ބޮލީވުޑް

ރަންބީރުގެ ބައްޕަގެ ރޯލަށް އެއްބަސްކުރުވީ ދަރިފުޅު އަރްޖުން: ބޯނީ

ބޯނީ ކަޕޫރަކީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރެކެވެ. އެކްޓަރެއްގެ ގޮތުގައި އޭނާ ބައިވެރިވި ފުރަތަމަ ފިލްމަކީ "އޭކޭ ވާސަސް އޭކޭ" އެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ވަރަށް ކުޑަ ކުޑަ ރޯލެކެވެ. ނަމަވެސް ލަވް ރަންޖަން އަލަށް ފެށި ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅޭ ލޯބީގެ ފިލްމުގައި ރަންބީރުގެ ބައްޕަގެ ރޯލު ކުޅެން ބޯނީ ވަނީ އެއްބަސްވެފަ އެވެ. މި ފިލްމުގައި އޭނާއަށް ވަރަށް އެކަށީގެންވާ ވަރުގަދަ ރޯލެއް ކުޅެން ލިބިފައި ވެއެވެ.

ބޯނީ ބުނި ގޮތުގައި ރަންބީރުގެ ބައްޕަގެ ރޯލު ކުޅެން އޭނާ ލައްވާ އެއްބަސް ކުރުވީ ދަރިފުޅު އަރްޖުން ކަޕޫރެވެ.

ބޯނީ ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓް ލިޔުނު އިރުވެސް ލަވް އާއި އޭނާގެ ޓީމުން ބޭނުންވީ ރަންބީރުގެ ބައްޕަގެ ކެރެކްޓާއަށް ބޯނީ ކަހަލަ މީހެކެވެ. އެހެންވެ އޭނާއަށް އެ ރޯލު ކުޅެން އޭރުއްސުރެ އޮތީ ހުށަހަޅާފަ އެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާ އޭނާ އެ ފިލްމު ކުޅެން އެއްބަސް ނުވިކަމަށް ބޯނީ ބުންޏެވެ.

"އަހަރެން ޕްރޮޑިއުސްކުރާ ފިލްމުތަކުގެ މަސައްކަތުގައި ބިޒީކޮށް އުޅެން ޖެހޭތީ އަހަރެން ބުނިން ނެތޭ ތި ރޯލު ކުޅެވޭކަށް،" ބޯނީ ފިލްމު ގަބޫލު ނުކުރި ސަބަބު ކިޔައިދެމުން ބުންޏެވެ.

ނަމަވެސް ބޯނީ ފުރަތަމަ އެކްޓްކުރި "އޭކޭ ވާސަސް އޭކޭ" މިދިޔަ މަހު ރިލީޒްވުމުން އެ ފިލްމު ބަލާފައި ލަވް އަނެއްކާވެސް ބޯނީ ކައިރީގައި އޭނާގެ ފިލްމު ކުޅެދޭން ދެ ވަނަ ފަހަރަށް އެދުނެވެ. އަދި ވަރަށް ގިނައިން އެކަމަށް އެއްބަސް ކުރުވޭތޯ މަސައްކަތް ކުރަން ފެށި އެވެ. އެންމެ ފަހުން ބޯނީ އެއްބަސް ނުވުމުން އޭނާ އަރްޖުން އަށް ގުޅައިގެން ބޯނީ ލައްވާ އެ ރޯލަށް އެއްބަސް ކުރުވީ އެވެ.

"ދިއްލީގައި އެ ފިލްމުގެ ޝޫޓިން ކުރިޔަށް ދާއިރު ދޭތެރެ ދޭތެރެއިން މުމްބައި އަށް އައިސް އަހަރެންގެ ޕްރޮޑަކްޝަން މަސައްކަތްތައް ބަލާނެ ފުރުސަތު އެމީހުން ދިނީމަ އަހަރެން އެ ފިލްމު ކުޅެދޭން އެއްބަސްވީ،" ވަރަށް ފަހުން މަރުވި މަޝްހޫރު ބަތަލާ ޝްރީދޭވީގެ ފިރިމީހާ ބޯނީ ބުންޏެވެ.

ބޯނީ އިންޑިޔާގެ ނޫހެއް ކަމަށްވާ މިޑް-ޑޭ އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި މި ހަފުތާ ތެރޭގައި ރަންބީރު އާއި ޝްރައްދާ އާއެކު އޭނާ ފިލްމުގެ ޝޫޓިން ފަށާނެ އެވެ. މި ފިލްމުގައި ބޯނީގެ އަންހެނުންގެ ރޯލު ކުޅޭނީ ޑީމްޕަލް ކަޕާޑިއާ އެވެ.

ކެމެރާއާ ކުރިމަތިލުމަކީ ބޯނީ އަށް އާ ކަމެއް ނަމަވެސް އޭނާ އެކްޓްކުރުމުގައި ހާސްކަމެއް ނެތް ކަމަށް ބޯނީ ބުންޏެވެ.

"ހަޔާތުގައި ދިމާވި ބޮޑެތި އަޑިގުޑަންތަކުގައި އަހަރެން ހުރީ ވަރަށް ހަމަހިމޭންކަމާއެކު. އެހެންވީމާ ކެމެރާއާ ކުރިމަތިލިޔަސް އަހަރެން ހުންނާނީ ހަމަ އެގޮތުގައި،" ރަންބީރު ބުންޏެވެ.

ލަވް ރަންޖަން އަކީ ކާރްތިކް އަރްޔަންގެ "ޕިޔާރް ކާ ޕަންޗްނާމާ" ފްރެންޗައިޒްގެ ފިލްމުތަކާއި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"ގެ ޑައިރެކްޓަރެކެވެ. އަދި އަޖޭ ދޭވްގަން، ތައްބޫ، ރަކުލް ޕްރީތު ސިންގްގެ "ދޭ ދޭ ޕިޔާރް ދޭ" ޕްރޮޑީއުސްކުރީ ލަވް އެވެ.

ބޯނީ ޕްރޮޑިއުސްކުރާ ބައެއް ފިލްމު މިހާރު އުފެއްދުމުގެ އެކި މަރުހަލާތަކުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ސްޕޯޓްސް ޑްރާމާ "މައިދާން"، ތަމަޅަ ފިލްމު "ވަލިމާއި"، ތެލުގޫ ފިލްމު "ވަކީލް ސާބް"، އަދި އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ "މިސްޓަ އިންޑިއާ"ގެ ޓްރިލޮޖީ ހިމެނެ އެވެ.