ފަސްވަމުންދާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ މަގު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރަމުންދާ މަންޒަރު ފެންނަމުންނުދާ ކަމަށާ އެކަން އެގޮތަށް ކުރަނީ އިންތިހާބު ކާމިޔާބު ނުވާނެކަން ޔަގީންވާތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން އަދި ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ތާރީހެއް ޔަގީންނުވެ ފަސްވަމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުުވުމެއް ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނެ މަގު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
އިންތިހާބު ފަސްވެގެންދިއުމަކީ ކެންޑިޑޭޓުންގެ އެތަށް ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތަފާތު ތާރީހުތައް ދެމުންދާއިރު އިންތިހާބަކަށް ތައްޔާރުވާން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ފެށިފައިނުވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން އިންތިހާބުގައި ދެވޭ ވަރަށް ގިނަ ވޯޓް ބާތިލްވުމަކީ ވެދާނެ ކަމެއް. އެހެން ވެއްޖެނަމަ އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށްވާނީ،"
މީގެ އިތުރުން އޮފިޝަލުން ތަމްރީން ކުރުމާއި އިންތިހާބަށް ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަކުރުން ފަދަ ކަންކަމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. ބަޖެޓްގެ ދަތިކަމާއި އެ ނޫންވެސް ބައެއް ކަންކަމަކީ ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަންކަން ނަމަވެސް އެކަންކަން ނުކޮށްދީ ސަރުކާރުން ފަހަތަށް ޖެހެނީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ޔަގީންވާތީ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށާ މިނިވަން އިންތިހާބަކަށް މަގު ފަހިކުރުމަށް މަސައްކަތް ކޮށްދިނުމަށް ގޮވާލައްވާފައެވެ.