ޖަރުމަން

ކުޅުންތެރިން ބޯކޮށުމުން ސެލޫންތަކުން ރުޅި ގަދަވެއްޖެ

ކޮވިޑް-19 އިގެ ނުރައްކާ އަލުން ޖަރުމަންގައި ބޮޑުވުމުން، ޖަރުމަން ސަރުކާރުން އެންގީ ކޮވިޑް ފަސޭހައިން ފެތުރޭ ޒާތުގެ ތަންތަން ބަންދު ކުރާށެވެ. އޭގެ ތެރޭގައި ސެލޫންތައް ވެސް ހިމެނެ އެވެ. މިދިޔަ މަހު 16 ގައި ސެލޫންތަކާއި ބޯކޮށާ ސުޓޫޑިއޯތައް ބަންދު ކުރަން އެނގުމުން މޭކަޕް އާޓިސްޓުން، ހެއާސްޓައިލިސްޓުން އަދި ބޯކޮށާ މީހުން ސެލޫންތައް ބަންދު ކޮށްފައި ދިޔައީ ގެއަށެވެ.

ސެލޫންތަކާއި އެޒާތުގެ އެހެނިހެން ހިދުމަތް ދޭ ތަންތަން ވެސް ބަންދު ކުރަން ނެރުނު އަމުރު އަދިވެސް ދަނީ ތަންފީޒު ކުރަމުންނެވެ. އެެހެން ނަމަވެސް އެހެން މައްސަލައެއް މިހާރު ފެންމަތިވެއްޖެ އެވެ. ސެލޫންތަކުގެ ލޮކްޑައުން ހާލަތުގައި ވެސް ބުންޑެސް ލީގާގެ ކުޅުންތެރިން މެޗުތަކަށް ނުކުންނަނީ ބޯ ކޮށައިގެނެވެ.

ޖަރުމަންގެ ހެއާޑްރެސާ އެސޯސިއޭޝަނުން ވަނީ، މައްސަލަ ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ހެއާޑްރެސާ އެސޯސިއޭޝަނުން ޖަރުމަންގެ ފެޑްރޭޝނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ސެލޫންތައް ލޮކޮޑައުން ހާލަތުގައި ބުންޑެސް ލީގާގެ ކުޅުންތެރިންގެ ފަރާތުންވެސް އެއްބައިވަންތަކަން ދައްކައިދޭން އެދޭ ކަމަށެވެ.

"ބުންޑެސް ލީގާގެ އެންމެ ފަހު މެޗު ދުވަހުގައި ފާހަގަ ކުރެވުނު އެއްކަމަކީ ގިނަ ކުޅުންތެރިން މެޗަށް ނުކުތީ ބޯ ކޮށައިގެން ކަން،" ހެއާޑްރެސާ އެސޯސިއޭޝަނުން ފޮނުވި އާންމު ސިޓީގައި ބުނެފައި ވެއެވެ.

"ކުޅުންތެރިންގެ ކިބަައިން މި ފެނުނު ކަންކަމާ މެދު ކަންބޮޑުވުން ދަނީ ފެންނަމުން. އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ހިތްވަރު ދެވެނީ ކޮވިޑްގެ ޕްރަޓޮކޯލް މުގުރާލައި ބޯކޮށުމުގެ ހިދުމަތް އެހެން ގޮތަކަށް ހޯދަން."

މަޝްހޫރު ކުޅުންތެރިން ބޯ ކޮށާފައި ވަނީ، ބޯކޮށާ މީހަކު އެ ކުޅުންތެރިން ދިރިއުޅޭ އެޕާޓެމެންޓަށް ގެނެސްގެން ކަން ވަނީ އެނގިފަ އެވެ. ހެއާޑްރެސާ އެސޯސިއޭޝަނުން ބުނީ އެކަމުގެ ސަބަބުން މާލީގޮތުން ސެލޫންތަކަށް ގެއްލުންވާނެ ކަމަށެވެ. އަދި އެއީ ސެލޫން ތަކުގައި މަސައްކަތް ކުރާ ސްޓައިލިސްޓުންނާ މެދު ވެވޭ ބޭއިންސާފެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.