ބާސެލޯނާ

ޕެނަލްޓީން ސޮސިއެޑާޑް ބަލިކޮށް ބާސާ ފައިނަލަށް

ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން 4-3 ން މޮޅުވެ، ސުޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ބާސެލޯނާ ދަތުރު ކޮށްފި އެވެ.

ބާސާ ފައިނަލަށް ގެންގޮސް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ގޯލްކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން އެވެ. މެޗު 1-1 ން އެއްވަރުވެ އިތުރު ވަގުތުގެ ދެ ހާފަގައި ވެސް ނަތީޖާއަށް ބަދަލެއް ނައެވެ. ޕެނަލްޓީގައި ޓާސްޓެގަން ވަނީ ސޮސިއެޑާޑްގެ ޖޯން ބައުޓިސްޓާ އަދި މިކެލް އޮޔާޒަބަލް ފޮނުވާލި ޕެނަލްޓީތައް ދިފާއު ކޮށްފަ އެވެ.

ކެޕްޓަން ލިއޮނެލް މެސީއަށް ކުރިމަތިވި އަނިޔާ އާ ގުޅިގެން އޭނާ ބާކީ ކުރުމަށް ފަހު، ކޯޗް ރޮނަލްޑް ކޫމަންގެ ޓީމުން ފުރުސަތު ދިނީ މާޓިން ބްރައިޓްވައިޓަށެވެ. ބާސާގެ ލަނޑު ފުރަތަމަ ހާފުގައި ފްރޭންކީ ޑިޔޯންގް ކާމިޔާބު ކުރީ އެންޓްއާން ގްރީޒްމަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ހާފުގައި ސޮސިއެޑާޑުން ނަތީޖާ ހަމަހަމަ ކުރީ އޮޔާޒަބަލް ކާމިޔާބު ކުރި ޕެނަލްޓީންނެވެ.

ޕެނަލްޓީ ސޫޓްގައި ޑި ޔޯންގް އާއި ގްރީޒްމަން އަށް ޕެނަލްޓީ ކާމިޔާބެއް ނުވި އވެ. ޑި ޔޯންގް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑިއަށެވެ. ގްރީޒްމަން ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ސޮސިއެޑާޑްގެ ފުރަތަމަ ތިން ޕެނަލްޓީ ނާކާމިޔާބު ވި އެވެ. އެ ޓީމުގެ ތިން ވަނަ ޕެނަލްޓީ ވިލިއަން ޖޯޒޭ ފޮނުވާލުމުން އަމާޒުވީ ދަނޑި އަށެވެ.

ސޮސިއެޑާޑްގެ ދެ ޕެނަލްޓީ ކާމިޔަބު ކުރީ މިކެލް މޮރޭނޯ އަދި އަދުނާން ޔަނޫޒައި އެވެ. ބާސާގެ ޕެނަލްޓީތައް ކާމިޔާބު ކުރީ އުސްމާން ޑެމްބެލޭ، މިރެލެމް ޕިއާނިޗް އަދި މެޗުން މޮޅު ކޮށްދިން ޕެނަލްޓީ ޖެހި ރިކީ ޕޫގް އެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ބާސާ އާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ، އެންމެ ފަހު ޗެމްޕިއަން ރެއާލް މެޑްރިޑާއި އެތުލެޓިކް ކުލަބު ބިލްބާއޯ މިރޭ ކުޅޭ މެޗުންނެވެ. ރާއްޖޭގަޑިން ދަންވަރު 1:00 ގައި ކުޅޭ މެޗު މީޑިއާ ނެޓްގެ އައިސް ޓީވީ އިން ވަގުތުން ދައްކާނެ އެވެ.