ރިޕޯޓް

މާޔޫސްވިޔަސް "މަގުމަތީ އިންސާފު" ބަލައެއް ނުގަނެވޭ!

މިއީ މުޅި ގައުމުގައި ވެސް ކުރާތީ އިވޭ ޝަކުވާ އެވެ؛ ހައްޖަށްދާން އެއްކޮށްފައިހުރި ފައިސާކޮޅު ވަގަށް ނަގައިފި އެވެ. ފިހާރަވެސް ފަޅައިލައިފި އެވެ. ބުރަ މަސައްކަތުން ހޯދި ފައިސާކޮޅު ޖަމާކުރަން ގޮސްހުއްޓާ ރޯމާ ދުވާލު މަގުމަތިން ފޭރިގެންފި އެވެ. އިންސާފު ހޯދަން ދުވެ ދުވެ ވަރުބަލިވެއްޖެ އެވެ. އިންސާފުގެ އިންތިޒާރުގައި އަތް އުރާލައިގެން ތިއްބާ އުމުރު ހުސްވަނީ އެވެ. ނުކުމެ މަގުމަތީން މިކަން ނިންމާލައި އިންސާފު ހޯދަންވީ އެވެ.

މިއީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތެކެވެ. މި މާޔޫސްކަމަށް އެތަކެއް އަހަރެއްވެފައިވާއިރު، ރައްޔިތުންގެ ޝުއޫރުތައް ރުޅިވެރިކަމަށް ބަދަލުވެގެން ސޯޝަލް މީޑިއާގައި ކެކެމުންދާތާ ވެސް ދުވަސްގަނޑެއް ވެއްޖެ އެވެ. އެކަމަކު ނަފުރަތު މިހާރުވަނީ ވަރަށް ނުރައްކާތެރި މިސްރާބަކަށް އެނބުރިގެން ގޮސްފަ އެވެ. އަދުލު އިންސާފުގެ ނިޒާމް ފެއިލްވީމާ، ރައްޔިތުން ނުކުތީ އެވެ. ފުލުހުންނަށް ނުވީމާ "ކުށްވެރިންނާ" ކުރިމަތިލީ ސީދާ ރައްޔިތުންނެވެ. މަގުމަތިން އިންސާފު ހޯދަން ފެށީ އެވެ.

އެންމެ ރެއަކުން، "ކ. ދިއްފުށި" ބަތަލުންނަށްވީ އެވެ. ސޯޝަލް މީޑިއާގައި އެ ރަށު ރައްޔިތުންނަށް ތައުރީފު އޮހެމުން ދިއަ އެވެ. ފުލުހުންގެ ބަދަލުގައި ނެރެންވީ "އެމީހުން" ކަމަށް ބުނެ ހިތްވަރު ދެމުންނެވެ. ދިއްފުށީގެ ހޫނުކަން ނުކެނޑިގެން އުޅެނިކޮށް ހުޅުމާލޭން ވެސް މަގުމަތީ އިންސާފު ހޯދަން ބަޔަކު އިސް ނެގީ އެވެ. ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މީހަކު ހިފަހައްޓައި، މަގު މަތީގައި އޮރިޔާންކޮށް ގަން ހިންގުވައި، އެވަރުން ނުފުދިގެން އޭނާ ލައްވާ އެ ކުށަށް އިއުތިރާފު ކުރުވައި ސޯޝަލް މީޑިއާގައި އާންމު ކުރީ އެވެ. އޭގެ ފަހުން އަނެއްކާ ރޭވެސް ފެން ކޭހެއް ވަގަށް ނެގި ކަމަށް ބުނާ މީހަކު، ބުރަކަށީގައި "ވަގު" ލިޔެގެން ގަން ހިންގުވީ އެވެ.

މުޅި އަދުލު އިންސާފުގެ ނިޒާމުގެ އިހުމާލު

"މިހާރު މި ފެންނަނީ ގާނޫނު ނުހިނގާ ތަންތަނުގައި ކަންކަން ހިނގާ މިސްރާބަށް ދާ ތަން،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަ ކޮށްދެއްވި އެވެ.

އުމަރު ވެސް ވިދާޅުވީ މުޅި ގައުމަށް އެނގޭ ބޮޑު ސިއްރެވެ. އަދުލު އިންސާފު އޮތީ ބޮންސުއްލާ އެވެ. އުމަރު ވިދާޅުވި ގޮތުގައި، ގޯސް ކުރަން ޖެހެނީ ހަމައެކަނި ފުލުހުންނެއް ނޫނެވެ.

"ފުލުހުން އިން ފެށިގެން ޕީޖީއާއި، ކޯޓުތަކާއި އަދި ޖަލުތަކާ ހަމައަށް މި ޗޭނު އެބަ ދޭ. އެތަކެއް އަހަރެއްގެ އިހުމާލުގެ ނަތީޖާ މި ފެންނަނީ. ރައްޔިތުންގެ އިތުބާރު ގެއްލުނީމަ ގާނޫނު އަތަށް ނަގާ މަންޒަރު ފެނިގެން މިދަނީ،" އުމަރު ވިދާޅުވި އެވެ.

