ލައިފްސްޓައިލް

ޓެލްކަމް ޕައުޑަރު އެޅި 9000 ކިލޯ ލޮލީޕޮޕް އަތުލައިފި

އިންޑިޔާގެ މަދްޔަޕްރަދޭޝްގެ އިންދޯރުގެ ފެކްޓްރީއެއްގައި ތައްޔާރު ކޮށްފައި ހުރި 9000 ކިލޯގެ ލޮލީޕޮޕް އާއި މެޓާ ތައްޔާރު ކޮށްފައި ހުރީ ޓެލްކަމް ޕައުޑަރު އަޅައިގެން ކަން ފަޅާ އަރައި ގިނަ ބަޔަކަށް ޝޮކެއް ލިބިއްޖެ އެވެ.

ލޮލީޕޮޕް އާއި މެޓަޔަކީ އާއްމުކޮށް ކުޑަކުދިން ކައި އުޅޭ އެއްޗިއްސަށް ވެފައި ޓެލްކަމް ޕައުޑަރު ކަހަލަ އިންސާނުން ކާން ހެޔޮ ނުވާ ވަރުގެ އެއްޗެއް މި އެއްޗެތި ތައްޔާރު ކުރުމުގައި ބޭނުން ކޮށްފައި ހުރުމަކީ ވަރަށް ނުރައްކާތެރި ސިއްހީ މައްސަލައެއް ކުރިމަތިވެދާނެ ފަދަ ކަމެކެވެ.

މިކަން ފަޅާ އެރީ އިންޑިޔާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެ ފެކްޓްރީއަށް ކުއްލިއަކަށް ވަދެ ހިންގި އޮޕަރޭޝަނަކުންނެވެ.
މިތަން ރެއިޑްކޮށް އެތަނުން 9000 ކިލޯގެ ލޮލީޕޮޕާއި މެޓާ އަތުލައިގަނެފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 4200 ކިލޯގްރާމް ލޮލީޕޮޕާއި 5،600 ކިލޯގްރާމް ކެންޑީޒް އެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެފްޑީއޭ އިން މި ފެކްޓްރީ ރެއިޑްކޮށް ބެލި ބެލުމުން އެ ފެކްޓްރީގައި މެޓާ އާއި ލޮލީޕޮޕް ފަދަ ތަކެތި އުފައްދަމުން ދަނީ ވަރަށް ސާފު ތާހިރުކަން ކުޑަ ގޮތަކަށް ކަން ވެސް ފަޅާ އަރާފައިވާ ކަމަށެވެ. އަދި ކެންޑީޒްތަކުގައި އާއްމުކޮށް ކާން ބޭނުން ކުރަން ހެޔޮ ނުވާ ވަރުގެ އެއްޗެތި އަޅާފައި ހުރިކަން ވެސް ވަނީ ފަޅާ އަރާފަ އެވެ. އަދި ލޭބަލް ކުރުމުގެ ގަވާއިދާ ޚިލާފު ވުމާއި އެނޫން ވެސް މުދާ އުފެއްދުމާއި ލޭބަލް ކުރުމުގެ ގަވާއިދުތަކާ މި ފެކްޓްރީން ހިލާފުވެފައިވާ ކަމަށް އެފްޑީއޭ އިން ބުނެފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން އިންދޯރުގެ އެޑިޝަނަލް ކަލެކްޓާ އަބޭ ބެޑޭކަރް ވިދާޅުވީ އެ ފެކްޓްރީ ރެއިޑްކޮށް ބެލި ބެލުމުން ގޯންޏެއްގައި ހުރި ހުދުކުލައިގެ ފުށެއް ފެނިފައި ވެއެވެ. އެ ފުށް ޓެސް ޓްކުރިއިރު އެއީ ޓެލްކަމް ޕައުޑަރުކަން ޔަގީން ކުރެވުނެވެ. އަދި އެ ޕައުޑަރު ލޮލީޕޮޕާއި ކެންޑީޒް އުފެއްދުމުގައި ބޭނުން ކުރާކަން ވެސް ޔަގީން ކުރެވުނެވެ.

މިހާރު މި ފެކްޓްރީގެ ވެރިންނަށް ދައުވާ ކުރަން ތައްޔާރު ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.