތު އިޒުވީނާ | އަވަސް

ހައްޔަރުކުރާ ނިސްބަތް ދެނެގަތުމުގައި ބޭނުން ކުރަނީ އާބާދީގެ އެއް ލައްކަ މީހަކަށް ހައްޔަރުކުރާ މީހުން ޖެހޭ ނިސްބަތެވެ. ރާއްޖޭގެ އާބާދީއަކީ ކުޑަ އާބާދީއެއްކަމުން ހައްޔަރުކުރާ މީހުންގެ ނިސްބަތް ބެލުމުގައި ބޭނުން ކޮށްފައި ވާނީ އާބާދީގެ 1،000 މީހަކަށް ހައްޔަރުކޮށްފައިވާ މީހުންގެ ނިސްބަތެވެ. އާބާދީގެ 1000 މީހަކަށް ބަލައި ހައްޔަރުކުރި މީހުން އެންމެ ގިނައީ 2008 ވަނަ އަހަރު އެވެ. އަދި އާބާދީގެ 1000 މީހަކަށް ބަލައި ހައްޔަރުކުރި މީހުން އެންމެ މަދީ 2018 ވަނަ އަހަރު އެވެ. ފާއިތުވި 12 އަހަރަށް ބަލާއިރު އެވްރެޖް އަހަރަކަށް އާބާދީގެ 1،000 މީހަކަށް ހައްޔަރުކުރި މީހުންގެ ނިސްބަތަކީ 12 ޕަސެންޓެވެ.

ތަކުރާރުކޮށް ކުއްކޮށްގެން ހައްޔަރު ކުރުން ގިނަ

ފާއިތުވި 12 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ހައްޔަރުކުރާ މީހުން ތަކުރާރުކޮށް ހައްޔަރު ކުރި އަދަދުތައް: ދެހާސް އަށާރަ ވަނަ އަހަރު އެކަކު 15 ފަހަރު ހައްޔަރު ކޮށްފައިވޭ -- އިންފޮގްރެފިކްސް: އައިމިނަތު އިޒުވީނާ | އަވަސް

ފާއިތުވި 12 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ހައްޔަރުކުރާ މީހުން ތަކުރާރުކޮށް އަހަރަކު އެ ތަކެއް ފަހަރު ހައްޔަރުކޮށްފައި ވުމަކީ އަދުލު އިންސާފު ގާއިމްކުރުގައި ހޭދަވާ ދިގު މުއްދަތު ހާމަކޮށްދޭ ކަމެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ތަކުރާރުކޮށް 15 ފަހަރަށް އެކަކު ހައްޔަރުކޮށްފައި ވަނީ މަހަކަށް އެއް ފަހަރަށް ވުރެ ގިނައިން ހައްޔަރު ވެގެނެވެ. ފުރަތަމަ ހައްޔަރު ކުރި މައްސަލަ ނުނިމި އޭގެ ޝަރުއީ އަދަބު ކަނޑައަޅަން ނެގި މުއްދަތުގައި އިތުރު 14 ފަހަރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ޝަރުއީ ނުވަތަ ތަހުގީގީ މަރުހަލާ ދިގުލައިގެން ދިއުމަކީ ކުށުގެ މާހައުލުގައި އުޅޭ ފަރާތްތަކަށް އިތުރަށް ކުށްކުރުމަށް ދެވޭ ފުރުސަތެކެވެ. ރާއްޖޭގައި އަހަރަކު ހަތަރެއް ނުވަތަ ފަސް ފަހަރަށް ވުރެ ގިނައިން ތަކުރާރުކޮށް ހައްޔަރުކުރާ ނިސްބަތް ވަރަށް މައްޗެވެ. ކުށުގެ މައްސަލަތަކުގައި ހައްޔަރު ކުރަނީ އާބާދީގެ ވަރަށް މަދު އަދަދެކެވެ. ހައްޔަރުކުރާ މީހުން ބަލަހައްޓަން ދައުލަތުން ކުރާ ހޭދައަކީ ބޮޑު އަދަދެކެވެ.

ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް

ހައްޔަރުކުރި މީހުންގެ އުމުރުފުރާ އަށް ބަލާއިރު ހުރިހާ އުމުރުފުރާއެއްގައި ވެސް އެންމެ ގިނައިން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. އެ މައްސަލަތަކުގައި 18 އަހަރުން ދަށުގެ އަންހެން ހަ ކުއްޖަކާއި ފިރިހެން 94 ކުދިން ފާއިތުވި ފަސް އަހަރު ހައްޔަރުކޮށްފައި ވެ އެވެ. ރާއްޖޭގައި ކުށުގެ މައްސަލަތަކުގައި ހައްޔަރުކުރާ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު މައްޗެވެ. ފާއިތުވި ފަސް އަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ތަހުގީގަށް 190 ކުދިން ހައްޔަރު ކުރި އެވެ.