އުމަރުގެ ވިސްނުންފުޅާ އިއްތިފާގުވާ ގާނޫނީ ވަކީލަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ރައްޔިތުންގެ މާޔޫސްކަން އިހުސާސު ކުރެވެ އެވެ. ތަކުރާރުކޮށް ކުށްކުރާ މީހުން މިނިވަންކަމާއެކު މަގުމަތީގައި އުޅޭއިރު، އިންސާފު ނުލިބި އެތަކެއް ޒަމާނެއް ވަންދެން އިންތިޒާރުގައި ހުންނަ މީހާގެ އިހުސާސްތަކާމެދު ހަމްދަރުދީވެވެ އެވެ.

"ނަމަވެސް، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ މީގެން ނުކުންނާނެ އިތުރު މައްސަލަތަކަކަށް. އެގޮތަށް ރައްޔިތުން ނުކުމެ އިންސާފު ހޯދަން އުޅުމުގެ ތެރޭގައި މައުސޫމު މީހަކަށް ވެސް އަނިޔާ ދެވިދާނެ. އެހެންވީމަ ގާނޫނު އަސާސީން ވެސް ކޮންމެ މީހަކަށްވެސް ހައްގުތަކެއް ކަށަވަރުކޮށްދީފައި ހުންނަނީ. އާންމު ރައްޔިތަކަށް ވިޔަސް، އަދި ފުލުހަކަށް ވިޔަސް، އެ ހައްގުތަކަށް އަރައި ނުގަނެވޭނެ. އެންމެންގެ ރައްކާތެރިކަމަށް އެކަން އެގޮތަށް އޮންނަނީ،" އެ ވަކީލު ވިދާޅުވި އެވެ.

ރަައްޔިތުންގެ ބާރު ވަކި ހުދޫދެއްގައި

އެއީ "މަގުމަތީ އިންސާފު" ގެ ދިފާއުގައި ވާހަކަ ދައްކާ މީހުންގެ އުޒުރެވެ. އަމިއްލަ މުދަލާއި ނަފްސު ރައްކާތެރިކަމުގެ އިހުތިޔާރާއި ބާރު މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތުން ލިއްބައިދޭކަމަށް ބުނެ އެވެ. އަދި ގާނޫނު އަސާސީން ވެސް ކުށެއް ކުރަން އުޅެނިކޮށް ހުއްޓުވުމުގެ ބާރު ދީފައިވާކަމީ ވެސް އިތުރު ބަހަނާއެކެވެ.

ކުރީގެ ޑެޕިޔުޓީ ޕީޖީ، ހުސެއިން ޝަމީމް ވިދާޅުވާ ގޮތުގައި ގާނޫނުން އެ ބާރުތައް ރައްޔިތުންނަށް ދީފައިވަނީ ވަކި ހުދޫދެއްގެ ތެރޭގަ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކެކޭ އެއްފަދައިން، ގާނޫނުތަކުން ލިބިދީފައިވާ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތެއް ރައްޔިތުންނަކަށް ނޯންނާނެ އެވެ.

ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފި ކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާންކަމަށް ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ، އެއްވެސް މީހަކު ހިފާހައްޔަރުކޮށްގެން ނުވަތަ ބަންދުކޮށްގެން ނުވާނެ އެވެ.
ގާނޫނު އަސާސީގެ 46 ވަނަ މާއްދާ

ގާނޫނުލް އުގޫބާތު ބުނާ ގޮތުން ތިމާގެ އަމިއްލަ ނުވަތަ އެހެން މީހެއްގެ ވިޔަސް، ފުރާނަ އާއި މުދަލަށް ނުރައްކަލެއް ކުރިމަތިވާ ހިނދު، ދިފާއުގައި ބާރުގެ ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ.

އެކަމަކު އެ ބާރުތައް ވެސް ގާނޫނީ ގޮތުން ބޭނުން ކުރެވޭނެ އުސޫލުތަކާއި ހަމަތަކެއް އޮވެ އެވެ. އެގޮތުން ދިފާއުގައި ބޭނުންކުރާ ބާރަކީ ކުރިމަތިވެދާނެ ކަމަށް ބެލެވޭ ގެއްލުމާ ބަލާއިރު އިތުރަށް ބޭނުން ކުރެވޭ ބާރަކަށް ނުވުމަކީ ޝަރުތެކެވެ. އަދި ބާރުގެ ބޭނުން ކުރުމުގައި މީހަކު މަރުވެދާ ފަދަ ގޮތަކަށް ނުވަތަ މީހަކަށް ބޮޑު އަނިޔާއެއް ދިނުން ހުއްދަ ކުރަނީ ވަރަށް ހާއްސަ ހާލަތްތަކެއްގައި އެކަންޏެވެ.

