ލައިފްސްޓައިލް

ސަލާމެއް ނުބުނެ 70 އަހަރު ވަޒީފާގައި

ކޮންމެ އޮފީހެއްގައި ވެސް އަދި ކުންފުންޏެއްގައި ވެސް ހުރި އެންމެ އަގުހުރި އެއް އެސެޓަކީ އެ އޮފީހެއްގެ މުވައްޒަފުންނެވެ. އިނގިރޭސި ވިލާތުގެ ފައިވާން އުފައްދާ ކުންފުންޏަކުން މީގެ 70 އަހަރު ކުރިން މުވައްޒަފަކަށް ވަޒީފާ ދިނެވެ. އެ މީހާގެ މުޅި ހަޔާތް ވޭތު ކޮށްފައިވަނީ އެ ކުންފުނީގައި މަސައްތް ކުރުމުގަ އެވެ. ދުވަހަކުވެސް ސަލާމެއް ނުބުނެ އެވެ.

ޔޫކޭގެ ކްލާކްސް ޝޫ ފެކްޓްރީގައި ބްރައަން ޗޯލޭ މަސައްކަތް ކުރަން ފެށީ 1953 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 15 އަހަރެވެ. އެހާ ޅަ އުމުރުގައި އޭނާ މަސައްކަތް ކުރަން ފެށި ނަމަވެސް ބްރައަން ވަނީ މަސައްކަތުގައި ނަމޫނާ ދައްކާފަ އެވެ. މަސައްކަތަށް ފަރުވާ ބެހެއްޓުމާއި ސަލާމެއް ނުބުނެ ގަޑީ ނުޖެހި އޮފީހަށް އައިސް ވަފާތެރިކަމާއެކު ބުރަ މަސައްކަތް މިހާތަނަށް ވެސް އޭނާ ދެމި އެބަހުއްޓެވެ.

ބްރައަން ފުރަތަމަ ވަޒީފާއަކަށް ދާން ފެށީ ސްކޫލްގައި ކިޔަވަމުން ލިބޭ ހުސް ވަގުތު އެވެ. އިނގިރޭސި ވިލާތުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބްރައަން ބުނީ އޭނާ އެހާ ޅަ އުމުރުގައި މަސައްކަތް ކުރަން ފެށުމުން އޭނާގެ ބައްޕަ ވެސް އެކަމާ ސުވާލު ކުރި ކަމަށެވެ. އަދި އެއީ އެމީހުން ފަގީރުކަމުން އިތުރު އާމްދަނީއެއް ހޯދަން ކަމަށް އޭރު އޭނާ ބައްޕަ ކައިރި ބުނިކަމަށް ބްރައަން ބުންޏެވެ.

ބްރައަންގެ އާއިލާ އެ ދުވަސްވަރު އުޅުނީ ވަރަށް ފަގީރު ހާލުގަ އެވެ. އެހެންވެ ސްކޫލަށް ދަމުން އޭނާ ޕާޓްޓައިމްކޮށް މަސައްކަތް ކުރަން ފެށީ އެވެ. އަދި އެ މަސައްކަތުން ލިބޭ ފައިސާގެ ދެބައިކުޅަ އެއްބައި މަންމައަށް ދެމުން ދިޔަ އެވެ.

ބްރައަންގެ އުމުރުން މިހާރު 83 އަހަރު ފުރިއްޖެ އެވެ. ނަމަވެސް ރިޓަޔާ ކުރުމުގެ ވިސްނުމެއް އަދިވެސް އޭނާގެ ނެތެވެ. އޭނާ ބުނި ގޮތުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މީހެއްގެ ރެކޯޑް އޮތް ޑޭވިޑް އެޓޭންބޮރޯގް އުމުރުން 95 އަހަރު ވަންދެން ވަޒީފާ އަދާކޮށްފައި ވެއެވެ. އެހެންވެ އެ ރެކޯޑް މުގުރާލުމަކީ ބްރައަންގެ އުންމީދެވެ.