މައްސަލައިގެ ބާވަތުން ހައްޔަރު ކުރި ފަރާތްތަކުން އުމުރު ފުރާ ބެހިގެން ގޮސްފައިވާ ގޮތް: އެންމެ ގިނައިން ހައްޔަރު ކުރަނީ 35 އަހަރުން މަތީގެ ފިރިހެނުން -- އިންފޮގްރެފިކްސް: އައިމިނަތު އިޒުވީނާ | އަވަސް

ކުދިން ކުށުގެ މާހައުލަށް ނުކުންނަން ޖެހޭ ސަބަބާއި ކުށުގެ މާހައުލުން އަބުރާ މުޖްތަމައުއަށް ގެނެވޭނެ ގޮތް ތަކެއް ހޯދަންޖެހެ އެވެ. ހައްޔަރުކޮށްފައިވާ ކުށްތަކަށް ބަލާއިރު އެންމެ ގިނަ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަ ތަކުގައެވެ. މި ދެ ކުށަކީ އެއްކުށް އަނެއް ކުށާއި ގުޅިފައިވާ ކުށްތައް ކަމަށް ބެލެވެ އެވެ. ގިނަ ފަހަރު މި ދެކުށުގައި ހައްޔަރުކުރާ މީހުންނަކީ ވެސް އެއްބަޔަކަށް ވެ އެވެ. މަސްތުވާތަކެތި ހޯދަން ފައިސާ ނުލިބުމުން ފައިސާ ހޯދަން ހަމައެކަނި އޮތް މަގަކީ ވައްކަން ނުވަތަ ފޭރުން ކަމުގައި ބަލައި އިތުރު ކުށްތަކަށް އަރައިގަތުން ގިނަވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ޝަރުއީ މަރުހަލާގައި ފަރުވާ ދޭން ކުރާ ހުކުމް ތަންފީޒް ނުކުރެވި، އެފަރާތްތަކުން މުޖަތަމައުއަށް ދޫވެފައި ތިބުމަކީ ކުށް ތަކުރާރު ކުރުމަށް ލިބޭ ފުރުސަތެކެވެ. ފަރުވާގެ ނިޒާމް ހަރުދަނާކޮށް ފަރުވާއަށް ފަހު ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެން މަސައްކަތްތަކެއް ކުރަންޖެހެ އެވެ.

ތަފާސް ހިސާބަށް ބަލާއިރު ކުށުގެ ވެށީގައި ކުށްކުރުމުގައި ހިމެނެނީ މަދު އެއްބައެއްކަން ފާހަގަކުރެވެ އެވެ. މިފަދަ ފަރާތްތަކަށް އަމާޒުކޮށް މަސައްކަތް ކޮށްފި ނަމަ ބޭނުންތެރި ބައެއްގެ ގޮތު މުޖްތަމައުއަށް ނެރެވި، ކުށުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދު މަދުވާނެ އެވެ.

އެޑިޓަރުގެ ނޯޓް: އެޑިޓަރުގެ ނޯޓް: މި ލިޔުމުގައިވާ ތަފާސް ހިސާބަކީ ފުލުސް ވެބްސައިޓްގައި އާއްމު ކޮށްފައިވާ ހިސާބާއި ފުލުހުން ދީފައިވާ ހިސާބެވެ. ބޭނުން ކޮށްފައި ވާނީ 2008 ވަނަ އަހަރުން ފެށިގެން 2019 އަހަރުގެ ހިސާބެވެ. ހައްޔަރު ކުރި އަދަދު ކަމަށް ހިމަނާފައި ވަނީ 24 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ހައްޔަރު ކުރަން ކޯޓު އަމުރުގެ ލިބި ހައްޔަރު ކޮށްފައިވާ މީހުނެވެ. މި ލިޔުން ލިޔެފައިވާ އާދަމް އިބްރާހިމްއަކީ ހިއުމަން ރިސޯސާސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް، ސިންގަޕޫރުގެ ޕޮލިސް އެކަޑަމީން ސީނިއާ ޕޮލިސް އޮފިސާސް ތަމްރީން ފުރިހަމަކޮށް ތަފާސް ހިސާބު ބޭނުން ކޮށްގެން ދިރާސާކުރުމަށް ސިކްސް ސިގުމާ މެނޭޖްމަންޓް އިންސްޓިއުޓުން ބްލެކް ބެލްޓް ފުރިހަމަކޮށްފައިވާ ދިވެއްސެކެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910