އެޓާނީ ޖެނެރަލް

ދައުލަތުން ވަކީލު ފޯރުކޮށްދޭ ގަވާއިދެއް އަމަލު ކުރަން ފަށައިފި

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދޭން އާ ގަވާއިދެއް އެކުލަވާލައި އެއަށް އަމަލު ކުރަން ފަށައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އާ ގަވާއިދަކީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުވާ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީ ހޯދޭނެ ތަނަވަސް ކަން ނެތް މީހުނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުނަށް ދައުލަތުން ވަކީލެއްގެ އެހީ ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރާ ގަވައިދެކެވެ.

އަދި ކުށެއްގެ ތުހުމަތުގައި ހިފަހައްޓާ ނުވަތަ ހައްޔަރުކުރާ ކުދިންގެ ތެރެއިން ގާނޫނީ ވަކީލަކު ނުހޯދޭ ނަމަ އެ ކުދިންނަށް ދައުލަތުގެ ފަރާތުން ވަކީލެއްގެ އެހީތެރިކަން ފޯރު ކޮށްދޭންޖެހޭތީ، އެ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމަނާފައި ވެއެވެ.

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން އެދި ހުށަހަޅާ އުސޫލުތަކާއި، ވަކީލުގެ އެހީތެރިކަން ފޯރުކޮށް ދޭ އިދާރާގެ ޒިންމާތަކާއި، ދައުލަތުގެ އިދާރާތަކުން އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާއި، ވަކީލުގެ ޒިންމާތަކުގެ އިތުރުން ވަކީލުގެ އެހީތެރިކަން ފޯރު ކޮށްދިނުމުގެ އިންތިޒާމްތައް ގާއިމް ކުރުމާބެހޭ އުސޫލުތައް ވެސް ގަވައިދުގައި ވެއެވެ.