ޖޫން 2024 އިގެ ނިޔަލަށް ސެވިއްޔާގައި މަޑުކުރަން އެ ޓީމުގެ ކޯޗް ހުލެން ލޮޕެޓެގީ ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ސެވިއްޔާގެ ކޯޗް ކަމާ 2019 ގައި ހަވާލުވި ލޮޕެޓެގީގެ ކޮންޓްރެކްޓް ހަމަވާ ގޮތަށް ކުރިން އޮތީ ޖޫން 2022 ގަ އެވެ. އޭނާގެ ކޮންޓްރެކްޓަށް އިތުރަށް ދެ އަހަރު ހިމަނަން އެއްބެސްވުމުން އޭނާގެ މުސާރަ ވެސް ވަނީ ބޮޑު ކޮށްފަ އެވެ. އެންމެ ފުރަތަމަ ހެދި ކޮންޓްރެކްޓްގެ ދަށުން މުސާރައިގެ ގޮތުގައި ލޮޕެޓެގީއަށް އަހަރަކު ދެނީ 2.5 މިލިއަން ޔޫރޯ އެވެ. އާ ކޮންޓްރެކްޓާއެކު އޭނާ އަށް ދޭ މުސާރައިގެ ތަފްސީލުތަކެއް ހާމަ ކޮށްފަ އެއް ނުވެ އެވެ. އެހެން ނަމަވެސް މިޑީއާ ރިޕޯޓްތައް ބުނާ ގޮތުން އަހަރަކު ފަސް މިލިއަން ޔޫރޯ އާ ގާތްކުރާ ވަރުގެ މުސާރައެއް ސެވިއްޔާއިން ލޮޕެޓެގީއަށް ދޭނެ އެވެ.
ސެވިއްޔާގެ ކޯޗް ކަމުގައި އޭނާގެ ފުރަތަމަ ސީޒަންގައި، ޗެމްޕިއަންސް ލީގަށް ސެވިއްޔާ ކޮލިފައި ކޮށްދީ، ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ސެވިއްޔާއަށް ހޯދައި ދިނެވެ. މިދިޔަ ހޮނިހިރު ދުވަހު ރެއާލް ސޮސިއެޑާޑް ބަލިކޮށް ސެވިއްޔާ މިހާރު އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ.
"މީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އާ ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ލޮޕެޓެގީ ބުންޏެވެ. "އަހަރެމެން ބޭނުން ވަނީ ސެވިއްޔާ އަކީ މިހާރަށް ވުރެ ބޮޑު ކުލަބަކަށް ވާން. ސެވިއްޔާގެ ސަޕޯޓަރުންގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އަހަރެމެން ކުރަން ޖެހޭނެ."
ސެވިއްޔާއަށް ކޯޗް ކޮށްދިން 79 މެޗުން، ލޮޕެޓެގީ ވެފައި ވަނީ އެ ކުލަބުގެ ތާރީހްގައި މޮޅު ވުމުގެ ޕަސެންޓްގައި އެންމެ ބޮޑު ކުރި އެރުމެއް ހޯދި ކޯޗަށެވެ. އޭނާގެ މޮޅުވުމުގެ ޕަސަންޓް އުޅެނީ 58.2 ޕަސަންޓްގަ އެވެ. ބަލި ނުވުމުގެ ޕަސަންޓަކީ 82.27 ޕަސެންޓެވެ.
ކުރިން ޕޯޓޯ އަށް ކޯޗް ކޮށްދިން ލޮޕެޓެގީ ކޯޗިން ކެރިއާގައި ކާމިޔާބު ދުވަސްތަކަކާ ހަމައަށް ދެވުނީ، އޭގެ ކުރީ ސީޒަންގައި ރެއާލް މެޑްރިޑްގެ ނާކާމިޔާބު ދުވަސްތަކެއް ކުރިމަތިވުމަށް ފަހު އެވެ. ބާސެލޯނާ އަތުން 5-1 ން ބަލިވެ ރެއާލްގެ ވަޒީފާ އޭނާ އަށް ގެއްލުނެވެ. އެ ކުލަބުގެ ކޯޗް ކަމާ އޭނާ ހަވާލުވާން އޭރު އެއްބަސްވުމުން ވޯލްޑް ކަޕް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ސްޕެއިންގެ ގައުމީ ޓީމުން އޭނާ ވަކި ކުރި އެވެ.