ވާހަކަ

ވަސިއްޔަތް

(ފަހުބައި)

"އަޅުގަނޑުމެންނަށް ވެސް ސާރާގެ ހާލަތު އެނގުނީ ވަރަށް ފަހުން. ސާރާގެ އެކަނިވެރިކަން ވެސް. ހުރިހާ ކަމަކާ އަޅައިލާނެ އިތުރު މީހަކު ނެތްކަން ވެސް،" ނަރުސް ކުއްޖާ ފަރުވާތެރިކަމާއެކު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. "އަހަންނަކީ ނާސިއާ. މި ވަގުތުން ފެށިގެން ސާރާއާއި ސާރާގެ ބޭބީގެ ހުރިހާ ކަމަކާ ހަވާލުވާނީ އަހަރެން. އަހަރެންވާނީ މިކަމުގައި ނަގަން ޖެހޭ ހުރިހާ ހުއްދައެއް ވެސް ނަގައިފަ. ހުއްދަ ވެސް ވަނީ ލިބިފަ."

އަހަންނަށް ސުވާލުގެ ނަޒަރުން ނާސިއާއަށް ބަލައިލެވުނެވެ. އޭނާގެ ޖުމުލަތައް ހިތުގައި ތަކުރާރުވިއެވެ. އެންމެ ފަހުން އެއިން ބައެއް ލަފުޒުތައް ތަކުރާރު ކޮށްލެވުނެވެ. އިހުތިޔާރުން ބޭރުގައެވެ.

"ބޭބީގެ ހުރިހާ ކަމެއް؟ ނަގަންޖެހޭ ހުއްދަތައް؟" ނާސިއާގެ މޫނަށް ބަލަން އިނދެ އަހަރެން ކިޔައިލީމެވެ.

"އާނ! ބެލެނިވެރިކަމުގެ ހުއްދަ. މިއަދު ސާރާގެ ބެލެނިވެރިއަކީ އަހަރެން. ސާރާ އެގޮތް ބޭނުން ނަމަ. އަބަދަށް ވެސް މިކަން ދަމަހައްޓަން." ނާސިއާ ހިފައިލީ އަހަރެންގެ އަތުގައެވެ.

"ނޭނގުނު." ނާސިއާގެ ޖުމުލަތަކުގެ ފަހަތުގައިވާ ވާހަކަތައް އަހަންނަކަށް ދޭހައެއް ނުވިއެވެ.

"މިއީ، މި ވާހަކަ ބުނަން އެންމެ ރަނގަޅު ވަގުތެއް ވެސް ނޫން. އެކަމަކު މި ވަގުތު ބުނެދެވެން އޮތް މިންވަރަކުން މި ބުނެދެނީ،" ނާސިއާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަންނަކީ އެކަނިވެރިއެއް. ހުޅުމާލޭގައި ހިނގި އެކުސިޑެންޓެއްގައި ފިރިމީހާ ނިޔާވީ ކައިވެންޏަށް ހަތް މަސްވީއިރަށް. އޭރު އަހަރެން އިނީ ބަލިވެ. ނަސީބު ދެރަކަމުން ދަރިފުޅު ވެސް އެބޯޓުވީ. އެ ހުރިހާ ކަމެއް ތަހައްމަލު ކުރާނެހާ ހިތްވަރު އަހަރެންގެ ކިބައިގައި ނެތުނު. އެންމެފަހުން އަހަރެން ބަލިވީ. ނަފުސާނީ ގޮތުން މުޅި މީހާ ބަލިކަށިވީ. ވަރަށް މަސައްކަތުން މިހާ ހިސާބަށް މި އާދެވުނީ."

"ދެން؟" އަހަންނަށް ފަހުމު ނުވީ ނާސިއާގެ މަގުސަދެވެ.

އޭނާ ދައްކާ ވާހަކަތައް ދޭހަވެއެވެ. ބުނެދޭ ކަންކަން އެނގެއެވެ. ނަމަވެސް، ކޮންމެ ޖުމުލައެއް ކޮންމެ ލަފުޒެއްގެ ފަހަތުގައި އޮތީ ކޮން މަގުސަދެއް ކަމެއް ކޮން ބޭނުމެއް ކަމެއް ނޭނގެއެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެން ކުރި ކަހަލަ ހިތްދަތި ތަޖުރިބާ ސާރާ ކުރާކަށް. އެކަނިވެރިކަމުން ދުނިޔެ ވަށައިލާކަށް. ތުއްތު ކުއްޖެއް ގޮވައިގެން މި ދުނިޔޭގައި ގަނެތެޅެން ނުކުންނާކަށް،" ނާސިއާ އޯގާތެރިކަމާއެކު ބުނެލިއެވެ. "އެކި މީހުންނަށް މިންވަރު ކުރައްވާނީ އެކި ގޮތް. ހަޔާތުގެ ދަތުރުގައި މީހުންނާއި މީހުން ދިމާވެ ބައްދަލުކުރުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ހައި، ބައި ކިޔައިފަ ދާކަށް ނޫން. ތިމާއާ ދިމާވާ ކޮންމެ މީހަކީ ވެސް އެމީހެއްގެ ހަޔާތަށް ކޮންމެވެސް ކަހަލަ ކަމެއް ކޮށްދޭނެ މީހަކަށް ވެދާނެ. އެކި މީހުންނަށް މި ހިދުމަތް ދެވޭނީ އެކި ވަރަށް. އެކި ގޮތަށް. އެކި މިންވަރަށް."

އަހަންނަށް ބަލައިލެވުނީ ސީދާ ނާސިއާގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ.

"އާނ، އަހަރެން ގަބޫލުކުރާ ގޮތަކީ މިއީ. ހަޔާތުގެ ދަތުރުގައި އެއް އިންސާނާ އަނެއް އިންސާނާއާ ބައްދަލުކުރުވަނީ މަގުސަދެއް އޮންނާތީ،" ނާސިއާ ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ. "އެހެންވީމަ އެކި ނަސްލުން އެކި ތަންތަނުން ދިމާވާ މީހުންނާ ގުޅުން ބަދަހިވެ، އެއްބަނޑު އެއްބަފާކަމުގެ ކުލުނުވެރިކަން އުފެދެނީ ވެސް. އަހަރެން ވެސް ބޭނުންވަނީ އެކަން. ސާރާއަކީ އަހަރެންގެ ކޮއްކޮއެއް ގޮތުގައި ދެކި، އެ ތުއްތުތުއްތު ދަރިފުޅަށް އާއިލާއެއްގެ ލޯބި ހޯދައިދޭން. އަހަންނަށް ހީވަނީ އަހަރެން ސާރާއާ ބައްދަލުކުރުވި ބޭނުމަކީ، މަގުސަދަކީ އެއީހެން."

"އާމިރު؟" އަހަންނަށް ޝައްކުވާން ފެށިއެވެ.

"ސޮރީ ސާރާ." ނާސިއާ އަހަރެންގެ އަތްތިލައިގައި ފިރުމާލިއެވެ.

"ކިހިނެއްވީ؟ ކޮބާ އާމިރު؟ އޭނާ ކޮބާ؟ އޭނާ މަރެއް ނުވާނެ. ނުވާނެ. އޭނާ މަރެއް ނުވާނެ." އަހަންނަށް ތެޅި ގަނެވުނެވެ.
ރޮވެން ފެށުނެވެ. ގިސްލަގިސްލައެވެ. ބާރުބާރަށް ހަޅޭއްލަވަމުން ދެއަތް ހޫރުވަމުންނެވެ.

"މަރެއް ނުވާނެ. މަރެއް ނުވާނެ. ދޮގު ނުހަދާ، އޭނާ ގާތަށް އަހަރެން ގެންދޭ. ގެންދޭ." އަހަންނަށް ނާސިއާގެ އަތް ވެސް ފޮޅުވާލެވުނެވެ.

އަހަންނަށް ހިތްހަމަ ޖެހޭވަރަށް ރުއިމުގެ ފުރުސަތު ދިނުމަށްފަހު ނާސިއާ އަހަރެންގެ ބޮލުގައި ފިރުމައިލަ ފިރުމައިލާ ހުއްޓެވެ. އިރުކޮޅެއް ފަހުން އަހަންނަށް ހަމަ ނޭވާއެއް ބޭރުކޮށްލެވުނެވެ.

"ސޮރީ ނާސް." އަހަންނަށް ބުނެލެވުނެވެ.

"ކޮން ކަމަކާ؟" ނާސިއާ އަހައިލިއެވެ.

"ހުރިހާ ކަމަކަށް ވެސް."

"އަހަންނަށް ވިސްނޭ. ތިޔަ ގޮތަށް ދިމާވީމަ ކުރާނެ އަސަރާ އަޅާނެ ވޭނާއި ހިތަށް ލިބޭނެ ކެކުޅުންތައް. އަހަންނަށް އެކަން ވިސްނޭ. އެކަން އިހުސާސް ވެސް ކުރެވޭ." ނާސިއާ އަހަރެންގެ ކަރުނަތައް ފޮހެލަދިނެވެ.

"އެކަމަކު އާމިރު؟ އޭނާ ދިޔައީ ކޯހަށް ލަންކާއަށް. އޭނާ ކިޔަވާނީ ލަންކާއިން ބްލޮކް މޯޑަށް. ކީއްވެ އައިސީޔޫއަށް؟" އަހަންނަށް ބުނެލެވުނެވެ.

