މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންގެ ކިބައިން ޖިސްމާނީ އަދި ނަފުސާނީ ގޮތުންވެސް ބަދަހިކަން ފެންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.
މިރޭ ބާންލީ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ތާވަލުގެ އެއް ވަނަ އަށް ދިއުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބޭނެ އެވެ. އެއްވަރުވި ނަމަވެސް އެއް ޕޮއިންޓާއެކު ވާދަވެރި ލިވަޕޫލްގެ މައްޗަށް ކުރި ހޯދޭނެ އެވެ. މޮޅު ވެއްޖެނަމަ ދެ ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ. އަންނަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް އެންފީލްޑްގައި ކުޅޭ މެޗަށް ދާއިރު ތާވަލުގެ އެއް ވަނައިގައި އޮތުމަކީ ޔުނައިޓެޑަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.
އެހެންނަމަވެސް ސޮލްޝަޔާ ބުނީ، މެޗުން ޕޮއިންޓް ހޯދަން މަސައްކަތް ކުރާނީ މެޗަށް ފަހު ލީގްގައި އޮންނާނެ ހިސާބާ މެދު ވިސްނައިގެން ނޫން ކަމަށެވެ. މަސައްކަތް ކުރާނީ ސީޒަން ނިންމޭއިރު އޮންނާނެ ހިސާބާ މެދު ވިސްނައިގެން ކަމަށް ނޯވޭގެ ކޯޗް ބުންޏެވެ.
ޔުނައިޓެޑްގެ ޓީމުގެ ތެރޭގައި އޮތް ބަދަހި ކަމާ އެކުވެރިކަމަށް ސޮލްޝަޔާ ވަނީ ތައުރީފް ކޮށްފަ އެވެ. އެންމެ މޮޅު ގޮތަކީ ކުޅުންތެރިން އަމިއްލައަށް މެނޭޖު ކުރުންތޯ ސުވާލު ކުރުމުން ސޮލްޝަޔާ ބުނީ އެންމެ މޮޅު ގޮތަކީ ކުޅުންތެރިން އަމިއްލައަށް ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދަމަހައްޓަން މެނޭޖު ކުރުން ކަމަށެެ.
"މެނޭޖަރު ނުވަތަ ކޯޗް އަބަދު ކުޅުންތެރިންގެ ގާތު އެހެން ހަދަން މިހެން ހަދަން އެވެނި ގޮތަކަށް ހަދަން ބުނަން ޖެހުމަށް ވުރެ ގޯސް ކަމެއް ނެތް." ސޮލްޝަޔާ ބުންޏެވެ. "އަހަންނަށް ވަރަށް ބޮޑު ނަސީބެއް އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފުސު ތައްޔާރު ކުރަން އެނގޭ ގިނަ ކުޅުންތެރިންތަކެއް ޓިބީ ޓީމެއް [ޔުނައިޓެޑްގައި 1996 ން 2007] ގައި ކުޅެވުނުކަން."
ސޮލްޝަޔާ ބުނީ އަމިއްލަ ނަފުސު އެކަމަށް ތައްޔާރު ނުކުރެވޭނަމަ ވެއްޓިގެން ދަނީ ކުޅުންތެރިޔާ އެކަނި ނޫން ކަމަށާއި މުޅި ޓީމު ކަމަށެވެ. ލައިނުން ބޭރުވާ ކުޅުންތެރޔާ އެތެރެއަށް ވެއްދައި ޓީމު ބަދަހި ކަމުގައި ހިފަހައްޓާނެ ލީޑަރުންތަކެއް ބޭނުންވާ ކަމަށް ސޮލްޝަޔާ ބުންޏެވެ. އޭނާ ބުނީ ޓީމެއް ބަދަހި ކަމުގައި އޮތުމަށް ވުރެ މުހިންމު ކަމެއް ފުޓްބޯޅައިގައި ނޯންނާނެ ކަމަށެވެ.
"ޓީމުގެ އެތެރޭގައި ކުދިކުދި ގުރޫޕްތައް ހަދައިގެން އުޅޭ ކުޅުންތެރިން އުޅޭ ހިމެނޭ ޓީމުތައް އަހަންނަށް ވަނީ ފެނިފައި. އެ ޓީމުތައް އެކުގައި މަސައްކަތެއް ނުކުރެވޭ. އެއީ ޓީމު ހަލާކު ވުމުގެ އެންމެ ބޮޑު ސަބަބު. އަހަރެން މޯލްޑް (ގެ ކޯޗް ކަމުގައި) ހުރިއިރު އަދި މިހާރު މި ކުލަބުގެ ކޯޗް ކަމުގައި ހޭދަ ކުރާއިރުވެސް އަހަންނަށް ކުޅުންތެރިންނަށް އިތުބާރު ކުރެވޭ އެމީހުން މުޅި ޓީމެއްގެ ގޮތުގައި ދެކިގެން މުޅި ޓީމަށް ބަލާނެ ކަމަށް."