އެތުލެޓިކޯ މެޑްރިޑް

ސެވިއްޔާ ބަލިކޮށް އެތުލެޓިކޯ ލީޑް ފުޅާކޮށްފި

ސެވިއްޔާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެތުލެޓިކޯ މެޑްރިޑުން ލަ ލީގާގެ ތާވަލުގެ އެއް ވަނަ މަގާމުގައި ހަތަރު ޕޮއިންޓަށް ލީޑް ފުލާ ކޮށްފި އެވެ.

އެތުލެޓީގެ ލަނޑުތައް ކާމިޔާބު ކުރީ އޭންހަލް ކޮރެއާ އާއި ސައުލް ނިގޭޒް އެވެ. ސްޕެއިންގެ ވެރިރަށަށް ރެކޯޑް މިންވަރަކަށް ސްނޯ ވެހެމުން ދާ ދުވަސް ވަރުގައި ކުޅުނު މެޗުން މޮޅުވެ، ޑިއޭގޯ ސިމިއޯނޭގެ ޓީމުން ވަނީ، އެ ޓީމާއި ވާދަވެރި ރެއާލް މެޑްރިޑް އަދި ބާސެލޯނާ އާ ފަރަގު ބޮޑު ބޮޑު ކޮށްފަ އެވެ.

މެޑްރިޑްގެ ވަންޑާމެޓްރޯ ޕޮލިޓާނޯގައި ކުޅުނު މެޗަކީ، ރެއާލް އާއި ބާސާ އަށް ވުރެ މަދުން މެޗު ކުޅެފައިވާ އެތުލެޓިކޯ އަތުގައި އޮތް ތިން މެޗުގެ ތެރެއިން އެއް މެޗެވެ. ޔޫރޮޕާ ލީގްގެ ފައިނަލުގައި މިދިޔަ ސީޒަންގައި ވާދަ ކުރި ސެވިއްޔާގެ އަތުގައި އަދި ބަކީ ދެ މެޗު އެބައޮތެވެ. މި ހަފަުތާގައި ކުޅެން ހަމަޖައްސާފައި އޮތް އެތުލެޓިކް ބިލްބާއޯ އާއި އެތުލެޓިކޯ ކުޅެން ހަމަޖެއްސި މެޗު ބޯކޮށް ސްނޯ ވެހުމުން ކެންސަލް ކުރީ އެވެ. އެހެންވެ އަނެއްކާވެސް އެތުލެޓިކޯއަށް އަތަށް މެޗެއް އިތުރުވީ އެވެ. ސެވިއްޔާ 30 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ.

އެތުލެޓިކޯގެ ފަހަތުން ދެ ވަނަ އިގައި އޮތް ޒައިނުއްދީން ޒިދާންގެ މެޑްރިޑަށް ބޮޑު ޓާސްކެއް އެބައޮތެވެ. މިިދިޔަ އަހަރު ސައުދީ އަރަބިއާގައި ސުޕެނިޝް ސުޕަ ކަޕް ދިފާއު ކުރި ރެއާލް މާދަމާ ކުރިމަތިލާނީ މި ސީޒަންގެ ސުޕަ ކަޕަށެވެ. ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ބާސާ ނުކުންނާނީ ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށެވެ.

ކިރަން ޓްރިޕިއާއަށް އިނގިރޭސި އެފްއޭއިން ކުރިމަތި ކުރި ސަސްޕެންޝަން، ފީފާއިން މަޑު ޖައްސާލުމުން އޭނާ ވަނީ އެނބުރި އެތުލެޓިކޯގެ ޓީމަށް އައިސްފަ އެވެ. އޭންހަލް ކޮރެއާ ކާމިޔާބު ކުރި ލަނޑަކީ މެޗުގެ 17 ވަނަ މިނެޓް ޓްރިޕިއާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ އަށް މިނެޓް ފަހުން، ޓްރިޕިއާ ވަނީ ލުއިސް ސުއަރޭޒްއަށް ވެސް ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށް ދީފަ އެވެ. ސުއަރޭޒް ފޮނުވާލި ބޯޅަ ސެވިއްޔާަގެ ކީޕަރު ބޯނޫ ދިފާއު ކުރި އެވެ.