ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލުގެނެސްގެން އެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ސަރުކާރުން މި އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ހަތް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. އެ ހަތް ރަށުގެ މަަގުތައް ހެދުމުގެ ޑިޒައިނަށް ބަދަލު ގެނެސް ހަދަން ނިންމި ކަމަށް އެމްޓީސީސީ މިއަދު ހާމަކޮށްފައިވާ އިރު އެ ނިންމުން ގެނައީ ތަޖުރިބާ އަށް ބެލުމަށްފަހު މަޝްރޫއުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އަށް މަގު ހެދުމަށް ހަވާލުކޮށްފައިވާ ހަތް ރަށުގެ ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލާއިގެ ބަދަލުގައި
ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމުގައި އެމްޓީސީސީއިން ހާމަކުރެ އެވެ.
އެގޮތުން، ޑިޒައިނަށް ބަދަލުގެނެސްގެން ކުރިއަށް ގެންދިއުމަށް ނިންމާފާއިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ރަށްތަކަކީ؛
- ހދ. ހަނިމާދޫގެ މައި މަގުތައް - 46،799،227.79 ރުފިޔާގެ މަޝްރޫއު
- ރ. އުނގޫފާރުގެ މައި މަގުތައް - 19،399،771.26 ރުފިޔާގެ މަޝްރޫއު
- ބ. އޭދަފުށީގެ މައި މަގުތައް - 19،184،857.96 ރުފިޔާގެ މަޝްރޫއު
- ރ. ދުވާފަރު މައި މަގުތައް - 28،251،542.52 ރުފިޔާގެ މަޝްރޫއު
- ސ. ހުޅުމީދޫގެ މައި މަގުތައް - 32،719،385.70 ރުފިޔާގެ މަޝްރޫއު
- ށ. ފޮނަދޫގެ މައި މަގުތައް - 32،719،385.70 ރުފިޔާގެ މަޝްރޫއު
- ފުވައްމުލަކު ރިންގް ރޯޑު - 32،042،893.70 ރުފިޔާގެ މަޝްރޫއު
މި މަޝްރޫއުތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް ޕްލޭނިންގް މިނިސްޓްރީ އާ މަޝްވަރާކުރެވިގެން މިހާރު ދަނީ ގެނެވެމުން ކަމުގައިވެސް އެކުންފުނިން ހާމަކުރެ އެވެ.