މެންޗެސްޓާ ޔުނައިޓެޑް

ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އެއްވަނަ އަށް

ބާންލީ ކޮޅަށް ޕައުލް ޕޮގްބާ ވައްދާލި ލަނޑުން، މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގްގެ ތަވާލުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ. ޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

ސީޒަންގެ މިހާ ހިސާބުގައި، ޔުނައިޓެޑް އެއް ވަނައަށް އެ ދިޔައީ އަށް އަހަރު ފަހުންނެވެ. ޕްރިމިއާ ލީގްގެ 2012-2013 ގެ ސީޒަންގެ މިހާ ހިސާބުގައި ޔުނައިޓެޑް އެއް ވަނަ އަށް ޖެހިލި އެވެ. އެ ސީޒަންގެ ޕްރިމިއާ ލީގްގެ ޗެމްޕިއަން ޓީމަކީ ވެސް ޔުނައިޓެޑެވެ. ވެ. އަދި އެއީ ލެޖެންޑަރީ ކޯޗް އެލެކްސް ފާގަސަން ޔުނައިޓެޑްގައި ހޭދަ ކުރި ފަހު ސީޒަން ވެސް މެއެވެ

މިހާރު ޔުނައިޓެޑް އެއް ވަނައިގައި އޮތީ ވާދަވެރި ލިވަޕޫލްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. އެކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގު ވަނީ ލަނޑު ކާމިޔާބު ކޮށްދިން ޕައުލް ޕޮގްބާ އަށެވެ. އެ ލަނޑު ޖަހަން ފުރުސަު ތަނަވަސް ވީވެސް ޕޮގްބާއަށް ބާންލީގެ ކުޅުންތެރިން ފައުލް ކުރުމުން ލިބުނު ހިލޭ ޖެހުމަކުންނެވެ. ހިލޭ ޖެހުން ފޮނުވާލި ބުރުނޯ ފެނާންޑޭޒް ކަނާތް ފަރާތަށް ބޯޅަ ދިނީ މާކޯސް ރަޝްފާޑް މުޅިން ހުސްކޮށް އޮތުމުންނެވެ. ރަޝްފާޑްއަށް ދިން ބޯޅަ އޭރިއާގެ އަރަިމަތިން އޭނާ ހުރަސް ނަގައިދިނީ އޭރިއާ ތެރެއަށެވެ. ޕޮގްބާ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. ބާންލީގެ ކީޕަރު ނިކް ޕޯޕް ހުރި ގޯލަށް ބޯޅަ ވަނީ އެ ޓީމުގެ މެތިއު ލޮޓަންގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލު ވެގެންނެވެ.

ޔުނައިޓެޑުން ވަނީ 36 ޕޮއިންޓް ހޯދާފަ އެވެ. ވާދަވެރި ލިވަޕޫލަށް 33 ޕޮއިންޓެވެ. ސީޒަންގެ މިހާ ހިސާބުގައި ޔުނައިޓެޑަށް މީގެ ކުރިން މިކަން ހާސިލު ވެފައި ވަނީ، ހަމަ 17 މެޗު ކުޅެގެންނެވެ. ޑިސެންމްބަރު 2012 ގއި ސަންޑަލޭންޑާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗަކީ އެ ސީޒަންގެ ލީގްގައި ކުޅުނު 17 ވަނަ މެޗެވެ.

ފާގަސަންގެ ކުރީގެ ދަރިވަރު، ޔުނައިޓެޑްގެ މިހާރުގެ ކޯޗް ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާ ވަނީ މެޗުން މޮޅު ކޮށްދިން ޕޮގްބާއަށް ތައުރީފް ކޮށްފަ އެވެ.

"ޑްރެސިން ރޫމްގައި ވެސް އޭނާއަކީ ވަރަށް ރަނގަޅު ކެރެކްޓާއެއް. ޑްރެސިން ރޫމްގައި އޭނާ އަބަދުވެސް ލީޑް ކުރާނެ. އޭނާ އަކީ ދުނިޔޭގެ ޗެމްޕިއަނެއް. އޭނާ އެހުރީ މިހާރު އެންމެ ރަނގަޅު ފޯމްގައި." ސޮލްޝަޔާ ބުންޏެވެ.

އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑް ނުކުންނާނީ، އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށެވެ. މެޗަށް ދާއިރު އެއް ވަނައިގައި އޮތުމުން ޔުނައިޓެޑަށް މިހާރު ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް މެޗަށް ފަހު ވާހަކަ ދައްކަމުން ޕޮގްބާ ބުންޏެވެ.