ކޮންމެ ލޯބީގެ ވާހަކައެއްގެ ނިމުން އުފާވެރިއެއް ނުވާނެ އެވެ. އިންޑިޔާގެ ބެންގަލޫރޫގައި ދިރިއުޅޭ 21 އަހަރުގެ މި ފިރިހެން ޒުވާނާގެ ލޯބީގެ ވާހަކައިން މިއީ ތެދެއްކަން ޔަގީން ކުރެވެ އެވެ. މި ޒުވާނާއާ އޮންލައިނުން ބައްދަލުވި ލޯބިވެރިޔާގެ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި އޭނާ 2000 ކިލޯ މީޓަރުގެ ދުރު ރާސްތާއެއް ކަޑައްތުކޮށް ލޯބިވެރިޔާ ހުންނަ ރަށަށް ދިޔަ އެވެ. ނަމަވެސް ކަންވީ އޭނާ އުންމީދުކުރި ގޮތަކަށް ނޫނެވެ. ލޯބިވެރިޔާގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ބަދަލުގައި އެ ޒުވާނާއަށް އެރޭ ހަތަރު ދަމު ހޭދަ ކުރަން ޖެހުނީ ޕޮލިސް ސްޓޭޝަނުގަ އެވެ.
އަސްލު ލޯބިވެރިޔާގެ ގެއަށް އެހާ ދިގު ދަތުރެއް ކޮށްފައި ޒުވާނާ ދިޔަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަންހެންކުއްޖާ އޭނާއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ އެމީހުންގެ އެއްވެސް ގުޅުމެއް އޮތް ކަމަށް އެއްބަސް ނުވީ އެވެ. އެހިސާބުން އަންހެންކުއްޖާގެ މައިންބަފައިން ޕޮލިހަށް ގުޅައިގެން އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ އެވެ.
މި ފިރިހެންކުއްޖާ ބެންގަލޫރޫން އަންހެންކުއްޖާ ހުންނަ ރަށް ކަމަށްވާ ލަކަނޫއަށް ދަތުރުކުރީ ފްލައިޓުގަ އެވެ. އަދި ލަކަނޫއިން ބަހުގައި އަންހެންކުއްޖާ ހުންނަ ރަށް، ލަކިމްޕޫރު ކެރީ އަށް ދަތުރު ކުރީ އެވެ. އުފަން ދުވަސް ފާހަގަ ކުރެވޭހާ ވަގުތު އޮއްވާ އޭނާއަށް އަންހެންކުއްޖާގެ ގެޔަށް ދެވުނެވެ. އޭނާ ދިޔައީ ޗޮކްލެޓާއި ޓެޑީ ބެއާއެއް އަދި އެނޫންވެސް ބައެއް ހަދިޔާ ހިފައިގެންނެވެ. ނަމަވެސް ހަދިޔާތައް ވެސް ރައްދު ނުކުރެވި އަންހެންކުއްޖާގެ އާއިލާއިން އޭނާ ފުލުހުންނާ ހަވާލުކުރީ އެވެ.
ސަލްމާން ނަމަކަށް ކިޔާ މި ޒުވާނާ އަކީ އުއްތަރު ޕްރަދޭޝްގެ ޑެއޯރިއާގެ މީހެކެވެ. ބެންގަލޫރޫގައި އޭނާ އުޅެނީ މެކެނިކެއްގެ ވަޒީފާގަ އެވެ.
މިހާރު ސަލްމާން ޕޮލިސް ސްޓޭޝަނުން ދޫކޮށްލާފައި ވިޔަސް އަންހެންކުއްޖާގެ ގެއާ ކައިރިއަށް ވެސް އޭނާއަށް ދިއުން މަނަލެވެ.
ސަލްމާން ބުނި ގޮތުގައި އަންހެންކުއްޖާ އާ އޭނާ ލޯބީގެ ގޮތުން ގުޅުނީ އޮންލައިންކޮށް ބައްދަލުވެ ވާހަކަ ދައްކަމުން ގޮހެވެ. އެހާ ދިގު ދަތުރެއް ކޮށްފައި އޭނާ ލޯބިވެރިޔާގެ ގެޔަށް ދިޔައީ އުފަން ދުވަހުގެ ހަދިޔާ ދޭށެވެ. ނަމަވެސް އަންހެންކުއްޖާގެ އާއިލާއަށް އޭނާއާ ދޭތެރޭ ޝައްކު ވެގެން ޕުލުހުންނަށް ގުޅީ އެވެ.
ނަސީބަކުން މި ޒުވާނާގެ އަތުގައި އަނބުރާ ދާނެ ޓިކެޓާއި ފައިސާ ހުއްޓެވެ. ވީމާ މާ ބޮޑު މައްސަލައަކަށް ނުވެ އޭނާއަށް އަނބުރާ ބެންގަލޫރޫއަށް ދެވޭގޮތް ވިއެވެ.