ހިތުގައި ހުރިނަމަ ހުރި ޝަކުވާއެއް، އޮޅުންބޮޅުން ތަކެއް އެއްފަހަރާ ބޭރުކޮށްލަން ބޭނުންވިއެވެ. އެކަން ނާސިއާގެ ކުރިމައްޗަށް އޮއްސާލަން ބޭނުންވިއެވެ.

"ރަނގަޅު. އޭނާ ދިޔައީ ބްލޮކަށް. އެފަހަރު މާ ބޮޑަށް ބޮލުގައި ރިއްސައިފަ ބުނަން ނޭނގޭ ގޮތްތަކެއް ވާތީ ޑޮކުޓަރަށް ދެއްކީ. އެދުވަހު އޭނާއަށް އެނގުނީ އޭނާއަށް އޮތީ މަދު ވަގުތުކޮޅެއްކަން ވެސް،" ނާސިއާ ލަސްލަހުން ބުނެދިނެވެ. "އޭނާ ބޭނުންވީ ރާއްޖެ އައިސް ހުރިހާ ވާހަކަތަކެއް ސާރާއަށް ކިޔައިދޭން. އެކަމަކު އޭނާ މަތިންދާ ބޯޓުން ބޭލި ގޮތަށް އެޑްމިޓްކުރާން ޖެހުނީ. އަހަންނަކީ އޭނާއަށް ފަރުވާދޭ ކޮޓަރީގައި އުޅުނު ނަރުހެއް. އާމިރުގެ ހަޔާތުގެ ފަސާނާތައް އެކި ފަހަރު މަތިން އަހަންނަށް ކިޔައިދިން. އަހަރެންގެ ހިތުގައި އާމިރާއި ސާރާއަށް ޓަކައި ހަމްދަރުދީ އުފެދުނީ އެހެންވީމަ. އެންމެފަހުން އާމިރަށް އަހަރެން ޔަގީންކަން ދިނިން. އާމިރުގެ ތާއަބަދު އެ ވާހަކަތައް ދައްކާތީ އޭނާގެ ފަހު ވަގުތު ކޮޅު ވެސް އުފާކޮށްދެވޭތޯ. އަހަންނަށް އާމިރު ވަސިއްޔަތްކުރީ ސާރާ އެކަނިކޮށް ނުލަން. ސާރާއާއި ބޭބީއަށް އަޅައިލަން."

"ކޮންކަމެއް؟ ކީއްވެ މަދުވަގުތު ކޮޅެއް؟ ކީއްވެ ގުޅައިފަ ނުބުނީ؟" ނާސިއާގެ މޫނަށް ބަލަން އިނދެ އަހަންނަށް އަހައިލެވުނެވެ.

"ސާރާއިން ހާލުން. ބޭބީއަށް ނުރައްކާ ވެދާނެތީ،" ނާސިއާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އާނ! އޭނާ ހުރީ ކެންސަރގެ އެންމެ ފަހު ސްޓޭޖުގަ. އޭނާގެ ސިކުނޑީގައިވާ ބްރެއިން ޓިއުމަރއެއްގެ ސަބަބުން ޑޮކުޓަރުން އޭނާއަށް ދިނީ ވަރަށް ކުރު މުއްދަތެއް. އޭނާ ބޭނުންވީ ސާރާއަށް ފެނިލަން. ސާރާ ދެކިލަން. ސާރާ ވިހާން ކައިރިވެފައި އިނުމުން. އޭނާ ބޭނުންވީ އެންމެ ފަހު ވަގުތު ނަމަވެސް ސާރާގެ މޫނު ދެކިލަން. ބޭބީ ދެކިލަން. ސިކުންތަކަށް ނަމަވެސް..."

ނާސިއާ ވާހަކަތައް އިވެމުންދާ ވަރަކަށް އަހަންނަށް ބުނަން ނޭނގޭ އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. މީހާގެ މަތިހަށި ނަގައި ޖެހޭވަރު އިތުރުވަމުން ދިޔައެވެ. ގިސްލުން އިތުރުވެ ނޭފަތާއި ބޮލަށް ބަރުވަމުން ދިޔައެވެ. ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހުން އިތުރުވަމުން ދިޔައެވެ.

