ޔޫތު މިނިސްޓްރީ

ފަސް ރަށެއްގައި ވޯކްޝޮޕް ހިންގުމުގެ ފުރުސަތު

މިނިސްޓްރީ އޮފް ޔޫތުން ފަސް ރަށެއްގައި "އެންޖީއޯ ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕް" ގެ ނަމުގައި ވޯކްޝޮޕް ތަކެއް ހިންގުމަށް ނޮން ގަވާމެންޓް އޯގަނައިޒޭޝަން (އެންޖީއޯ) ތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފުރުސަތުގެ މަގުސަދަކީ މަދަނީ ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމެވެ. ޔޫތުން އެންޖީއޯ ތަކަށް އެ ފުރުސަތު ހުޅުވާލި އިރު އެ ވޯކްޝޮޕްތައް ކުރިއަށް ގެންދާނީ ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވާ ރަށުގެ މަދަނީ ޖަމްއިއްޔާއަކާއި ގުޅިގެންނެވެ.

މީގެ އިތުރުން، ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ ޖަމްއިއްޔާއަށް އެ ވޯކްޝޮޕް ހޯސްޓު ކުރުމާއި، ވޯކްޝޮޕް އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

ޔޫތު މިނިސްޓްރީން ވޯކްޝޮޕް ހިންގުމަށް ހަމަޖައްސާފައި ވަނީ ފުވައްމުލަކު ސިޓީ އާއި، ގދ. މަޑަވެލީ އާއި، ބ. ދަރަވަންދޫގަ އާއި ރ. އުނގޫފާރުގެ އިތުރުން ޅ. ހިންނަވަރު ގައެވެ.

ޖަމްއިއްޔާ އެއް ހޮވުމުގައި ޕްރޮގްރާމްތައް ހިންގުމުގައި އެ ޖަމްއިއްޔާ އަކަށް ލިބިފައިވާ ތަޖުރިބާއާއި، ވޯކްޝޮޕް ހިންގުމުގައި އެހެން ފަރާތްތަކުގެ ބައިވެރިވުން އޮތް މިންވަރަށާއި، ވޯކްޝޮޕް ހިންގުމުގައި އެޖަމްއިއްޔާއަކުން ކުރާނެ ހިއްސާގެ މިންވަރަށް ބަލާނެ އެވެ.

އެ ފުރުސަތައް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިންނެވެ.