ލައިފްސްޓައިލް

ސިންޑްރެއްލާ ޖޮބެއް، ފައިވާނަކަށް އަރައިގެން ބޮޑު މުސާރައެއް!

މަސައްކަތެއް ނުކޮށް ފައިސާ ލިބުމަކީ ވަރަށް ގިނަ މީހުންގެ ހުވަފެނެކެވެ. ތަނެއްގައި ރީއްޗަށް އިށީނދެލައިގެން އެއްވެސް ކަމެއް ނުކޮށް އިނދެ ބެންކަށް ބޮޑު މުސާރައެއް ވަންނަ ވަޒީފާއެއް ހަމަ ގައިމުވެސް ވަރަށް ގިނަ ބައެއްގެ ހުވަފެނަކަށް ވާނެ އެވެ. އިނގިރޭސި ވިލާތުގެ ކުންފުންޏަކުން މިހާރު ވަޒީފާއަށް އިއުލާން ކޮށްފައިވަނީ މިފަދަ މަސައްކަތަކަށެވެ. މި ވަޒީފާގައި ކުރަން ޖެހޭނެހާ ވެސް ކަމަކީ އެ ކުންފުނިން ދޭ ފައިވާނަކަށް އަރައިގެން އުޅުމެވެ.

ބެޑްރޫމް އެތުލެޓިކްސް ކިޔާ މި ކުންފުނިން ދެ މަގާމެއް އިއުލާން ކޮށްފައި ވެއެވެ. އަންހެނަކަށާއި ފިރިހެނަކަށެވެ. މި ވަޒީފާގެ ޕްރޮފައިލް އަކީ "ސްލިޕާ ޓެސްޓާ ފޯ 2021" އެވެ. މި ވަޒީފާގައި އުޅޭ މީހުން އެ ކުންފުނިން ޑިޒައިންކުރާ ފަހުގެ ފެޝަންތަކުގެ ފައިވާންތަކަށް އަރައިގެން މަހަކު 24 ގަޑިއިރު އުޅުމެވެ. މިއީ މަހަކު ދެ ދުވަހު 12 ގަޑިއިރު އުޅެން ޖެހޭނެ ވަޒީފާ އެކެވެ. ވީމާ އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ވެސް މި ވަޒީފާގައި ވަރަށް ފަސޭހައިން އުޅެވޭނެ އެވެ. އަދި 12 މަހުގެ ކޮންޓްރެކްޓް ލިބޭ ފަރާތަކަށް 12 ޖޯޑު ފައިވާން ވެސް ހިލޭ ލިބޭނެ އެވެ. އަދި ބޮޑު މުސާރައެއް ވެސް ލިބޭނެ އެވެ.

މި ކުންފުނީގެ ވެބްސައިޓްގައިވާ މި ވަޒީފާގެ އެނައުންސްމަންޓްގައި ބުނެފައިވަނީ ދުނިޔޭގެ މި ސިންޑްރެއްލާ ވަޒީފާ ދެ ކެންޑިޑޭޓަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެއީ އަންހެނަކަށާއި ފިރިހެނަކަށް ކަމަށާއި މި މީހުންގެ މުސާރައަކީ މަހަކު 333 ޕައުންޑް ކަމަށް ވެސް މި އިއުލާނުގައި ބުނެފައި ވެއެވެ.

އިނގިރޭސި ވިލާތުގެ "ދަ ސަން" އާ ވާހަކަ ދައްކަމުން އެ ކުންފުނީގެ ޑައިރެކްޓަރު ހޯވާޑް ވެޓާ ބުނީ ރީތި ފައިވާނަށް އަރައިގެން އުޅެން ބޮޑު މުސާރައެއް ދިނުމަކީ އެ ވަޒީފާއަށް ހޮވޭ މީހުންނަށް ފެއަރީ ޓޭލް އެއް ފަދަ ކަމެކެވެ. ނަމަވެސް މިކަމަކީ އެ ކުންފުންޏަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ އެ ކުންފުނިން އުފައްދާ ފައިވާންތަކަކީ ފަޔަށް އަރާމު ލިބޭ ފައިވާންތަކެއް ކަން ޔަގީންކުރުމަށެވެ. އެހެންކަމުން ރަސްމީކޮށް "ބްރޭންޑް ޓެސްޓާ" އައްޔަންކުރުމަކީ އެ ކުންފުނިން އުފައްދާ ބްރޭންޑްތަކުގެ ފެންވަރު ރަނގަޅުކުރަން ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އިންޑިޔާގެ ބެންގަލޫރޫގެ ކުންފުންޏަކުން 2019 ވަނަ އަހަރު މިފަދަ ވަޒީފާއަކަށް މީހުން ހޯދި އެވެ. އެ ފަހަރު އިއުލާންކުރީ "ސްލީޕިން އިންޓާންޝިޕް" އަށެވެ. މަހަކު އެއްލައްކަ ރުޕީސް ލިބޭ މި ވަޒީފާގައި ކެންޑިޑޭޓުންނަށް ޖެހެނީ ކޮންމެ ދުވަހަކު ނުވަ ގަޑިއިރު ނިދާށެވެ.