ބޮލީވުޑް

ވަރުން އާއި ނަތާޝާގެ ކައިވެނި މި މަހު އަލީބާގްގައި

ކޮވިޑް-19 އިގެ ޕެންޑެމިކްގެ ސަބަބުން ބޮލީވުޑްގެ ވަރަށް ގިނަ ލޯބީގެ ޖޯޑުތަކަށް ކައިވެނި ކުރެވޭގޮތް ވަނީ ނުވެފަ އެވެ. އެހެންވެ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 2021 ގައި ކައިވެނި ކުރެވޭތޯ ބައެއް އެކްޓަރުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން އެންމެ ފުރަތަމަ މިއަހަރު ކުރާނެ ކައިވެންޏެއް ކަމުގައި މިހާރު ލަފާ ކުރެވެނީ ވަރުން ދަވަން އާއި ނަތާޝާ ދަލާލްގެ ކައިވެންޏެވެ. ކުޑައިރުއްސުރެ ރައްޓެހިވެގެން އުޅޭ މި ދެ މީހުން ކުރިން ކައިވެނިކުރަން އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން އެކަން ކުރެވޭގޮތް ނުވީ އެވެ.

އިންޑިޔާގެ ނޫސްތަކުން އިއްޔެ ބުނެފައިވަނީ މިހާރު އިންޑިޔާގެ އަލީބާގްގައި މި ކައިވެނި މި މަހުގެ ތެރޭގައި ކުރުމުގެ ތައްޔާރީތައް މިހާރު ދެ ފަރާތުގެ އާއިލާއިން ފަށާފައިވާ ކަމަށެވެ.

"މި ރަސްމިއްޔާތުގައި 200 ވަރަކަށް މެހެމާނުން ބައިވެރިވާނެ. އަދި މިއީ ޕަންޖާބީ ސްޓައިލަށް ކުރެވޭ ވަރަށް ވަރުގަދަ ކައިވެންޏަކަށް ވެގެން ދާނެ،" ޕިންކްވިލާ އޮންލައިން ނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ނަތާޝާ އާ ވަރުން ރައްޓެހިވީ ވަރަށް ކުޑައިރު ނަމަވެސް ފިލްމީ މަސައްކަތް ފަށައިގެން އެތައް އަހަރެއް ވަންދެން އޭނާގެ ލޯބިވެރިޔަކު ހުންނަ ކަމަށް ވަރުން ވަނީ އިންކާރުކޮށްފަ އެވެ. ނަތާޝާގެ ވާހަކަ މީޑީއާގައި ވަރުން ދައްކަން ފެށީ އަދި އެއީ އޭނާ ކުޑައިރުއްސުރެ ލޯބިވެގެން އުޅޭ ލޯބިވެރިޔާކަން ހާމަކުރީ ވަރަށް ފަހުންނެވެ.

ދާދިފަހުން ވަރުން ދީފައިވާ އިންޓަވިއު އެއްގައި ނަތާޝާ އާ ވަރަށް އަވަހަށް ކައިވެނިކުރަން ރާވަމުންދާކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ އަންބަކަށް ވާން އެންމެ ކަމުދާ އަދި ހިތްހަމަޖެހޭ އަންހެންކުއްޖަކީ ހަމައެކަނި ނަތާޝާކަން ޔަގީންކަމަށް ވަރުން ބުނެފައި ވެއެވެ.

"ފާއިތުވީ ދެ އަހަރުއްސުރެ އެންމެން ދައްކަނީ އަހަރެންގެ ކައިވެނީގެ ވާހަކަ. ނަމަވެސް އަދި އެއްވެސް ވާހަކައެއް ޔަގީންކަމާއެކު ބުނެވޭކަށް ނެތް. ދުނިޔެ މިހާރު އޮތް ހާލަތުން އެފަދަ ކަމަކަށް ވިސްނަން ވެސް ދަތީ. ނަމަވެސް ކަންކަން ހަމަޔަޅަކަށް އެޅުނުހާ އަވަހަކަށް ކައިވެނިކުރަން ގަސްތުކުރަން. ފަހަރެއްގައި އެއީ މިއަހަރު ތެރޭ ކަމަށް ވެސް ވެދާނެ. ހަމަ ޔަގީނުންވެސް ވަރަށް އަވަހަށް އެކަންކުރަން އެބަ ރާވަން،" ވަރުން ބުނެފައި ވެއެވެ.

ވަރުން އާއި ނަތާޝާ އެންގޭޖްވީ ވާހަކަ އެއްވެސް މިދިޔަ މަހު މީޑިއާތަކުން ފެތުރި އެވެ. އެއީ ކަރީނާ ކަޕޫރުގެ ރޭޑިއޯ ޝޯއެއްގައި ބައިވެރިވެ ނަތާޝާ އަކީ ވަރުންގެ ފިއޯންސޭ (އެންގޭޖްވެފައިވާ މީހާ)ކަމަށް ކަރީނާ ބުނުމުންނެވެ. މި ވާހަކަތައް ފެތުރުނަސް ވަރުން މިކަން ދޮގު ކޮށްފައެއް ނުވެ އެވެ. އެހެންވީމާ ހަގިގަތުގައި ވެސް މި ކައިވެނި ވަރަށް އަވަހަށް ކުރާނެކަމަށް ގިނަބަޔަކު ގަބޫލު ކުރެ އެވެ.