ހަބަރު

އަމީނީމަގުގައި ފެން ހިންދާ ނިޒާމެއް އެމްޑަބްލިއުއެސްސީން ގާއިމްކޮށްފި

Jan 12, 2015

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީ އިން ހިންގާ މަޝްރޫއުގެ ދަށުން ގާއިމް ކުރި ފުރަތަމަ ފެން ހިންދާ ނިޒާމު އަމީނީމަގުގައި ގާއިމްކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ ގިޔާސުއްދީން ސްކޫލް ކައިރީގައި މިހާރު ގާއިމްކޮށްފައިވާ އެ ނިޒާމުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު އޮތީ ސިސްޓަމާ ގުޅާލުމުގެ މަސައްކަތް ކަމަށާއި އެކަން ވެސް ދެތިން ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ޕައިޕްލައިންގެ ހުރިހާ ކަމެއް އެހެރީ ނިމިފައި، ދެން އޮންނާނީ ޕަމްޕް ސްޓޭޝަނާ އެ ނިޒާމު ކަނެކްޓް ކުރުމުގެ މަސައްކަތް، އެކަން ނިމުނީމާ އެ ސިސްޓަމް މަސައްކަތް ކުރަން ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން މާލޭގެ އިތުރު ސަރަހައްދުތަކެއްގައި ވެސް ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ. ދެން އެ ނިޒާމު ގާއިމް ކުރާނީ ސޯޝަލް ސެންޓަރު ކައިރީގައި ކަމަށް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެމްޑަބިލިއުއެސްސީއާ ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ކުރިން މާލޭގެ މަގުތައް ބަލަހައްޓަނީ ކައުންސިލުން ނަމަވެސް ފެން ބޮޑުވާ މައްސަލަ ހައްލު ނުކުރެވޭ ކަމަށް ބުނެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ގެންގޮސްފަ އެވެ.