ރާއްޖޭން ގަނެގެން ގެންދާ ސާފުނުކުރާ ތެޔޮ ސާފުކޮށްދޭން ސިންގަޕޫރުގެ ރިފައިނަރީތަކުން އެއްބަސްވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
"ފިނިފެންމާ" ލޯންޗަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުރަތަމަ ފަހަރަށް ގައުމާ މުހާތަބުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ހައްޖުގެ އަޅަކަން އަދާކުރެއްވުމަށް ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުގައި ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ހޯދުމަށް މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.
"ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެއް އަގު ހެޔޮކޮށް ތެޔޮ ލިބޭނެ ގޮތް ހަމަޖެހުމަކީވެސް. ސައުދީ އަރަބިއްޔާއަށް ކުރި ދަތުރުގައި ހައްޖަށްފަހު ރަސްމީ ވާހަކަތައް ދެއްކިން. އިރާދުކުރެއްވިއްޔާ ސިންގަޕޫރުގެ ރިފައިނަރީތަކުން އެއްބަސްވެއްޖެ އަޅުގަނޑުމެން ހޯދާ ކްރުޑް ސާފުކޮށްދޭން. ސައުދީ އަރަބިއްޔާގެ އެރަމްކޯއިން އެ އޮތީ އަޅުގަނޑުމެންނަށް ކްރުޑް ވިއްކާނެ ކަމަށް އެއްބަސްވެފައި. އެހެންވެއްޖެނަމަ މި މަސައްކަތް ފެށުނީމަ ރާއްޖޭގައި ހަކަތަ އަގު ހެޔޮ ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އާއި އައިހެވަން މަޝްރޫއަކީ ބިޔަ ބޮޑު މަޝްރޫއުތަކެއް ކަމަށާއި، ނަމަވެސް މިހާރުން މިހާރަށް އެންމެ ބޮޑު އިސްކަމެއް ދެނީ ހުޅުލެ-މާލެ ބްރިޖާއި އެއާޕޯޓުގެ މަސައްކަތްތަކުގެ މަސައްކަތް ނިންމުން ކަމަށެވެ
"ބްރިޖާއި އެއާޕޯޓުގެ މަސައްކަތައް ބޭނުންވާ ފައިސާ ވަނީ ކޮމިޓްވެފަ. މި މަސައްކަތްތައް ނިމޭނެ ކަމަށް ބެލެވެނީ 2017 ނޫނީ 2018 މެދެންހާ ހިސާބު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެސްއީޒެޑް އާއި އައިހެވަންގެ މަސައްކަތް ފެށުމުގެ ގޮތުން ގިނަ ބިންތަކެއް ހިއްކަން ޖެހޭނެ ކަމަށެވެ.
"މިހާރު އިކޮނޮމިކް ކައުންސިލުން ވާހަކަ ދައްކަވާފަ އޮތް ގޮތުންނަމަ އެ ހިސާބުން ބައެއް ތަންތަން ހިއްކަން ޖެހޭ. އެކަން ކުރުމަށް ބޭނުންވާ ސާމާނު އެމްޓީސީސީއަށް އިތުރުކޮށްދިނުމަށްޓަކައި އެމްޓީސީސީއަށް ބޭނުންވާ ކަޓާ ޑްރެޖަރު ގެނައުމަށްޓަކައި ޑައުންޕޭމަންޓް ވެސް ވަނީ ހަދާފަ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެތަންތަން ހިއްކާފަ އެތަންތަނަށް މީހުން ގެންނަން އުޅެއްޖެނަމަ އެކަން ކުރުމަށް ފަސޭހަ ވެގެންދާނެ. ބިން ހިއްކާފައި އެކަން ކުރާނަމަ އެކި ބައިބައި ނެގުމަށް އަންނާނެ،" ރައީސް ވިދާޅުވި އެވެ.