"ސާރާ ވިހެއުމުން ބޭބީ ދެކިލަން އޭނާ ބޭނުންވީ. ނަސީބަކުން އޭނާއަށް ދަރިފުޅު ވެސް ފެނުނު. އާމިރު ނިޔާވީ ދަރިފުޅަށް ބޮހެއް ދިނުމަށްފަހުގައި. ދަރިފުޅާ ލޯބިކޮށްލުމަށް ފަހު. މި ހުރިހާ މަންޒަރެއް އެންމެ ގާތުން ފެނުނު އެކަކީ އަހަރެން. އިރާދަކުރެއްވިއްޔާ އަހަރެން އާމިރުގެ ވަސިއްޔަތަށް އިހުތިރާމުކޮށް އެކަން ފުރިހަމަކުރާނަން. ސާރާ ވެސް އާމިރު ދެކެ ލޯބިވާނަމަ އެއަށް އިހުތިރާމު ކުރާންވާނެ. ކޮންމެ އިންސާނަކަށް ވެސް ދަތި ދަނޑިވަޅުތަކާއި ފަހި ވަގުތުތައް ކުރިމަތިވާނެ. އުފަލާއި ހިތާމަ ދިރިއުޅުމުގައި ބައްދަލުވާނެ. އިއްޔެ ފުސް ބިއްލޫރިން ސާރާ ބެލީ ހިތްދަތިކަމުގެ މަންޒަރުތަކެއް. އޭގެ މާނައެއް ނޫން ތާއަބަދު ސާރާއަށް އެ މަންޒަރުތައް ބަލަން މަޖުބޫރޭ. އެ ބިއްލޫރި ގަނޑުން ފެނުނު ތަސްވީރު މާޒީއަށްވެ އައު މަންޒަރުތަކެއް ހަމަ އެތަނުން ވެސް ފެނިދާނެ." ނާސިއާ އަހަންނަށް ވަރަށް ހިތްވަރު ދިނެވެ.

ނަސީއާގެ ބަސްތަކުން އަހަރެން ހަމައަކަށް އެޅުނެވެ. ބަރު ޖެހިފައިވާ ބޮލަށް ލުއިކަން އިހުސާސް ކުރެވެމުން ދިޔައެވެ. ދަރިފުޅަށް ޓަކައި، އާމިރުގެ ހަނދާނަށް ޓަކައި އަހަރެން ދިރިއުޅުމުގެ މި ހަނގުރާމައާ ކުރިމަތިލީމެވެ. އަޒުމާއި ހިތްވަރާ އެކުގައެވެ.
އަންހެނަކަށް ދުނިޔެ ފަތަހަކުރެވޭނަމަ އެކަން ކުރުމުގެ ނިޔަތުގައެވެ. ހަޔާތަށް އަލަށް ލިބުނު ދައްތަގެ މަދަދުވެރިކަމާއެކު ގައެވެ. އާމިރު ނެތް ދުނިޔޭގައި އާމިރު ހޯދައިންދިން ދައްތަގެ ފިރުމުންތަކާ އެކުގައެވެ. މީހުން ބުނަނީ ތެދެއްކަން މިއަދު އަހަންނަށް ވެސް ވިސްނިއްޖެއެވެ. އެއް ދޮރު ބަންދުވާއިރަށް އެތައް ހާސް ދޮރެއް ހުޅުވޭނެއެވެ. އެ ދޮރުތައް ހުރި ދިމަދިމާ ހޯދާ ދެނެގަތުމަކީ އެމީހެއްގެ ކަމެކެވެ. ކޮންމެ ވަކިވެ ދިޔުމަކީ އައު ބައްދަލުވުމަކަށް ކޮށޭ މަގެކެވެ. އެކަން ވެސް ޖެހޭނީ އަމިއްލަ ސިކުނޑިން ދެނެގަންނާށެވެ.

އަހަރުމެންގެ ދަރިފުޅު އާމިރާއަށް މިހާރު އަށާރަ އަހަރު ފުރުނީއެވެ. އައު ކާވެންޏެއްގެ ބިންގާ އެޅުނަސް އަދިވެސް އެ ހަނދާންތައް ހިތުގައި އާވެ އާލާވެއެވެ. ކޮންމެ ދުވަހަކު އެ މާޒީގެ މަންޒަރުތައް ސިކުނޑީގެ ތެރޭގައި ތަކުރާރުވެއެވެ. އަހަރެންގެ ދިރިއުޅުމުގެ ދަތި ދުވަސްތަކުން އަރައި ގަނެވުނީ އާމިރު ނެތަސް އޭނާގެ ކޮށައިދިން މަގުން ހިނގައިގެންނެވެ. އެހަނދާންތައް ހިތުގައި ތަކުރާރުވަނީ އެހެންވީމައެވެ. އަހަންނަށް މަގުދައްކައިދިނީ އޭނާގެ ވަސިއްޔަތަށް އިހުތިރާމު ކުރީތީއެވެ. މީހުން ބުނަނީ ހައްގު ތެދެވެ. ކޮންމެ ވަސިއްޔަތަކީ ހާސް ނިއުމަތުގެ ކަންވާރެކެވެ. ފުސްބިއްލޫރިން ފެނުނު މާޒީން އެކަން އަހަންނަށް ކަށަވަރު ވެއްޖެއެވެ. (ނިމުނީ)