"އަމިއްލަ ފުރާނަ ނޫނީ މުދާ ދިފާއުކުރުމަށް ބާރު ބޭނުންކުރަން ހުއްދަ އޮންނަނީ ވަކި މިންގަނޑެއްގެ ތެރޭގައި. ދެން މީހަކު ފަހާ ދުވެގެން، އޭނާ ހިފަހައްޓައިގެން އަނިޔާކުރުން ނުވާނެ ސެލްފް ޑިފެންސަކަށް. މިފަހުން ހިނގި ހާދިސާތަކަށް ބަލާއިރު، އެ ނުފެތޭނެ ދެއްތޯ ފުރާނަ ނޫނީ މުދާ ދިފާއު ކުރުމަކަށް،" ޝަމީމް ވިދާޅުވި އެވެ.

މަގުމަތީ އިންސާފަކީ ކުށެއް، ނާތަހުޒީބު އަމަލެއް

އެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އިންސާފުގެ ނަމުގައި ވިޔަސް އެގޮތަށް ރައްޔިތުން ނުކުމެ މީހަކަށް އަނިޔާ ކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.

"މިހާރުގެ ގާނޫނުލް އުގޫބާތުގެ ދަށުން އެގޮތަށް މީހެއްގެ ގައިގައި ތަޅާ އަނިޔާކުރުމަކީ ހަމަ މާރާމާރީ ހިންގުންކަމުގައި ބެލޭނެ. މީހެއްގެ ނުރުހުމުގައި ގައިގައި އަތްލުމަކީ ވެސް ކުށެއް. އެހެންވީމަ، ކޮންމެ ގޮތަކަށް ބެލި ނަމަވެސް، އެ ކުރެވެނޭ ހަމަ ބޮޑެތި ކުށްތައް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތުގެ ދަށުން އެގޮތަށް ކުރެވޭ ކޮންމެ ކުށަކަށް ވަކި ދައުވާއެއް އުފުލުމަށް ދައުލަތަށް މަޖުބޫރުވާނެ އެވެ.

"މިސާލަކަށް މީހަކު ހިފަހައްޓައިގެން އެހެން އުޅުން ވަނީ ރަހީނު ކުރުމަށް. ދެން އޭނާއަށް އަނިޔާކޮށްފިނަމަ އެއީ އަނެއްކާ އެހެން ދައުވާއެއް. އެގޮތަށް ކޮންމެ ކަމަކަށް ވަކި ދައުވާއެއްގެ ގޮތުގައި ކުރެވޭނީ،" ޝަމީމް ތަފްސީލު ކޮށްދެއްވި އެވެ.

ކުށްކުރުން ހުއްޓުވަންކަމަށް ބުނެ ރަނގަޅު ނިޔަތެއްގައި ނަމަވެސް އެ އަރައިގަނެވެނީ އެއަށްވުރެ ބޮޑު ކުށަކަށެވެ. އެކަހަލަ ހާލަތެއްގައި ހަމަލާދެވެނީ ހަގީގަތުގައި ވެސް ކުށްވެރިއަކަށްތޯ ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. މައުސޫމް މީހަކަށްވުމުގެ ފުރުސަތު ވެސް ހަމަ ބޮޑެވެ. އަދި އެގޮތަށް ގިނަ ރައްޔިތުންތަކެއް ނުކުމެ މީހަކަށް ހަމަލާދެމުން ދަނިކޮށް ކޮންޓްރޯލުން ނައްޓައި، އެމީހެއްގެ ފުރާނަ ގެއްލިދާނެފަދަ ހާދިސާއެއް ނޫނީ ދާއިމީ ނުކުޅެދުންންތެރިކަމެއް މެދުވެރިވުމަކީ ހަމަ ވަރަށް ގާތް ކަމެކެވެ. ގަސްތުގައި މީހަކު މަރާލުމުގެ ދައުވާގެ އިތުރުން، މީހެއްގެ މަރުގެ ބުރަ ތިމާގެ ޒަމީރަށް އުފުލޭނެ ހެއްޔެވެ؟

އަދުލު އިންސާފުގެ ނިޒާމް އޮންނަނީ ހަމަޖެހުން ގާއިމުކުރާށެވެ. ހަމަހަމަކަމާއެކު އެންމެންނަށް ވެސް ހައްގުތަކެއް ލިބިދޭ ގޮތަށެވެ. ކުށްވެރިންވެސް ހިމެނޭ ގޮތަށެވެ. އެ ނިޒާމުގައި މައްސަލަތައް ބައިވަރެވެ. އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެއޭ އެއްބަޔަކު ބުނެވެސްފާނެ އެވެ. އެހެނަސް ނާތަހުޒީބު "ޖަންގަލީ" ގެ އަމަލެއްގެ ކުރިން ވިސްނާލަންޖެހޭ ކަމަކީ، މަސައްކަތް ނުކުރާ ނޫނީ ހަލާކުވެފައި އެއްޗަކަށް އިތުރަށް ގެއްލުންދީގެން އެ އެއްޗެއް ރަނގަޅު ނުކުރެވޭނެ ކަމެވެ.